އެކި ދާއިރާތަކުގެ އިންޖީނިއަރުންގެ ހުނަރާއި ހިތްވަރާ ނުލައި، މިއަދު މިދެކޭ ފަސޭހަ ދިރިއުޅުމެއް ލިބިގެން ނުދާނެކަން ކަށަވަރުވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް“ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެ. މި ދުވަސް މިގޮތަށް ކަނޑައެޅުއްވީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ސިނަމާލެ ބުރިޖު އިފުތިތާހު ކުރި ދުވަހާއި ދިމާކޮށެވެ.
މި ދުވަސް ފާހަގަކުރުމަށް ސްޓެލްކޯގައި ހާއްސަ ރަސްމިއްޔާތެއް ކުރިޔަށް ގެންދިޔަ އިރު، ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ވެސް އެކި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.
ދުވަހުގެ ތަހުނިޔާއާއި އެކު ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ އިންސާނިއްޔަތަށް ފަސޭހަ ދިރިއުޅުމެއް ގެނެސްދިނުމަށް އިންޖިނޭރުން ކުރައްވަމުން ގެންދަވަނީ އަގުނުކުރެވޭ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން، އެއީ ހީވާގި ބައެއްކަން ފާހަގަކުރައްވައި ވެސް ޝުކުރު އަދާކުރެއްވި އެވެ.
އެކި ދާއިރާތަކުގެ އިންޖިނިއަރުންގެ ހުނަރާއި ހިތްވަރާ ނުލައި، މިއަދު މިދެކޭ ފަސޭހަ ދިރިއުޅުމެއް ލިބިގެން ނުދާނެކަން ކަށަވަރުވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ހާއްސަކޮށް ގައުމު ބިނާކޮށް ތަރައްގީގެ މަގުގައި އެއްވެސް ފަސްޖެހުމެއްނެތި، ދިގުދެމިގެންދާ ގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ސްޓެލްކޯގެ ހީވާގި އިންޖިނޭރުން ކުރައްވަމުން ގެންދަވާ އަގުނުކުރެވޭ މަސައްކަތްތައް ފަހުމީ ވަނީ ފާހަގަކުރައްވާފަ އެވެ.

