ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ނުކުރައްވައި އަނބުރާ ފޮނުވާލައްވާ ބިލުތަކަށް އިތުރު އިސްލާޙެއް ނުގެނެސް ފާސް ކުރުމުގެ ބާރުވެސް މަޖިލީހުގެ ޤަވާއިދުގެ ދަށުން މެމްބަރުންނަށް ލިބިދޭކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަޙީމް އެފަދައިން ވިދާޅުވީ ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ޕީއެންސީގެ މެމްބަރުން ހުށަހެޅުއްވުމުން އެމްޑީޕީގެ މެމްބަރުން އެކަމަށް ފާޑުވިދާޅުވުމާ ގުޅިގެންނެވެ.
ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވީ ބިލަށް ގެންނަންޖެހޭ އިތުރު އިސްލާޙުތަކާ ގުޅޭގޮތުން ދިރާސާތައް ކުރުމަށްޓަކައި ކަމާ ގުޅުންހުރި ކޮމިޓީއަށް ބިލު އަނބުރާ ފޮނުވާލުމަށެވެ.
އެ ހުށަހެޅުމަށް ދިއްދޫ ދާއިރާގެ މެމްބަރު ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ވަނީ ތާއީދު ކުރައްވާފައެވެ.
އެހެންނަމަވެސް، އެމްޑީޕީގެ ބައެއް މެމްބަރުން އެކަމަށް ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން ރައީސް ބިލު އަނބުރާ ފޮނުވާލެއްވިނަމަވެސް، މި ބިލަކީ ރަނގަޅު ދިރާސާތަކެއް ހެދި، މަސައްކަތްތަކެއް ކުރެވިފައިވާ ބިލެއް ކަމަށާއި، ރައީސް ބޭނުންފުޅުވާ ގޮތަކަށް ބިލު ފާސްކުރަން ނުޖެހޭނެކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްވެސް ވަނީ އެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން މި ބިލު މަޖިލީހުން ފާސްކޮށް ތަސްދީޤު ކުރުމަށް އެދި ރައީސަށް ފޮނުވުމުން ރައީސް އެ ބިލު އަނބުރާ ފޮނުވާލައްވާ ހިސާބުން މެމްބަރުންނަށްވެސް ބިލުގައި މައްސަލަތަކެއް ފާހަގަވީތޯ މީކާއިލް ވަނީ ސުވާލު އުފައްދަވާފައެވެ.
ކޮބައިތޯ މަޖިލިސް މެމްބަރުންގެ އަމިއްލަ ޒިންމާ، ރައީސް އެންގެވިއްޔާ އެންގެވިހާ ގޮތެއް،
އެ ވާހަކަތަކަށް ރައްދު ދެއްވައި އަބްދުއްރަޙީމް ވިދާޅުވީ، ރައީސް އޮފީހުގެ ކޮޓަރިއަކުން މައްސަލަ ނިންމާނަމަ، މި މައްސަލަ އަނބުރާ މަޖިލީހަށް ފޮނުވާލުމުގެ ބޭނުމެއްވެސް ނޯންނާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތާ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައި ނުގަތުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
އެއްވެސް ޙާލެއްގައި އެއްވެސް އިއްޒަތްތެރި މެމްބަރަކަށް ވިދާޅެއް ނުވެވޭނެ މަޖިލީހަށް ބިލު ފޮނުވާފައި އޮތީ ޤާނޫނާ ޚިލާފަށޭ އަދި ޤަވާއިދާ ޚިލާފަށްކަމަކަށްވެސް، އިއްޒަތްތެރި މެމްބަރުންގެ އަތްޕުޅުމަތީގައި އޮތީ، ރައިސް އޮފީހުގެ ކޮޓަރިއަކުން މައްސަލަ ނިންމާކަމަށްވަންޏާ އަނބުރާ މިތަނަށް މައްސަލަ ފޮނުވާލުމުގެ ބޭނުމެއް ނެތް، އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތާ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައި ނުގަތުމަކީ އެއީ އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް، އަޅުގަނޑު އެދެނީ ހުރިހާ އިއްޒަތްތެރި މެމްބަރުންވެސް ވާޖިބާ މަސްއޫލިއްޔަތު ރަނގަޅަށް އޮޅުން ފިލުވައިގެން ވާހަކަފުޅު ދެއްކެވުމަށް
ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މަޖިލީހަށް އަނބުރާ ފޮނުއްވަވާފައިވަނީ 21 އޯގަސްޓުގައެވެ.
މި ބިލަކީ، 6 އޮގަސްޓް 2025 ވީ ބުދަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަސްދީގު ކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.
ރައީސް މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީއެވެ.

