”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ބިލު އިސްލާހު ކުރެވޭނެކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ބިލުގެ ސަބަބުން އުފެދިގެން ދާނީ އިތުރު ކަންބޮޑުވުންތައް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ބުނެފިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެމްއެމްސީން ވަނީ ބިލާ މެދު ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ބިލު އެކުލަވާލާފައި ވަނީ އެކަށީގެންވާ ދިރާސާއެއް ނުކޮށް، ކަމާއި ގުޅޭ ފަރާތްތަކާ މަޝްވަރާކުރުމެއް ނެތިކަމަށް ބުނެފަ އެވެ.
އެމްއެމްސީން ބުނެފައި ވަނީ މީޑިއާ ބިލް އޮތީ އެކަށީގެންވާ ދިރާސާއެއް ކުރުމެއް ނެތި ކަމަށާއި، އަދި ޑްރާފްޓް ކުރުމުގެ މަރުހަލާގައި ކަމާ ގުޅޭ އެއްވެސް ފަރާތަކާ މަޝްވަރާކޮށް ހިޔާލު ހޯދާފައި ނެތުމުން އެކަމާއި މެދު ކަންބޮޑުވާ ކަމަށެވެ.
ކައުންސިލުން ބުނި ގޮތުގައި އެ ބިލް އޮތީ މީޑިއާ ރެގިއުލޭޓް ކުރަން މިހާރު އެމްއެމްސީއަށް ދިމާވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް ހައްލެއް ލިބޭ ގޮތަކަށް ނޫނެވެ. އަދި އެކަންކަން ބިލް ޑްރާފްޓް ކުރިއިރު ސާފުކޮށްފައި ނުވާކަމަށް ބުންޏެވެ.
މި ބިލަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ ބިލެއްކަމަށް ފާހަގަކޮށް ކައުންސިލުން ވަނީ، ބިލު އަނބުރާ ގެންގޮސް ރަނގަޅު މަސައްކަތެއް ކުރާ ނަމަ ވަގުތު ނަގައި ދިރާސާކޮށް މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ.
މީގެ އިތުރުން އެމްއެމްސީން ވަނީ އެ ކައުންސިލަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން 61 މައްސަލައެއް ނުނިމި އޮތްކަމާއި، ކައުންސިލާއި ހަވާލުވުމަށްފަހު 7 މައްސަލައެއް ހުށައަޅާފައިވާ ކަމަށް ފާހަގަކޮށްފައެވެ. ޖުމްލަ 68 މައްސަލައެއް އޮތް އިރު، 48 މައްސަލަ އާއި މިދައުރުގައި ހުށައަޅާފައިވާ 4 މައްސަލައަށް ހައްލު ހޯދައިދީފައިވާ ކަން އެމްއެމްސީ ފާހާގަކުރި އެވެ.
ދިވެހިރާއްޖޭގައި މޮނިޓަރިން މެކޭނިޒަމެއްގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ މައުލޫމާތު ކުށްނޫން ކަމުގައިވާނަމަ މީގެ ދެ އަހަރު ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މޮނިޓަރިންގ މެކޭނިޒަމް އެ ބޭނުންކުރާ ސިސްޓަމް ވަނީ ހަލާކުވެފައި. މާނައަކީ ބްރޯޑްކާސްޓަރުން އެކުރާ ބްރޯޑްކާސްޓިންގ އެއްވެސް އެއްޗެއް މިނިޓަރ އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭ ކަން އަޅުގަނޑުމެން އެބަ ގަބޫލުކުރެވޭ. ހަމައެހެންމެ މޯލްޑިވްސް މީޑިއާ ކައުންސިލްގައި މޮނިޓަރިން މެކޭނިޒަމެއް ނެތް. އެހެންވީމާ މިއީ ކަންނޭގެ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަންތައްތަކަކީ. މިއީ ކަންނޭގެ ހަރުދަނާ ކުރަންޖެހޭ ކަންކަމަކީ
ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު ސަރުކާރުން މެމްބަރު އައްޔަނު ކުރުމަކީ ދާއިރާއަށް ނުފޫޒު ފޯރުވުން ކަމަށާއި، އެކަމުގެ ސަބަބުން ސިޔާސީ ނުފޫޒް ފޯރުވުވުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ހުޅުވިގެން ދާނެކަމަށް އެމްއެމްސީން ބުނެއެވެ.
އެމްއެމްސީން ބުނެފައި ވަނީ ރެގިއުލޭޓް ކުރުމާއި ދެކޮޅު ނޫން ކަމަށާއި ރެގިއުލޭޓް ކުރާނެ ނިޒާމު ނެތީކީވެސް ނޫންކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ކޮމިޝަނުން މެމްބަރުން ވަކިކުރުމުގެ ބާރު ދީފައިވާ ކަން ފާހަގަކޮށް އެމްއެމްސީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހަބަރުތަކަކީ ނޫސްވެރިން އެންމެ ގިނައިން ކަވަރުކުރާ ބާވަތުގެ ހަބަރު ކަމަށެވެ. އެކަމުގެ ސަބަބުން މަސްލަހަތު ފުށުއަރާ ކަމަށާއި، ޒާތީވެ އެއްވެސް ބެލެންސްއެއް ނެތި ނުފޫޒު ފޯރުވުމަށް ޖާގަހުޅުވިގެން ދާ ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.
މި ބިލުގައި 18 ވަނަ މާއްދާގައި މެމްބަރުންގެ ސިފަތައް ބަޔާންކުރާއިރުގައި އުމުރުން 30 އަހަރު ވެފައިވުން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އެބަ ވެވޭ އުމުރުން 30 އަހަރު ނުވިޔަސް. މިއީ ގާނޫނު ހަދާ މަޖިލިސް. ގާނޫނުތައް ބަދަލުކުރާން ސަރުކާރުން އެކުލަވާލާ ބޮޑެތި ގާނޫނުތަކަށް އިސްލާހުތައް ގެންނަން އެބަ ބައިވެރިވޭ. މީޑިއާތައް ރެގިއުލެޓް ކުރުމުގެ ނަމުގައި ހުށައަޅާފައިވާ ބިލުގައި މި ބޭނުންވަނީ ވަރަށް ތަޖުރިބާ ހުރި ބޭފުޅުން
ބިލުގެ 18 ވަނަ މާއްދާގައި މެމްބަރުންގެ ސިފަތައް ބަޔާންކުރާއިރުގައި އުމުރުން 30 އަހަރު ވެފައިވުމަށް ބާރުއަޅާފައިވާކަން ފާހަގަކޮށް އެމްއެމްސީން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އުމުރުން 30 އަހަރު ނުވިޔަސް ވެވޭ ކަމަށާއި، ގާނޫނު ހަދާ މަޖިލީހުން ބޮޑެތި ގާނޫނުތަކަށް އިސްލާހުތައް ގެންނަން ބައިވެރިވާނެ ކަމަށެވެ. މީޑިއާތައް ރެގިއުލެޓް ކުރުމުގެ ނަމުގައި ހުށައަޅާފައިވާ ބިލުގައި ބޭނުންވަނީ ވަރަށް ތަޖުރިބާ ހުރި ބޭފުޅުން ކަމަށް ވެސް އެމްއެމްސީން ފާހަގަކުރިއެވެ.
އެމްއެމްސީން އެންމެ ބޮޑަށް ކަންބޮޑުވާ އެއް މާއްދާގެ ގޮތުގައި ފާހަގަކުރީ ބިލުގެ 7 ވަނަ ބާބުގެ 60 މާއްދާއެވެ. އެ މާއްދާގެ ސަބަބުން ސަރުކާރުގެ ކުންފުންޏެއްގެ އިހުމާލުން ކަމެއް ހިނގައިފި ނަމަ ނުވަތަ ސިއްހީ ދާއިރާގައި ދިމާވާ ކަންކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ މީހުންނަށް އެ ވާހަކަތައް ނުދެއްކޭނެކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ. އަދި ރެޖިސްޓަރ ނުކޮށް ހިންގާ ނޫސްތަކަށް ފިޔަވަޅު އަޅާނެ ގޮތުގެ ތަފްސީލްތަކެއް ނުވަތަ އަޅާނެ ފިޔަވަޅެއްވެސް ބިލުގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް އެމްއެމްސީން ފާހަގަކުރިއެވެ.
މަޖިލީހަށް ކޮމިޝަނުން މެމްބަރުން ވަކިކުރުމުގެ ބާރު ދީފައިވާ ކަން ފާހަގަކޮށް އެމްއެމްސީން ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުންގެ ހަބަރުތަކަކީ ނޫސްވެރިން އެންމެ ގިނައިން ކަވަރުކުރާ ބާވަތުގެ ހަބަރު ކަމަށެވެ. އެކަމުގެ ސަބަބުން މަސްލަހަތު ފުށުއަރާ ކަމަށާއި ޒާތީވެ އެއްވެސް ހަމަހަމަކަމެއް ނެތި ނުފޫޒު ފޯރުވުމަށް ޖާގަހުޅުވިގެން ދާ ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.

