އަހަރުތަކެއްގެ ބުރަ މަސައްކަތުން އެމްޑީޕީން ދިވެހި ރައްޔިތުންގެ ހައްގުގައި ގަނައި ނިޒާމެއް ފުނޑާލުމަށް އެއްވެސް ފުރުސަތެއް މި ސަރުކާރަށް ނުދޭނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެނައުމަށް ގަސްދު ކުރާ ބަދަލުތަކާއި، މިފަހުން ގާނޫނަށް ގެނައި އިސްލާހުތަކާއި އެމްޑީޕީން ވަނީ ދެކޮޅު ހަދާފަ އެވެ. އެމްޑީޕީން ބުނީ އެ ޕާޓީން އުފަން ކުރި ނިޒާމެއް ހަލާކުކޮށް، ގަޑުބަޑު ކުރުމަށް އެއްވެސް ފުރުސަތެއް ނުދޭނެކަމަށެވެ.
އެމްޑީޕީގެ ލީޑާޝިޕްއިން އަތޮޅުތެރެއަށް ކުރަމުން ގެންދާ ދަތުރުގެ ތެރެއިން، އ. ބޮޑުފުޅަދޫއަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރައްތަކަށް ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ގެނެވޭނީ ލާމަރުކަޒީ ނިޒާމުން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ގާނޫނުން ލިބިދީފައިވާ ބާރުތައް ހަނިކޮށް، ކައުންސިލްތަކަށް ދަތިކޮށްގެން ބާރުތައް މައި ސަރުކާރަށް ޖަމާކޮށްގެން ރައްޔިތުން އެކަމާ ރުހިގެން ތިބެދާނެކަމަށް ދެކިގެން ނުވަނެކަމަށެވެ. އަދި ވިދަޅުވީ ކައުންސިލްތަކަށް މާލީ މިނިވަންކަމާއި ބޭނުންވާ ބާރުތައްދީ ނިޒާމު ހަރުދަނާކޮށްގެން ނޫންގޮތަކަށް އަތޮޅުތައް ތަރައްގީ ވެސް ނުވާނެކަމަށެވެ.
ނިޒާމަށް ބަދަލު ގެނައުމުގެ ބޭނުމަކީ ބާރުތައް ޖަމާކުރުންކަމަށް ތުހުމަތުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީން ގާނޫނަށް ގެނައި ކޮންމެ ބަދަލެއް ގެނެސްފައި ވަނީ މަޝްވަރާކޮށް ކައުންސިލްތައް ބޭނުންވާ ގޮތަކީ ކޮބައިތޯ ބަލައި ފައިދާއާއި ގެއްލުންތައް ވެސް އަޅައިކިއުމަށް ފަހުގައި ކަމަށެވެ. އަދި ވިދާޅުވީ ކާމަރުކަޒީ ނިޒާމާއި ބެހޭ ގާނޫނުގެ ޑްރާފްޓުގައި ކައުންސިލަރުންގެ އިތުރުން، މިނިސްޓްރީތަކާއި ރައްޔިތުންގެ މަޖިލީހާއި މަޝްވަރާކޮށް ރައްޔިތުންނާއި ވެސް އެކަންކަން ހިއްސާކުރެވުނު ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެ ޑްރާފްޓާއި އެކު، ސަރުކާރު ހިންގުމަށް ދަތިވާނެކަމަށް ބައެއް ވަޒީރުން ދެކުނު ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ގަބޫލު ކުރެއްވީ މިއީ ރާއްޖެއަށް މުހިންމު ގާނޫނެއްކަމަށް ވާތީ އެ ނިޒާމުގެ ތެރެއިން ކުރިޔަށް ދިއުމަށްކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.
ދެން އޮންނަ ރިޔާސީ އިންތިހާބެއް ކާމިޔާބުކޮށް، މި ސަރުކާރުން ގާނޫނަށް ގެނެސްފައި ހުރި ގޯސް ބަދަލުތައް އުވާލާނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ކައުންސިލްތަކަށް ހުރިހާ ބާރެއް އަނބުރާ ދޫކޮށްލާނެކަމަށް ތަކުރާރު ކުރެއްވި އެވެ
އެމްޑީޕީގެ ސަރުކާރެއްގައި ކައުންސިލްތަކަށް އޮންނަން ޖެހޭ ހައްގު ބާރުތައް ބޭނުން ކުރެވޭނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދޫކޮށް، ރަށްތައް ހިންގުމަށްޓަކައި ފުރިހަމަ ބާރު ދޭނެކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ 100 އެތައް ކައުންސިކުން ނިކުމެ ގާނޫނަށް ގެންނަ އިސްލާހުތަކާއި ދެކޮޅު ހެދުމުން ވެސް ސަރުކާރުން އެއަށް ދިނީ ބީރު ކަންފަތެއް ކަމަށެވެ. މިއީ ހެޔޮވެރިކަމެއް ނުކޮށް، ރައްޔިތުންނާއި މެދު އެއްވެސް މިންވަރަކަށް ނުވިސްނާކަމުގެ ހެއްކެއްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ ގައުމުގެ އިގްތިސާދު އޮތީ އިންތިހާއަށް ގޯސް ހާލަތެއްގައި ކަމަށެވެ. އެގޮތުން ޑޮލަރުގެ އަގު ރައްޔިތުންނަށް ނުލިބޭ މިންވަރަށް މަދުވެ، ކަޅު ބާޒާރެއް އުފެދުނު އިރު ވެސް ސަރުކާރުން މައްސަލަތައް ގަބޫލު ކުރަން ބޭނުން ނުވާކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

