މީޑިއާ ރެގިއުލޭޓަރީ ބިލު ފާސްކޮށްފިނަމަ އިދިކޮޅު އެމްޑީޕީ ވެރިކަމަށް އަންނަ ޙާލަތެއްގައި ބިލުގެ ނަހަމަ ބޭނުން ހިފާނެކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫޤް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި މީޑިއާ ރެގިއުލޭޓަރީ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ، ދައުލަތުގެ 3 ބާރުވެސް ހިނގަނީ ޤާނޫނުއަސާސީން ކަނޑައަޅާފައިވާ އުސޫލުތަކާއި ހުދޫދުތަކުގެ ތެރެއިން ކަމަށާއި، އެ ބީދައިން ނޫސްވެރިންވެސް ވަކި ހުދޫދެއްގެ ތެރޭގައި މަސައްކަތް ކުރަންޖެހޭކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
އަޒާން ވިދާޅުވީ، މި ބިލުގައި ކަންބޮޑުވާންޖެހޭ ކަންކަން އެބަހުރި ކަމަށާއި، ނަމަވެސް މި ބިލަކީ މީޑިއާތައްވެސް ޤާނޫނުގައި ވަކި ހުދޫދުތަކެއްގެ ތެރޭގައި މަސައްކަތް ކުރުމަށް ހުށަހެޅިފައިވާ ބިލެއްކަމަށް ޤަބޫލު ކުރައްވާކަމަށެވެ.
އަޒާން ވަނީ އެމްޑީޕީގެ ވެރިކަމުގައި ނޫސްވެރިންނާމެދު ކަންކަން ހިނގާދިޔަ ބައެއް ގޮތުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ހުދު އޭނާވެސް 4 ފަހަރު ފުލުހަށް ހާޒިރުކުރިކަން އަޒާން ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، އެމްޑީޕީން ނޫސްވެރިންނާމެދު އެތައް ފިޔަވަޅެއް އަޅާފައިވާ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކާއިރު މިކަންކަމާމެދު ވިސްނަންޖެހޭނެ ކަމަށެވެ.
އަޒާން ވިދާޅުވީ، ރަނގަޅު ނިޔަތެއްގައި ޤާނޫނު ފާސްކުރިނަމަވެސް، އެމްޑީޕީ ފަދަ ވެރިކަމެއް ކުރާ ބަޔަކު އަންނަ ޙާލަތުގައި މި ޤާނޫނުތަކުގެ ނަހަމަ ބޭނުން ހިފާނެކަމަށެވެ. އެހެންކަމުން ޤާނޫނުތައް ފާސްކުރާއިރު އެކަމާމެދު ވިސްނަންޖެހޭކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން އިތުރަށް ވިދާޅުވީ، މީޑިއާއަކީ ރެގިއުލޭޓުވާންޖެހޭ އެއްޗެއް ކަމަށާއި، ނަމަވެސް މި ބިލު މިހާރު އޮތްގޮތަށް ފާސްކުރުމަށް ތާއީދު ނުކުރެވޭކަމަށެވެ. އަދި ބިލަށް ބަދަލުތަކެއް އަންނަންޖެހޭކަމަށް ޤަބޫލު ކުރައްވާކަމަށް އަޒާން ވިދާޅުވިއެވެ.

