އެމްބެސެޑަރޝިޕްގެ މައިގަނޑު އަމާޒުތައް
ރާއްޖެއަށް ސްކައިލާ ކުރާ ދަތުރުގައި، ރާއްޖޭގެ އެކި އަތޮޅުތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރާއްޖެެތެރެ އަތޮޅުތަކަށް ދަތުރުކޮށް، ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވެ، ރާއްޖޭގެ މަންޒިލުން ފަތުރުވެރިންނަށް ލިބޭނެ ތަފާތު އެކި ތަޖުރިބާތައް ދައްކާލެވިގެންދާއިރު، މީގެތެރޭގައި، ޑައިވިންގެ ހަރަކާތްތައް މެދުވެރިކޮށް، ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއިއެކު، ރާއްޖޭގެ ސަގާފީ ހަރަކާތްތައްވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި އެމްބެސެޑަރޝިޕްގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ބައިނަލްއަގްވާމީ އޯޑިއަންސްއަށް ރާއްޖެ ޕްރޮމޯޓްކުރުމާއި، ރާއްޖޭގެ ޕްރީމިއަމް އަދި އަސްލު ސަގާފީ ތަޖުރިބާތައް ދައްކުވައިދިނުން ހިމެނެއެވެ. މީގެ އިތުރުން އާއިލާތަކާއި، ޒުވާނުންނާއި، އެޑްވެންޗަރ ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރެވޭނެއެވެ.
ސްކައިލާއަކީ އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި، ސޯޝަލް މީޑިއާގެ ނުފޫޒުގަދަ ތަރިއެކެވެ. އޭނާގެ ކޮންމެ ޕޯސްޓަކަށް އެވްރެޖްކޮށް 45,000 ލައިކްސް އަދި 300 ކޮމެންޓް ލިބެއެވެ. މި ނުފޫޒަކީ ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް ލިބޭނެ މުހިންމު ބާރެއް ކަމުގައި ވިޒިޓް މޯލްޑިވްސްއިން ފާހަގަކޮށްފައިވެއެވެ.
އުއްމީދީ މާކެޓިންގ ސްޓްރެޓްޖީ
ވިސިޓް މޯލްޑިވްސްއިން ދުނިޔޭގައި ފާހަގަކޮށްލެވޭ އެކި ތަރިންނާއި، ނޫފުޒުގަދަ ފަރާތްތައް މެދުވެރިކޮށް، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަކީ، ވަރަށް ބޮޑު އޯޑިއެންސްއަކަށް ރާއްޖޭގެ ރީތިކަމާއި، ސަގާފީ ތަފާތުކަން ދައްކުވައިދޭނެ ކަމެކެވެ. މީގެ ސަބަބުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެގެންދިޔުމަކީ، ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި، ވިސިޓް މޯލްޑިވްސްއިން ތަފާތު އެކި މާކެޓިންގ ސްޓްރެޖީތައް ގެންގުޅުމަކީ، ދުނިޔޭގެ އެންމެ ޓޮޕް މަންޒިލެއްގެ ގޮތުގައި، ރާއްޖެ ދެމެހެއްޓުމަށް ވަރަށް މުހިއްމުކަމެކެވެ. އެހެންކަމުން، މިފަދަ މާކެޓިންގ ސްޓްރެޓްޖީތަކުން ހެޔޮ އަސަރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އައު ހަރަފަތަކަށް އަރައިގެން ދިޔުމަކީ، އެންމެންގެވެސް އުއްމީދު ކުރާނެ ކަމަކެވެ.

