އެމްއޭސީއެލްގައި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި އެމްއޭސީއެލްގެ ”ހުނަވަރު“ ޕްރޮގްރާމްގެ ދަސްވެނިވުމުގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަސްވާޑް ވިދާޅުވީ އެމްއޭސީއެލްގައި މިފަދަ ޕްރޮގްރާމެއް ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ. އެމްއެސީއެލްގައި ވަޒީފާ އަދާ ކުރުމަކީ ލިބިގެންދާ ފަހުރެއް ކަމަށް އަސްވާޑް ވިދާޅުވިއެވެ.
އަސްވާޑް ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ވިޔަފާރިވެރިއަކާއި ބައްދަލުކުރެއްވި ކަމަށާއި އެ ބައްދުލުވުމުގައި ޒުވާނުންނާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން ޒުވާނުންނަށް ކާމިޔާބުވާން ދޭން ބޭނުންވަނީ ކޮންހަކަލަ މެސެޖެއްތޯ އައްސަވާފައިވާ ކަމަށް އަސްވާޑް ވިދާޅުވިއެވެ.
”ވިދާޅުވީ މިހާރު ޖުމްލަކޮށް އެކުދިން ކީއްހެއްޔޭ ކުރަނި. އަޅުގަނޑު ދެންނެވިން އެކުދިން ސްކޫލު ނިންމަފައި ވަޒީފާއަށޭ ގިނަ ކުދިން ދަނީ. ވިދާޅުވީ ތިމަންނައަށް ފެންނަ ގޮތުގައި ކާމިޔާބަކީ ތައުލީމޭ. ވަޒީފާއަށް ދިއުމުގެ އިތުރަށް އެ ނޮލެޖު ހުރެގެން ތައުލީމް ލިބިގެންނޭ ކާމިޔާބު މީހަކަށް ނުވަތަ ކާމިޔާބު ޒުވާނަކަށް ވެވޭނީ. އެހެންވީމާ އަޅުގަނޑު ޒުވާނުންނަށް ކަމެއްގައި މެސެޖެއް ދެންޏާއި، އަބަދުވެސް ހިއްވަރުދޭށޭ ކިޔަވަން“
އަސްވާޑް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމުގެ ތެރެއިން އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބައެއް ކަމަށެވެ. މި ޕްރޮގްރާމްގެ ތެރެއިން 300 އަށްވުރެ މަތިން ޒުވާނުން ނެރެވުނު ކަމަށް އަސްވާޑް ވިދާޅުވިއެވެ. އެއީ ދުވާލަކަށް ކުއްޖެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަސްވާޑް ވިދާޅުވީ މި މަސައްކަތް އިތުރަށް ކުރިއަށް ގެނދެވޭތޯ ބުރަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އެގޮތުން މި މަސައްކަތައި އެންމެ އިސްކޮށް ހަވާލުވެވަޑައިގެން ހުންނެވީ ޑެޕިއުޓީ މިނިސްޓަރ އަސީލް ކަމަށް އަސްވާޑް ފާހަގަކުރެއްވިއެވެ.

