ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ރެގިއުލޭޓަރީ ބިލު ޤާނޫނަކަށްވިޔަސް، ތަންފީޒު ކުރަން ފަސޭހައެއް ނުވާނެ: ބްރޮޑްކޮމް

ބްރޮޑްކާސްޓިންގ ކޮމިޝަން އޮފް ދަ މޯލްޑިވްސް (ބްރޮޑްކޮމް)
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިއުލޭޓަރީ ބިލު ޤާނޫނަކަށްވިޔަސް، ތަންފީޒު ކުރަން ފަސޭހައެއް ނުވާނެކަމަށް ބްރޮޑްކާސްޓިންގ ކޮމިޝަން އޮފް ދަ މޯލްޑިވްސް (ބްރޮޑްކޮމް) އިން ބުނެފިއެވެ.

އާދިއްތަ ދުވަހު ބްރޮޑްކޮމްގެ މެމްބަރުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަޑައިގެން މި ބިލާ ގުޅޭގޮތުން މެމްބަރުންގެ ހިޔާލާއި ޝުއޫރުތައް ހިއްސާކުރައްވާފައެވެ. އެގޮތުން މެމްބަރުން ވަނީ މި ބިލާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މިފަދަ ބިލެއްގެ މަސައްކަތް ޚާއްސަ އިސްކަމެއްދީގެން ކުރުމުގެ މުހިއްމުކަން އޮތްކަން ފާހަގަ ކުރެވޭކަމަށާއި، މިފަދަ ބިލެއް ގެނައުމުގެ މުހިއްމުކަން ކޮމިޝަނުންވެސް ތަޖުރިބާކޮށްފައިވާކަމަށް ކޮމިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ބްރޮޑްކޮމްއިން އިތުރަށް ބުނެފައިވަނީ، މިފަދަ ބިލެއް ފާސްކުރުމުގެ ކުރިން އެކަމާ ގުޅޭ ދިރާސާތައް ހެދުން މުހިއްމު ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވީ ޖޫރިމަނާ ކުރުމުގެ ކުރިން މީޑިއާތަކާއި، ވަކިވަކި ނޫސްވެރިންނަށް ލިބޭ އާމްދަނީ އަދި ނޫސްވެރިންގެ ތައުލީމީ ފެންވަރު ބެލުން މުހިއްމު ކަމަށެވެ.

މި ހުރިހާ ކަންކަމަކީ ބިލު ހުށަހެޅުމުގެ ކުރިންވެސް ބަލައި ދިރާސާ ކުރެވިފައި ހުންނަންޖެހޭ ކަންކަން ކަމަށް މެމްބަރުން ފާހަގަ ކުރެއްވިއެވެ. އަދި ބިލު ޑްރާފްޓް ކުރުމުގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޮޑްކޮމްއާ މަޝްވަރާކުރެވިފައި އޮންނަންވާނެކަމަށް ޤަބޫލުކުރެވޭކަމަށް ބްރޮޑްކޮމްއިން ދެކެއެވެ.

މީގެ އިތުރުން، ބިލު ޑްރާފްޓް ކުރުމުގައި ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްތަކަށް ބަލާފައިވަނީ ކިހައި މިންވަރަކަށްތޯވެސް ބްރޮޑްކޮމްއިން ވަނީ ސުވާލު އުފައްދާފައެވެ. އަދި އޭގެ ބަދަލުގައި މުޅި ޤައުމަށް ބިނާކޮށް ”ނޭޝަންވައިޑް“ އެކަށީގެންވާ ދިރާސާތަކެއް ހެދުން މުހިއްމުކަންވެސް ފާހަގަ ކޮށްފައިވެއެވެ.

ހަމައެއާއެކު، ޕްރިންޓް މީޑިއާ އަދި ބްރޮޑްކާސްޓިންގ މީޑިއާ އެއްކޮށްލާއިރު، އެއީ ރާއްޖެއަށް އެންމެ އެކަށޭނަ ނިޒާމުތޯ ބަލާލުން މުހިއްމުކަމަށްވެސް ބްރޮޑްކޮމްއިން ފާހަގަ ކުރެއެވެ.

މި ބިލު މިހާރު އޮތްގޮތަށް ބަލާއިރު، މި ބިލު ޤާނޫނަކަށްވެގެން އަންނައިރުވެސް ތަންފީޒު ކުރެވޭނެކަމަށް ނުބެލެވޭކަމަށް ބްރޮޑްކޮމްއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބަޖެޓާއި، އިންސާނީ ވަސީލަތާއި، އެހެނިގެން ވަސީލަތްތައް ހުރި މިންވަރަށް ބަލާއިރު، ބިލު ޤާނޫނަކަށް ވެގެން އަންނައިރުވެސް ތަންފީޒުކުރަން ބޮޑެތި ގޮންޖެހުންތައް ހުންނާނެކަން ކޮމިޝަނުގެ ރައީސް ސަފާ ޝަފީޤު ފާހަގަ ކުރެއްވިއެވެ.

ކޮންމެ ގޮތަކަށް ތިބޭފުޅުން ބިލާމެދު ޑިސައިޑް ކުރިއަސް، މީތި އިމްޕްލިމެންޓް ކުރާކަށް ފަސޭހައެއް ނުވާނެ، ސަބަބަކީ މިހާރު އަޅުގަނޑުމެން ހަމައެކަނި ބްރޮޑްކާސްޓިންގ ކޮމިޝަނަށް ބާލަލިނަމަވެސް އަޅުގަނޑުމެންގެ ވަރަށް ބޮޑު ޒިންމާއެއް މޮނިޓަރިންގ އަކީ، އަޅުގަނޑުމެންގެ މޮނިޓަރިންގ އޮތީ ސުމެއްގައި، ކޮންމެ ގޮތަކަށް ބިލު ޑްރާފްޓްކޮށްގެން ނިމިގެން އަޔަސް، މީތި އިމްޕްލިމެންޓް ކުރެވޭނެ ފެސިލިޓީސް އެބަހުރިތޯ، ހިއުމަން ރިސޯސް ޤާއިމުވެފައި އެބަހުރިތޯ، ޒިންމާދާރު ބަޔަކު އެބަތިބިތޯ، ޓްރެއިންވެފައި ތިބި ބަޔަކު އެބަތިބިތޯ މިކަން ކުރަން

މީގެ އިތުރުން، މި ބިލު ޤާނޫނަކަށްވުމުން، ޤާނޫނުގެ ދަށުން ހަދަންޖެހޭ އެކިއެކި ޤަވާއިދުތައް ހަދަންވެސް ވަގުތު ނަގާނެކަމަށް ބްރޮޑްކޮމްއިން ފާހަގަކުރެއެވެ.

މި ބިލަކީ 9 ބާބު ހިމެނޭހެން 45 މާއްދާގެ މައްޗަށް ތައްޔާރުކޮށްފައިވާ ބިލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: