މުޖުތަމަޢުގެ ތަރައްޤީއާއި ފުރިހަމަކަމަށް މީޑިއާގެ ދައުރު ވަރަށް ވެސް ބޮޑެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެވެ. އެހެންނަމަވެސް، ކޮންމެ ޙައްޤަކާއެކުވެސް އަންނަނީ އެ ޙައްޤާ ގުޅުންހުރި ޒިންމާތަކެކެވެ. މި ޙައްޤުތަކުގެ ބޭނުން ހިފައިގެން ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ނުވަތަ އެހެން ފަރުދުންނަށް ގެއްލުން ލިބޭފަދަ ޢަމަލުތައް ހިންގުމަކީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
މީޑިއާގެ ދާއިރާއަށް ނަޒަރު ހިންގާލާއިރު، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލުމުގެ ޚިޔާލަކީ މި ދާއިރާގައި ދިގު މުއްދަތެއް ވަންދެން ދެކެވެމުން އަންނަ ވާހަކައެކެވެ. މި ކަމަށް ޢާންމު ގޮތެއްގައި ތާއީދު ލިބުނު ނަމަވެސް، އައު މީޑިއާ ކޮމިޝަނުގެ މެންބަރުން ޢައްޔަންކުރާނެ ގޮތާއި، ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގެ ބާރާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ވަނީ ފާޅުކުރެވިފައެވެ. މިފަދަ ބިލެއް ހުށަހެޅުމާއެކު، މީޑިއާގެ މިނިވަންކަމަށް އުނިކަން އަތުވެދާނެކަމުގެ ބިރުވެރިކަން ވަނީ ފާޅުވެފައެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ބަލާއިރު، ތަހުޒީބު ޤައުމުތަކުގައި މީޑިއާ ރެގިއުލޭޓްކުރުމުގައި މީޑިއާތަކުގެ ބައިވެރިވުން ހިމެނޭކަން ފާހަގަކުރެވެއެވެ. މިސާލަކަށް އިނގިރޭސިވިލާތުގެ އޮފްކޮމް އަދި އައިޕީއެސްއޯ ފަދަ މުއައްސަސާތަކުގައި މީޑިއާގެ ތަޖުރިބާކާރުން ހިމެނޭއިރު، މި މުއައްސަސާތައް ޖަވާބުދާރީވަނީ ޤާނޫނު ހަދާ މަޖިލީހަށެވެ. މީގެ އިތުރުން، ސިންގަޕޫރު ފަދަ ޤައުމުތަކުގައިވެސް ސަރުކާރުން މެންބަރުން ޢައްޔަންކުރާ އުސޫލު ގެންގުޅެއެވެ. މި ޤައުމުތަކުން ފެންނަނީ މީޑިއާގެ ދާއިރާ ރެގިއުލޭޓްކުރުމުގެ ބާރު، އެކަށީގެންވާ ފަރާތްތަކަށް ލިބިދީީފައިވާ ނަމޫނާއެކެވެ.
ފިިޔަވަޅު އެޅުމުގެ ނިޒާމަށް ބަލާއިރު، އިނގިރޭސިވިލާތުގެ ރެގިއުލޭޓަރީ އިދާރާތަކަށް މީޑިއާ ވަސީލަތްތައް ޖޫރިމަނާކުރުމުގެ ބާރު ލިބިދީފައިވީ ނަމަވެސް، ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރެއް ނުލިބެއެވެ. އެހެންނަމަވެސް، ޒާތީ މަޢުލޫމާތު ނުވަތަ ޤައުމީ ސަލާމަތާ ގުޅުންހުރި މަޢުލޫމާތު ހާމަކުރުން، ނުވަތަ އަބުރާބެހުން ފަދަ ކަންކަމުގައި ދަޢުވާކުރުމުގެޙައްޤު އާންމު ފަރުދުންނަށް ލިބިގެންވެއެވެ. އަދި މިފަދަ ޙާލަތްތަކުގައި ނޫސްވެރިންވެސް ޤާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާންޖެހެއެވެ. ސިންގަޕޫރުގައިވެސް އަބުރާބެހުމާ ގުޅޭ ހަރުދަނާ ޤާނޫނުތަކެއް ޤާއިމުކުރެވިފައިވެއެވެ. މިއީ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއެކު، ޒިންމާދާރުކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލެވިފައިވާ ނިޒާމުތަކެކެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން އިސްލާމީ އުސޫލުތަކާ ޚިލާފުނުވާ ގޮތުގެމަތިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދެއެވެ. ނަމަވެސް، ކުރިން ފާހަގަކުރެވުނު ފަދައިން، ކޮންމެ ޙައްޤަކާއެކުވެސް ޒިންމާއެއް އޮންނަންޖެހެއެވެ. ރާއްޖޭގެ މީޑިއާ ރެގިއުލޭޝަން ކޮމިޝަން ވާންޖެހޭނީ، ވަކި ފަރުދަކަށް ގިނަ ނޫސްތަކެއް ރަޖިސްޓަރީކޮށް މުޅި މީޑިއާ ދާއިރާ ކޮންޓްރޯލްކުރެވޭ ނިޒާމަކަށް ނޫނެވެ. އަދި ސަރުކާރަށް މާލީ ބުރައެއް އުފުލަންޖެހޭފަދަ ބޮޑެތި ޖޫރިމަނާތަކެއް ކުރުމުގެ ބާރު އެ ކޮމިޝަނަށް ދިނުމަކީވެސް އެކަށީގެންވާ ކަމެއް ނޫނެވެ. ސަރުކާރަށް ނުވަތަ އެހެން ފަރާތަކަށް ހައްދުފަހަނައަޅާފައިވާ ބާރެއް ލިބިއްޖެނަމަ، އެއީ މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމެކެވެ.
އެހެންކަމުން، ދިވެހިރާއްޖެއަށް މުހިންމުވަނީ ނޫސްވެރިންނަށް ޒިންމާދާރުކަމާއެކު މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކުރުމެވެ. މިގޮތުން، ތަޖުރިބާކާރު، މިނިވަން އަދި ޢިލްމީ ބައެއް ހިމެނޭ، ވަކި މީޑިއާއެއްގެ ނުފޫޒުން އެއްކިބާވެފައިވާ، އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމާއި ތަންފީޛުކުރުމުގެ ބާރު ލިބިގެންވާ ކޮމިޝަނެއް އުފެއްދުމަކީ މުހިންމު ކަމެކެވެ. މި ކޮމިޝަނުގެ މަސްއޫލިއްޔަތު ވާންޖެހޭނީ ހަމައެކަނި އެވޯޑު ދިނުމާއި ބަޔާން ނެރުމަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ މުއައްސަސާއަކަށެވެ.
މީޑިއާގެ ދާއިރާއަކީ މުޖުތަމަޢުގެ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާ ބާރުގަދަ ވަސީލަތެކެވެ. އެހެންކަމުން، މި ބާރުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއެކު، އެކަށީގެންވާ ހުދޫދުތަކެއް ކަނޑައެޅިފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ޙަޤީޤަތުގައިވެސް، އެއްވެސް ބާރަކީ ހުދޫދެއްނެތި ލިބިދެވޭނެ ބާރެއް ނޫނެވެ. މީޑިއާގެ މިނިވަންކަމާއި ޒިންމާދާރުކަން އެކުގައި ދެމެހެއްޓުމަށްޓަކައި، ހަރުދަނާ އަދި ވަޒަންކުރެވޭ ނިޒާމެއް ޤާއިމުކުރުމަކީ މުޖުަމަޢުގެ ލާބައާއި މަންފާއަށް މިއަދު ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މި ނިޒާމުގެ ދަށުން، މީޑިއާގެ ވަސީލަތްތަކަށް އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފުރިހަމަ މިނިވަންކަން ލިބިދޭންވާނެއެވެ. އެހެންނަމަވެސް، މި މިނިވަންކަމާއެކު އަންނަ ޒިންމާދާރުކަން ދެމެހެއްޓުމަށްޓަކައި، އެކަށީގެންވާ ބެލެހެއްޓުމުގެ ނިޒާމެއް ޤާއިމުކުރެވިފައި އޮންނަންވާނެއެވެ. މިގޮތުން، މީޑިއާ ކޮމިޝަނުގެ މެންބަރުން ޢައްޔަންކުރުމުގައި ހާމަކަން ބޮޑު، ޕްރޮފެޝަނަލް މިންގަނޑުތަކަށް ބަލައި، މީޑިއާގެ ދާއިރާގެ ތަޖުރިބާކާރުންނާއި ޤާނޫނީ ދާއިރާގެ މާހިރުން ހިމެނޭ ގޮތަށް މެންބަރުން ހޮވުމަކީ މުހިންމު ކަމެކެވެ.
ފިޔަވަޅު އެޅުމުގެ ނިޒާމު ބައްޓަންކުރަންވާނީ ވަކިވަކި ނޫސްވެރިންނަށް ސީދާ އަމާޒުކޮށްގެން ނޫން ގޮތަކަށެވެ. ބަދަލުގައި، މީޑިއާ ވަސީލަތްތަކަށް ޒިންމާދާރުކަމާއެކު ޢަމަލުކުރުމަށް ބާރުއަޅައި، ޚިލާފުވާ ޙާލަތްތަކުގައި އެކަށީގެންވާ ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމުކުރަންވާނެއެވެ. މިގޮތުން، އިންޒާރު ދިނުމާއި، އިޞްލާޙީ ފިޔަވަޅުތައް އެޅުމާއި، އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ޖޫރިމަނާކުރުން ފަދަ ކަންކަން ހިމެނިދާނެއެވެ. ނަމަވެސް، މި ފިޔަވަޅުތައް އަޅަންވާނީ ވަރަށް ސާފުކޮށް ކަނޑައެޅިފައިވާ މިންގަނޑުތަކަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
މީގެ އިތުރުން، މީޑިއާ ކޮމިޝަނުގެ ނިންމުންތަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް އިސްތިއުނާފުކުރުމުގެ ފުރުޞަތު ލިބިދޭންވާނެއެވެ. މިކަން ކުރެވިދާނެ ގޮތްތަކުގެ ތެރޭގައި، ކޮމިޝަނުގެ ނިންމުންތައް ޝަރުޢީ ކޯޓުތަކުގައި ޗެލެންޖުކުރުމުގެ ފުރުޞަތު ހުޅުވާލުން ހިމެނެއެވެ. މިފަދަ ނިޒާމެއްގެ ސަބަބުން، މީޑިއާ ކޮމިޝަނުގެ ބާރުތަކަށް އިތުރު ހަމަހަމަކަމަކާއި ޖަވާބުދާރީވުމެއް ގެނެސްދެވޭނެއެވެ.
އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގެ މީޑިއާގެ ދާއިރާ ތަރައްޤީކޮށް، ޒިންމާދާރު އަދި ޕްރޮފެޝަނަލް ނޫސްވެރިކަމެއް ކުރިއެރުވުމަށްޓަކައި، ހަރުދަނާ އަދި ވަޒަންކުރެވޭ ނިޒާމެއް ޤާއިމުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިފަދަ ނިޒާމެއްގެ ސަބަބުން، މީޑިއާގެ މިނިވަންކަން ރައްކާތެރިކުރެވި، އެއާއެކު ޒިންމާދާރުކަންވެސް ކަށަވަރުކުރެވޭނެއެވެ. މިއީ ދިވެހި މުޖުތަމަޢުގެ ތަރައްޤީއަށާއި، އި، ޑިމޮކްރަސީގެ އަސާސްތައް ވަރުގަދަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.ެވެ.

