އއ. މާޅޮހު، އޯކިޑުމާގެ އަބްދުއްރަހްމާން އާދަމަށް ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލިކަމުގެ ތުހުމަތަށް ހައްޔަރު ކުރި ތިން ޒުވާނުންގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ހާދިސާއަށް މަހަކަށް ވުރެ ގިނަ ދުވަސް ފަހުން އަބްދުއްރަހްމާން މަރާލިކަމުގެ ތުހުމަތަށް ފުލުހުން ހައްޔަރު ކުރީ މާޅޮހުގެ ތިން ޒުވާނެކެވެ. ކުށުގެ ރެކޯޑެއް ވެސް ނެތްކަމަށް ބުނާ އެ ތިން މީހުންނަކީ އުމުރުން 22 އަހަރުގެ އެ ރަށު ލިލީފެހި މުހައްމަދު ވިޝާމާއި، އުމުރުން 27 އަހަރުގެ އެ ރަށު ފިނިވާގެ އަހުމަދު ފާރިސްގެ އިތުރުން، ފިޔަ، އުމުރުން 27 އަހަރުގެ އަހުމަދު އާޝިދެވެ.
ތިން މީހުން ވެސް ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ނެރެފައި ވަނީ ފާރިސްއާއި، ވިޝާމްގެ މައްޗަށެވެ. އާޝިދުގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ.
ތިން މީހުންގެ ތެރެއިން އާޝިދު ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ.
މި މައްސަލައިގައި މިހާރު ވާހަކަ ދެކެވޭ ގޮތުގައި، ހައްޔަރު ކުރި މީހުންނަށް ކޮންމެވެސް ވަރަކަށް ތުހުމަތުގެ އިނގިލިތައް އަމާޒު ވެސް ކުރެވުނެވެ. އެއްކޮށް އުޅޭކަމަށް ބުނާ މި ތިން ޒުވާނުންގެ ތެރެއިން ފާރިސް އަބްދުއްރަހްމާންގެ ދަރިއަކަށް އޭނާ މަރާލި ދުވަހު ގުޅިކަމަށް ވެއެވެ. ގުޅީ ކީއްވެގެންތޯ ސުވާލު ކުރުމުން އެއީ ގޭދޮށަށް މީހުން އެއްވެފައި އޮތުމުން ވެގެން އުޅޭގޮތް ބެލުމަށްކަމަށް އޭނާ ބުނެފައިވީ ނަމަވެސް ފާރިސް ގުޅި ވަގުތަކީ އަބްދުއްރަހްމާން މަރާލާފައިވާކަން ރަށުގެ ރައްޔިތުންނަށް އެނގުމުގެ މާ ކުރިކަމަށް މައުލޫމާތު ލިބެއެވެ.
ތިން މީހުންނަކީ ވެސް އެކި ވަޒީފާތަކުގައި އުޅޭ މީހުންކަމަށްވާއިރު ފާރިސް ވަޒީފާ އަދާކުރަނީ އެ ރަށު ފެނަކަ ބްރާންޗުގަ އެވެ. އެ އޮފީސް ހުންނަނީ، އަބްދުއްރަހްމާންގެ ގެއާއި ކައިރީގަ އެވެ.
އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގައި އެ ތިން މީހުން ހައްޔަރު ކުރުމުން، އަނެއްކާވެސް އެއީ ސިހުރުގެ މައްސަލައެއްކަމަށް ބުނެ ރަށުގެ ތެރޭގައި ދެކެވޭ ވާހަކައިގެ އަޑު ވަނީ އަނެއްކާވެސް ގަދަވެފަ އެވެ. އެއީ ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު އޭނާއަށް މީގެ ކުރިން ވެސް އެ ތުހުމަތުކޮށްފައިވާތީކަމަށް މައުލޫމާތު ލިބެއެވެ.

