ރަށްތަކުގައި އިފްތިތާހު ކުރި މަޝްރޫއުތައް އޮންނަ އުސޫލުގެ ތެރެއިން، އެއްވެސް އިތުރު ލަސްތަކެއް ނައައިސް ކުރިޔަށް ދާނީ ބަޖެޓުގެ ދަތިތަކެއް ނެތިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި، ރައީސް މުއިއްޒު ވަޑައިގެންފައި ވަނީ ކުރިނބީ އަށެވެ. ރަށުގެ ތަރައްގީއަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ރައްޔިތުންގެ އެކި ކަންބޮވުންތަކުގެ ތެރޭގައި ބަނދަރުގެ މައްސަލަ ހިމެނޭ ކަމަށެވެ.
ރައީސް ވިދާޅުވީ ގޮތުގައި މި މަސައްކަތް ކުރިޔަށް ގެންދާއިރު، ބޭރު ތޮށީގެ ޖާގަ ވީހާވެސް ބޮޑަށް ބޭނުން ކުރެވޭ ގޮތަށް އޮތުމަކީ ރައްޔިތުން ހުށަހަޅާފައިވާ ގޮތް ކަމެވެ. ދުުރު ރާސްތާއަކަށް އަދި، ހަރަދުގެ ގޮތުން ބަލާއިރު ވެސް މިއީ އެންމެ ފީސަބަލް ގޮތަށް ވާނެކަމުގައި ރައީސް ވިދާޅުވި އެވެ.
މަސައްކަތް އިތުރު ޑިލޭތަކެއް ނައިސް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވައި ރައީސް ވިދާޅުވީ މޮބަލައިޒް ކުރަން ޖެހޭ ހާލަތުގައި ހަރަދުތައް ހިނގައި ވަގުތު ނަގާނެ ކަމަށެވެ.
މިއާއި އެކު ރަށް ގިރުމުގެ މައްސަލަ ވެސް ހައްލު އަންނާނެކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ގޮތުގައި ބަނދަރާއި އެކު އެ ޕްރޮޖެކްޓު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދަވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަސަައްކަތާއި އެކު ކުރިޔަށް ގެންދެވޭނެ ބައިތަކުގެ ތެރޭގައި އޮޑި ހިލާނެ ސަރަހައްދަކާއި، މޫދަ އެރި އުޅެވޭ ގޮތަށް ވަކި ސަރަހައްދެއް ގާއިމު ކުރެވޭނެ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އަތޮޅު ތެރޭގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑު ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިނބީގައި ވެސް އެފަދަ މަޝްރޫއުއެއް ކުރިޔަށް ގެންދިއުމަށް ވަނީ ސޮއިކޮށްފަ އެވެ. އެއް އަހަރު ދުވަހުގެ މި މަޝްރޫއު ނިމިގެން ދާއިރު، ހުރިހާ ހިދުމަތެއް ވެސް ފުރިހަމަވާނެކަމަށް ރައީސް ވިދާޅުވި އެވެ.
މި މަސައްކަތް ކުރިޔަށް ދާ މުއްދަތުގެ ތެރޭގައި ވެސް، ސިއްހީ މަރުކަޒުގައި މިހާރު ދެމުން ގެންދާ ހިދުމަތްތައް ފުރިހަމަ ކުރިން ހިމެނޭނެކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ހިދުމަތް ދޭ ވަގުތުތައް އިތުރު ކުރުން ހިމެނެ އެވެ. ރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލު ކުރެވޭނީ، ރައީސް ވިދާޅުވި ގޮތުގައި އައު އިމާރާތުގެ މަސައްކަތް ނިމުމުންނެވެ.
ސަރުކާރުން މިވަގުތު މަސައްކަތް ކުރަނީ 16 ގަޑިއިރަށް ހިދުމަތް ދިނުންކަމަށްވުމާއި އެކު، އިންސާނީ ވަސީލަތްތައް ވެސް އިތުރު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.
ރަށްތަކުގެ ސްކޫލުގެ ކްލާސްރޫމްތައް އެޅުމާއި، މަލްޓި ޕާޕަސް ހޯލްތައް އެޅުމުގެ މަސައްކަތް ކުންފުނިތަކާއި މި ދަތުރުފުޅުގެ ތެރެއިން ވަނީ ހަވާލުކޮށްފަ އެވެ. ކުރިނބީގައި ކުރިޔަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ހަވާލުކޮށްފައި ވަނީ، ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އެޅުމުގެ މަސައްކަތެވެ.
އެހެންވީމަ މި ދެންނެވި ގޮތަށް ހުރިހާކަމެއް ވެސް ރޭވިފައި ވަނީ.. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ފަށައިގަތް މަޝްރޫއުތައް މި ދެންނެވި ގޮތަށް ކުރިޔަށް ދާނެމި ފަށައިގަންނަ މަސައްކަތްތައް ކުރިޔަށް ދާނެ.. އަޅުގަނޑުމެން މިއަދު ވާނީ ބީއެމްއެލް އޭޓީއެމް އަދި އެފްއާރުސީގެ މަސައްކަތް، އެފްއާރުސީ މަސައްކަތަކީ އިންޑޯ އެތެރޭގެ ކުޅެވޭ ވަރަށް ގިނަ ބޯޑް ގޭމްތައް، ވަރަށް ގިނަ ކުޅިވަރުތައް ކުޅެވޭ ގޮތަށް، އެރޮބިކްސްއާއި ކަސްރަތާއި މިކަހަލަ ކަންކަމަށް ބޭނުންވާ ޖާގަ ވެސް ހިމެނޭ ގޮތަށް އަދި އިތުރު ވަސީލަތްތައް ހިމެނޭ ހެން ވެސް ގާއިމު ކުރަމުންދާ ތަނެއް.. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ތިބޭފުޅުން ތަރައްގީއަށް ބޭނުންވާ ކަންކަމުގައި އަޅުގަނޑުވެފައިވާ ހުރިހާ ވައުދެއް ފުއްދުމުގައި، ވަރަށް.. ވަރަށް އިސްކަމެއް ދީގެން ކާމިޔާބުކަމާއި އެކީގައި ކުރިޔަށް ގެންގޮސް ދޭނެކަމުގެ ޔަގީންކަން އަރުވަން.. މި ފެށި މަސައްކަތްތައް ފެށިގެން ގޮސް މި އަންނަ އަހަރުދ ތެރޭގައި ގިނަ ކަންކަން ނިމިގެންދާނެ
މީގެއިތުރުން ރަށުގެ ކުނި މެނޭޖު ކުރުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، މުޅި އަތޮޅުގައި ވެސް ކުނި މެނޭޖު ކުރުމުގެ ޕްރޮޖެކްޓު ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ. އެ މަސައްކަތް ކުންފުންޏަކާއި ހަވާލު ކުރެވިފައިވީ ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ނުދާތީ އޮންނަ އުސޫލާއި ހަމަތަކުގެ މަތީން އެއްބަސްވުން ބާތިލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއު ދެން ކުރިޔަށް ގެންދިއުމުގައި ސަރުކާރުގެ އަމާޒަކީ ރައީސް ވިދާޅުވި ގޮތުގައި، ކޮންމެ ރަށެއްގައި ވެސް ވަކިވަކި ކުންފުނިތަކާއި ހަވާލުކޮށްގެން ކުރިޔަށް ދިއުމެވެ. އެގޮތުން މި މަސައްކަތް ކުރިނބީގައި ކުރިޔަށް ގެންދާނީ އެމްޓީސީސީކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިނބީ ހިމެނޭ ގޮތަށް ހުރިހާ ރަށެއްގައި ވެސް ފެށި މަޝްރޫއުތައް އިތުރު ދަތިތަކެއް ނައިސް ކުރިޔަށް ދާނެކަމަށެވެ. އަދި އުންމީދަކީ ރައްޔިތުންނަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ބެލުމަށް ވީހާވެސް ގިނައިން ރަށްތަކަށް ދަތުރު ކުރުންކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

