ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރު ދުވެއްޔެއްގައި އޮތީ ދެކަމެއް، ޑޮލަރުގެ އަގު މަތިވުމާއި ތަކެތީގެ އަގު އުފުލުން: ޑރ ޑީޑީ

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް ދީދީ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ސިޔާސީ ބޭފުޅުން ބުނާ ”މުއިއްޒު ސްޕީޑް“ ގައި ކުރިއަށްދަނީ ދެކަމެއް ކަމަށާއި އެއީ ޑޮލަރުގެ އަގު މައްޗަށް ދިއުމާއި ތަކެތީގެ އަގު އުފުލިގެންދިއުންކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައި ވާތީ، ގިނަ ދަތިތައް ދިމާވެފައިވީ ނަމަވެސް ސަރުކާރުން ބުނަމުން ދަނީ ހާލަތު ރަނގަޅުވަމުންދާ ކަމަށެވެ. އަދި ސަރުކާރުން މި ކަންކަން ހައްލު ކުރުމަށް އަޅާފައި ވަނީ ހަރުދަނާ ފިޔަވަޅުތަކެއްކަމަށް ވެސް ބުނެފައި ވެއެވެ.

ތަފާތު އެކި މައްސަލަތަކުގައި ހުރި ކަންބޮޑުވުންތަކާއި އެކު، މިވަގުތު އެންމެ ގޯސްވެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރަކު ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓު ކުރުމާއި ގުޅޭ ބިލެވެ. ނޫސްވެރިން މި ބިލާއި ދެކޮޅު ހެދި ނަމަވެސް ސަރުކާރުގެ ވިސްނުމަކީ، އިތުރު އެހެން އިސްލާހުތައް ހުށަހަޅައިގެން މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.

މިކަމާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޑީޑީ ފާހަގަކުރެއްވީ ރައީސް އޮފީހުގެ ކުރިމަތީ ނޫސްވެރިންނަށް ހާއްސަކޮށް ހަދާފައިވާ ފެންޑާ އެވެ. ޑީޑީ ވިދާޅުވީ، އެ ޖާގަ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހުރިއްޔާ އޮފީހަށް ވަޑައިގަންނަވާ ވަގުތާއި މިނިސްޓަރުން ވަޑައިގަންނަވާ ވަގުތުގައިވެސް ބޭނުން ސުވާލެއް ކުރެއްވޭނެކަމަށް މީޑިއާތަކަށް އެންގި ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުހިނގާކަމަށާއި ރައީސް ޑރ. މުއިއްޒުއާއި ބައްދަލުކުރައްވަން އެތައް ފަހަރެއްގެ މަތިން ކުރާ މަސައްކަތްތައް ކާމިޔާބު ނުވާކަމަށް ޑީޑީ ވިދާޅުވ އެވެ.

ޑީޑީ ވިދާޅުވީ، ސުވާލުތަކަަށް ޖަވާބުނުދޭނަމަ ނޫސްވެރިން އެ ބައެއްގެ ފަހަތުން ދާނެކަމަށެވެ. އަދި ރައީސް އޮފީހުގައި ބައްދަލުވުމެއް ބޭއްވިނަމަވެސް އެތަނަށް ވަޑައިގަންނަވާ ނޫސްވެރިންނަށް އެކަށީގެންވާ ގޮތެއްގައި ފުރުސަތު ލިބިގެން ނުދާނަމަ ވެސް އެ އުސޫލުން ފަހަތުންދާނެކަމަށް ވިދާޅުވި އެވެ.

މަޖިލީހުގައި ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޑީޑީ ވިދާޅުވީ، ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ހިސާބުން އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުނުކަމަށެވެ. އެހިސާބުން އެތަނުގެ ކޮމިޓީތަކުގައި ބޮޑު ތަޅު އަޅުވައި މަޖިލީހުގެ ތަޅުމުންވެސް އެ ނޫން ކަމެއް ނުފެންނަކަމަށް ޑީޑީ ވިދަޅުވި އެވެ. އަދި މަޖިލީހުގައި ތިއްބެވި ބައެއް މެމްބަރުން ވާހަކަދައްކަން މަސައްކަތްކުރުމުން އިސްކޮށް ތިއްބަވާ ބައެއް ބޭފުޅުން ހުރަސްއަޅުއްވާތަން ފެނިގެންދާކަމަށާއި ޕީއެންސީގެ މަޖިލީސް މެމްބަރުންނަށް އެއްވެސް ވަރެއްގެ މިނިވަންކަމެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ޑީޑީ ވިދާޅުވި އެވެ.

މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންގެ ތެރެއިން މެންބަރަކު ސަރުކާރާ ގުޅޭގޮތުން ފާޑުކިޔުމެއް ނުވަތަ ޤައުމުގައި ހިނގަމުންދާ ކަންކަމާއި މަޝްރޫއުތަކުގެ ލަސްވުމާ ގުޅޭގޮތުން ހިޔާލު ފާޅުކުރައްވައިފިނަމަ، ޕާޓީގެ ސުލޫކީ ކޮމިޓީން އެ މެންބަރެއްގެ މައްސަލަ ބައްލަވައި، ޕާޓީން ވަކިކުރެއްވުމުގެ ސަބަބުން މަޖިލިސް ގޮނޑި ގެއްލިގެންދާނެކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޑީޑީ ވިދާޅުވީ، ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ލިބެނީ 5 އަހަރުގެ މުއްދަތެއްކަމަށެވެ. އެހެންކަމުން، މިހާރު 2 އަހަރު ފާއިތުވެފައިވާއިރު، ބާކީ އޮތީ 3 އަހަރުކަމަށާއި، ނަމަވެސް މިހާތަނަށް އެންމެ ފްލެޓެއްގެ ބިންގަލެއްވެސް އެޅިފައިނުވާކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުން މިހާރު ދައްކަމުންދަނީ މި ވާހަކަތައްކަމަށާއި، މުޅި ރާއްޖެއަށް ބަލާއިރުވެސް މިހާރުގެ ސަރުކާރުން ހިންގަމުންދާ އެއްވެސް މަޝްރޫއެއް ފެންނަން ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ވެރިކަމާ ހަވާލުވިއިރު ”މުއިއްޒު ސްޕީޑުގައި“ ހުރިހާ މަޝްރޫއެއް ކުރިއަށް ގެންދަވާނެކަމަށް ސިޔާސީ ފަރާތްތަކުން ވިދާޅުވަމުން ގެންދެވިކަމަށް ފާހަގަކުރިއެވެ.

ޑީޑީ އިތުރަށް ވިދާޅުވީ، އެ ސްޕީޑުގައި ކުރިއަށްދަނީ ދެކަމެއްކަމަށެވެ. ޑީޑީ ވިދާޅުވި އެގޮތުގައި އެއީ ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް ހަލުވި ދުވެއްޔެއްގައި މައްޗަށް ދިއުމާއި، ރާއްޖޭގައި ތަކެތީގެ އަގުވެސް އެފަދަ ދުވެއްޔެއްގައި މައްޗަށް އަރަމުންދިއުންކަމަށެވެ. މިގޮތަށް ކަންތައްތައް ބަދަލުވަމުން ގޮސް، މިއަދު ރާއްޖޭގައި އާފަލެއް ލިބެނީ 15 ރުފިޔާއަށްކަމަށް ބުނެ ވެސް ޑީޑީ ސަރުކާރަށް ފާޑުކިއުން އަމާޒު ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: