މީޑިއާ ރެގިއުލޭޝަން ބިލަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށާއި އަދަބުތަކެއް ދިނުމަށް ކަނޑައެޅިފައިވަނީ ދޮގު ހަބަރު ފަތުރާ ބަޔަކަށް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މީޑިއާ ރެގިއުލޭޝަން މަސައްކަތްތަކާއި ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ހުށައެޅިފައިވަނީ މުހިންމު ބިލެއްކަމަށާއި މިނިވަން މީޑިއާއެއްގެ ގޮތުގައި އެންމެ ފުޅާ މިނެއްގައި މަސައްކަތްކުރުމަށް ޖާގަ ލިބިގެންދާކަމަށެވެ. އަދި މީޑިއާގައި މަސައްކަތްކުރާ އެއްވެސް މީހަކަށް ބިލުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެގެންދާކަމަށް ދެކިވަޑައިނުގަންނަވާކަމަށްވެސް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، ވުޖޫދަށް ގެނައުމަށް ހުށައެޅިފައިވާ ގާނޫނު މެދުވެރިކޮށް އެއްވެސް ފަރާތަކަށް ނުހައްގުން އަދަބެއް ދެވިދާނެކަމަށްވެސް ދެކިވަޑައިނުގަންނަވާކަމަށާއި ބިލު ރަނގަޅަށް ވިދާޅުވުމުން ރަނގަޅަށް މަސައްކަތްކުރާ މީހެއް ޖަލަށްލެވޭނެކަމަށް ނޫނީ ޖޫރިމަނާކޮށް އަދަބެއް ދެވިދާނެކަމަށް އެއްވެސް މެމްބަރަކަށް ވިދާޅުނުވެވޭނެކަަމަށެވެ. އަދި އެފަދަ މާއްދާއެއް ދައްކައިފި ހާލަތެއްގައި ބިލަށް ތާއީދު ނުކުރައްވާނެކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް މާއްދާއެއް ނެތްކަމަށާއި ރައްޔިތުންނަށް ހަގީގަތް އޮޅިގެންދާ ގޮތަށް އެއްވެސް މެމްބަރަކު ވާހަކަދެއްކެވުމަކީ އެދެވޭ އަމަލެއްގެ ގޮތުގައި ގަބޫލުނުކުރައްވާކަމަށެވެ.
ފަލާހު ވިދާޅުވީ، ހަގީގަތަށް ބަލާއިރު މިހާރުވެސް މީޑިއާތަކުގެ މަސައްކަތްތައް ބަލަހައްޓަންޖެހޭ ފަރާތަކާއި ޒިންމާތަކެއް އޮތްކަން ފެނިގެންދާކަމަށާއި މީގެ ކުރިން ބައެއް ސަރުކާރުތަކުަގައި ބައެއް ނޫސްތަކުންނާއި ނޫސްވެރިން ކުރި މަސައްކަތްތަކުން ނޫނީ ކުރި ޓްވީޓުތަކަކާއި ގުޅިގެން ޖަލަށް ލާފައިހުރި ވާހަކަތައް ބައެއް މެމްބަރުން މަޖިލީހުގައި ހިއްސާކުރެއްވުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ. އެހެންކަމުން އެއީ މީޑިއާ ރެގިއުލޭޓްކުރުމާއި ގުޅުންހުރި ބިލެއް އޮވެގެން ނޫނީ ނެތިގެން ކުރިކަމެއް ނޫންކަން ސާފުވެގެންދާކަމަށް އިޝާރާތްކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، މީގެ ކުރިން ކޮށްފައިވަނީ ހުދުމުހުތާރު ވެރިކަންތަކެއް ކަމަށާއި ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒުއަކީ މިހާތަނަށް މީޑިއާތަކަށް އެންމެ ބޮޑު މިނިވަންކަމެއް ދެއްވާފައިވާ ރައީސްކަން ފާހަގަކުރައްވަން އެދިވަޑައިގަންނަވާކަމަށެވެ. އަދި މިހާރުވެސް ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާދޭނެ އުސޫލުތަކެއް ކަނޑައަޅުއްވަމުންދާކަމަށާއި އެއީ މީގެކުރިން ސަރުކާރަކުން ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކެއް ނޫންކަމަށޭވެ.
