މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
މެލޭޝިޔާގެ މިނިވަންދުވަހާ ގުޅިގެން އެޤައުމުގެ ރަސްގެފާނު ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވި މެސެޖުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.
މިއަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިކޮށްދިން މުހިންމު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޚާއްޞަ އަހައްމިއްޔަތެއް ދެއްވާފައިވަނީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމަށެވެ. ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ފުޅާވެ، ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޚާއްޞަ ޕޯސްޓެއް ހިއްސާކުރައްވާފައެވެ. މި ޕޯސްޓުގައި މެލޭޝިޔާއަކީ ދިވެހިރާއްޖެއަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފައިވެއެވެ.

