ހަނގުރާމައިގެ ތެރެއިން ފުރަތަމަ ފަހަރަށް ޔޫކްރެއިންގެ މައި ސަރުކާރުގެ އިމާރާތަކަށް ހަމަލާއެއްގެ އަސަރުކޮށްފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.
ޔޫކްރެއިނުން ބުނާގޮތުން އެ ގައުމުގެ ކީވްގައި ހުންނަ މައި ސަރުކާރުގެ އިމާރާތަކަށް ރަޝިއާގެ ހަމަލާއެއް އަރާފައިވަނީ މި ހަނގުރާމައިގެ ތެރެެއިން ފުރަތަމަ ފަހަރަށެވެ. މި ހަމަލާގައި އިމާރާތުގެ ފުރާޅާއި މަތީ ފަންގިފިލާތައް ހަލާކުރެވިފައިވާއިރު އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައިވެއެވެ.
މިފަހުން އެ ގައުމުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ތުއްތު ކުއްޖަކުވެސް ނިޔާވެފައިވާއިރު މިފަހުން ދީފައިވާ ހަމަލާއެއްގައި އެއް ވަގުތެއްގެމަތިން 800 އަށްވުރެ ގިނަ ޑްރޯން ބޭނުންކުރިކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
ޔޫކްރެއިންގެ އެއަރޕޯސްއިން ބުނާގޮތުން 37 ސަރަހައްދަކަށް 9 މިސައިލާއި 56 ޑްރޯން ހަމަލާ އަރާފައިވެއެވެ. ދިފާއުކުރި ހަމަލާތަކުގައި ސުންނާފަތިވި ވަސީލަތްތައް 8 ސަރަހައްދަކަށް ވެއްޓުނުކަމަށެވެ. އެގައުމުގެ ރައީސް ޒެލެންސްކީ ވިދާޅުވީ، ޑިޕްލޮމެސީ ހިޔާރުކުރުމުގެ އެތައް ފުރުސަތެއް ލިބިގޮސްފައިވާއިރު މިފަދަ ގޮތެއްގައި އަނިޔާވެރިކަން އިސްކުރުމަކީ ހިންގަމުންދާ ޖަރީމާއެއްކަމަށާއި ރަޝިއާގެ އަމާޒަކީ ހަނގުރާމަ ދިގުދެންމުންކަމަށެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނާގޮތުން އެ ގައުމުން ހަމަލާތަކެއް ދީފައިވަނީ ޔޫކްރެއިންގެ އަސްކަރީ ވަސީލަތްތަކަށެވެ. އަދި ޓްރާންސްޕޯޓުވެސް އަމާޒުތަކުގައި ހިމެނޭއިރު މަސައްކަތްކުރީ ހަތިޔާރުތަކާއި އަސްކަރީ ވަސީލަތްތައް ހަލާކުކޮށްލުމަށްކަމަށް ބުނެފައިވެއެވެ.

