ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ މިންވަރު 9.2 އިންސައްތައިން އިތުރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އޮގަސްޓު 27 ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އޮގަސްޓު މަހުގެ ތެރޭގައި މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ 16 ވަނަ ދުވަހުގެ ތެރޭގައިކަން ފާހަގަކުރެވެއެވެ. އެ ދުވަހު 7177 ފަތުރުވެރިން އައިސްފައިވެއެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައިކަން ފެނިގެންދެއެވެ. އެ މަހުގެ ތެރޭގައި 214،863 ފަތުރުވެރިން އައިސްފައިވެއެވެ. ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިގޮތުން އެ މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 7،646 ފަތުރުވެރިން އައިސްފައިވެއެވެ. 2024 ވަނަ އަހަރާ އަޅާބަލާއިރު ފަތުރުވެރިން އައި މިންވަރު އެންމެ ބޮޑަށް އިތުރުވެފައިވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. 2024 ވަނަ އަހަރުގެ އެޕްރިލް މަހާއި އަޅާބަލާއިރު މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފަތުރުވެރިން އައި މިންވަރު 17.8 އިންސައްތަ އިތުރުކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
މި އަހަރުގެ މިހާތަނަށް ފަތުރުވެރިން އައި މިންވަރު 9.2 އިންސައްތަ އިތުރުކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އޮގަސްޓު 27ގެ ނިޔަލަށް 1،463،566 ފަތުރުވެރިން އައިސްފައިވެއެވެ. ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަދަދު މިލައަނަކަށްވުރެ އިތުރުވެފައިވާކަންވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެނިގެންދެއެވެ. މި މުއްދަތުގެ ތެރޭގައި ރިސޯޓުތަކަށް އައިސްފައިވަނީ 1،074،917 ފަތުރުވެރިންނެވެ. އެއީ ޖުމުލަ އަދަދުގެ 73.4 އިންސައްތައެވެ.
ގެސްޓު ހައުސްތަކަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 21.8 އިންސައްތައަށް އަރައެވެ. އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާ މާކެޓުންކަންވެސް ފެނިގެންދެއެވެ. އެ މާކެޓުން އައިސްފައިވަނީ 15.7 އިންސައްތަ ފަތުރުވެރިންނެވެ.

