ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަހުގެ ނިޔަލަށް 8،000 އަަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވޭ!

ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދަނީ/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުލައި މަހުގެ ނިޔަލަށް 8،000 އަަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު މި މަސައްކަތް ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ފަށާފައެވެ. އެގޮތުން އިމިގްރޭޝަންގެ މަޤްޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާއްމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.

މި ސަރުކާރުން ވަނީ ”އޮޕަރޭޝަން ކުރަނގި“ ގެ ނަމުގައި ޚާއްސަ އޮޕަރޭޝަންތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، ބިދޭސީންގެ މައްސަލަތައް 3 އަހަރުގެ ތެރޭގައި ޙައްލުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

އެގޮތުން މިހާ ހިސާބަށް އައިރު، ޖުމްލަ 8،000 ބިދޭސީއިން ޑީޕޯޓުކޮށްލާފައިވާއިރު، އެތައް ބިދޭސީއަކު މި ވަގުތުވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެބަތިބިއެވެ.

ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ޖޫރިމަނާކުރުމަށްވެސް ހޯމް މިނިސްޓްރީއިން ވަނީ ދާދި ފަހުން ނިންމާފައެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެމުން ހޯމް މިނިސްޓްރީއިން ބުނީ ވަޒީފާއާބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާ އެއްގޮތަށް ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ. އަދި އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000ރ. ގެ މަގުން ޖޫރިމަނާކުރާނެކަމަށްވެސް ބުންޏެވެ.

ތަކުރާރުކޮށް ބިދޭސީ މުވައްޒަފުންނަށް އިހުމާލުވާ ފަރާތްތަކަށް، މަސައްކަތްތެރިންނާ ގުޅޭގޮތުން ދޭ ހިދުމަތްތައް ވަކި މުއްދަތަކަށް ހުއްޓާލުމަށްވެސް ވަނީ ނިންމާފައެވެ. މި އިސްލާހުތަކުގައި ނުހިމެނޭ މައްސަލައެއް ފެންމަތިވެއްޖެނަމަ، ލައްކައަކަށްވުރެ ބޮޑު ނުވާ އަދަދަކުން ޖޫރިމަނާކުރުމަށްވެސް ވަނީ ނިންމާފައެވެ.

ފިޔަވަޅު އަޅާ ކަންތައްތަކުގެ ތެރޭގައި، ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަށް ފަހު މުސާރަ ނުދިނުމާއި، ވަޒީފާދޭ ފަރާތުން ފޯރުކޮށްދޭންޖެހޭ އަސާސީ ކަންކަން ކަމުގައި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަނުކުރުން ހިމެނެއެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގައި ނުވަތަ ރާއްޖެ ގެނައުމަށް ފަހު އެ މީހުންނާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެ މީހުން ލައްވައި ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގުމުގެ އިތުރުން، ބިދޭސީ މީހާ ރާއްޖެ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާކުރުވުންމަކީވެސް ފިޔަވަޅު އަޅާކަމެކެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް އެ ފިޔަވަޅުތައް ތަންފީޒުކުރަން މިނިސްޓްރީއިން ވަނީ ނިންމާފައެވެ.  ޖޫރިމަނާގެ ފައިސާ ދެއްކުމުން ނޫނީ އެ ސިސްޓަމް މެދުވެރިކޮށް ވަޒީފާދޭ ފަރާތުން އިތުރު އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދޭނެކަމަށްވެސް ބުންޏެވެ.

ބިދޭސީއިންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ފަށާފައިވާއިރު، އޭރުވެސް ފާހަގަކުރަމުން އައީ ގަވާއިދަށް އުޅޭ ބިދޭސީއިން ފާހަގަކޮށް، ހައްޔަރުކޮށްގެން އެކަނި މި މައްސަލައަށް ހައްލު ނުލިބޭނެކަމަށެވެ. އޭގެ އިތުރުން ބިދޭސީ މީހާއާއި ހަވާލުވާ ފަރާތާއި، މީގެ އިތުރުންވެސް ކަމާއި ގުޅުން ހުރި އެހެން ފަރާތްތަށް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް މުހިންމުކަމަށް ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: