މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލުގެ ބަހުސް ނިންމާލާފައިވަނީ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައެވެ. އެއަށްފަހު ބިލު ބަލައިގަތުމާމެދު ވޯޓަށް އަހާފައިވާއިރު، 49 މެމްބަރުން ވަނީ ބިލު ބަލައިގަތުމަށް ވޯޓު ދެއްވާފައެވެ. އަދި 12 މެމްބަރުން ވަނީ ބިލު ބޭރުކޮށްލަން ވޯޓު ދެއްވާފައެވެ. އެހެންކަމުން ބިލު ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ވަނީ ފާސްކޮށްފައެވެ.
މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ޙަންނާން އަބޫބަކުރެވެ. ހަންނާން ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ މަޤްޞަދުގައި ހުށަހެޅި ބިލެކެވެ.
ބިލުގެ މަޤްސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމެވެ.
މި ބިލުގަައި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ހައްގުތައް ލިބިދީފައިވާނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އެގޮތުން ތެދު ޚަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށްދީފައި ވާނެ ކަމަށާއި، ދައުލަތުގެ 4 ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާއެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުުރުން، މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓް ކޮމިޝަނަކީ ބޭކާރު ބޮޑެތި ޚަރަދުތަކެއް ހިނގާ، ބާރެއް ނެތް ދެ މުއައްސަސާކަމަށް ބުނެ ފާޑުކިޔަމުންދާތީ، އެކަމަށް ޙައްލު ހޯދައިދީ، މީޑިއާ ރެގިއުލޭޓް ކުރަން ދައުލަތުން ހިނގާ ޚަރަދު ކުޑަކޮށް، މީޑިއާގެ ބަސްވިކޭ ބާރުހުރި މުއައްސަސާއެއް އުފެއްދޭނެ މަގު ފަހިކޮށްދީފައިވާނެކަމަށްވެސް ވިދާޅުވިއެވެ.
މި ބިލުގައި ހިމެނޭ ބައެއް ކަންކަމަށް ބަލާއިރު، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭ ގޮތަށް ހިމަނާފައިިވެއެވެ. އެގޮތުން ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭގޮތަށް ބިލުގައި ހިމަނާފައިވެއެވެ.
ހަމައެއާއެކު، މީޑިއާ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދީފައިވާއިރު، އޭގެ ތެރޭގައި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރުމާއި، ޤަވާއިދާ ޚިލާފުވެ، އެކަން ރަނގަޅު ކުރަން އަންގައިގެންވެސް ނުކޮށްފިނަމަ ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުމުގެ ބާރު ދިނުމާއި، ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު ލިބުމާއި، ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުމުގެ ބާރު ދިނުމުގެ އިތުރުން، އިސްލާމް ދީނާއި ޤައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތުގައި ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން ހިމެނެއެވެ.