ފަލާހު ވިދާޅުވީ، މީޑިއާތަކަށް ހާއްސަ އިމާރާތެއް ކަނޑައަޅުއްވައި އެތަނުގައި އެކިއެކި މީޑިއާތަކަށް މަސައްކަތްކުރުމަށް ޖާގަ ކަނޑައެޅުއްވުމަށް ފިޔަވަޅުތައް އަޅުއްވަމުންދާކަމަށެވެ. ފަލާހުވަނީ އެ މިންވަރުގެ ފުރުސަތުތަކެއް މީޑިއާތަކަށް ފަހިކޮށްދެއްވި އެހެން ވެރިޔަކު ހުރިތޯ ސުވާލުކުރައްވާފައެވެ. މިކަން އެމްޑީޕީއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށާއި މީގެކުރިން އުތުރުތިލަފަޅުގެ މަސައްކަތްތައް ބެލުމަށް ނޫސްވެރިޔަކު އެސަރަހައްދަށް ދިއުމުން އެތައް ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކުރިކަންވެސް ފެންނަން އޮތްކަމަށް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، ހަގީގަތާއި އެއްގޮތަށް މައުލޫމާތު ގެނެސްދޭ ނޫސްވެރިންނަށް ރައްކައުތެރިކަން ލިބިގެންދާ މާހައުލެއްގައި މަސައްކަތްކުރެވޭނެކަން ކަށަވަރުވެގެންދާނެ ގޮތަށް ބިލުގައި މާއްދާތައް ހުރިކަން މީޑިއާތަކުން ބަލައިގަންނަން ޖެހޭކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ބިލަށް އިސްލާހުތައް ގެނައުމަށް ހިޔާލު ހުށައެޅުމުގެ ފުރުސަތުތައްވެސް އޮތްކަމަށް އިޝާރާތްކުރައްވާ މެމްބަރު ވިދާޅުވީ ބިލުގައިވާގޮތުން ކޮމިޝަނަށް އައްޔަނުކުރާ މެމެބަރުންގެ ތެރެއިން އަގުލަބިއްޔަތު އަދަދެއް އައްޔަނުކުރަނީ މީޑިއާގެ ރުހުމާއިއެކުކަމަށެވެ.
މީގެ ކުރިން އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުތައް އަމާޒުވެގެންދިޔަކަމަށްވެސް ފަލާހު އިޝާރާތްކުރެއްވިއެވެ. ބައެއް މީޑިއާތަކުން ހިންގި ނުހައްގު އަމަލުތަކެއްގެ ޝިކާރައަކަށްވެގެންދިޔަކަށް ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ، އެފަދަ އެއްވެސް އަމަލެއް ހިންގާފައިނުވާކަން ހުވާކުރައްވާކަމަށެވެ. ފަލާހު ވިދާޅުވީ އެ އަަމަލުތައް ހިންގީ ވައްތަރު މީހެއްގެ ފޮޓޯއެއް ބޭނުންކޮށްގެންކަމަށެވެ. އަދި އެއީތޯ މީޑީއާ މަސައްކަތްކުރާ ގޮތަކީ ސުވާލު ކުރެއްވިއެވެ. ފަލާހު ވިދާޅުވީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ލާންވީ ޖަލަކަށް ނޫންކަމަށާއި ގެންގޮސް އުލުބައިންދަންވީކަމަށެވެ.
މެމްބަރު ވިދާޅުވީ، އެކަމުގެ ސަބަބުން އާއިލާގެ ތެރޭގައި ބޮޑެތި މައްސަލަތައް އުފެދިގެންދިޔަކަމަށާއި އެމްޑީޕީގެ މެމްބަރުން ބިލާއި ދެކޮޅަށް ޝުއޫރުތަކެއް ފާޅުކުރަމުންދަނީ އެފަދަ އަމަލުތައް ހިންގުމަށް ތާއީދުކުރައްވަމުންކަމަށެވެ. އަދި އެއެއްވެސް ހައްގަކާއި ނުލާ އެފަދަ ދަތިތައް ތަހައްމަލުކުރަންޖެހުނު އެތައް ބައެއް ތިބޭނެކަމަށާއި އެފަދަ ވޭނެއްގެ އަސަރުތައް އެނގިގެންދާނީ އެމީހެއް ނުކުރާ އަމަލެއްގެ ތުހުމަތު އެޅި އާއިލާ އަދި ދަރިންނާއި ރަށާއި ގައުމުގެ ކުރިމަތީގައި ހާމަވެގެންދިއުމުންކަމަށް ވިދާޅުވިއެވެ. އެހެންކަމުން ހުށައެޅިފައިވާ ބިލަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށާއި ބިލުގައިހުރީ ދޮގު ހަބަރު ފަތުރާނަމަ އަދަބުދޭ ގޮތަށްކަމަށެވެ.
މެމްބަރު ވިދާޅުވީ، ފަތުރަމުންދަނީ ދޮގު ހަބަރެއްނަމަ ރަނގަޅަށް ދިރާސާކުރުމަށްފަހު ތެދަށް ގެނެސްދިނުމަށްވެސް ބިލުން ޖާގަ ލިބިގެންދާކަމަށާއި އޭރުންވެސް އެމީހަކަށް އަދަބެއް ނުލިބޭނެކަމަށެވެ. އެހެންކަމުން ފަލާހުވަނީ މަޖިލީހުގައި ތިއްބެވި ހުރިހާ މެމްބަރުންވެސް ބިލު ރަނގަޅަށް ދިރާސާކުރެއްވުމަށް އިލްމާސްކުރައްވާފައެވެ.

