ވަގު ސެޓްފިކެޓްތަކުގެ މައްސަލަތަކުގެ ތަހުގީގު ނުނިމި، އެފަދަ މީހުންނާ މެދު ފިޔަވަޅު އެޅުން ލަސްވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާއި ގުޅޭ ގޮތުން އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ، ވަގު ސެޓިފިކެޓުގެ މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށްޓަކައި، އެމްކިއުއޭއިން ދޫކުރާ ލިޔެކިޔުންތަކުގައި މީގެފަހުން ތައްގަނޑު ޖަހާނީ އެ އޮތޯރިޓީއިންކަމަށެވެ.
ސޮޔާއި ތައްގަނޑު ފޯޖު ކުރުމުގެ މައްސަލަތައް ބޮޑުކަމަށް ފާހަގަކޮށް ފިޒާނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ތަކުރާރުކޮށް ވަގު ސެޓިފިކެޓުގެ ހުށައަޅާ މީހުން އެބަތިބިކަމަށް ފާހަގަކޮށް ފިޒާނާ ވިދާޅުވީ ގޮތުންނަމަ، މިފަދަ މައްސަލަތައް 7 ދާއިރާއަކުން ވަނީ ފާހަގަވެފައެވެ.
އެ ދާއިރާތަކަކީ
- – އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)
- – މާސްޓާ އިން އެކައުންޓިން
- – އެޑިޔުކޭޝަން ދާއިރާ (ހާއްސަކޮށް އާލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން، އީސީއީ)
- – މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ)
- – ގާނޫނީ ދާއިރާ
- – މާސްޓާ އިން ބިޒްނަސް
- – ބިޒްނަސް އެޑްމިނިސްޓްރޭޝަން
ވަގު ސެޓިފިކެޓުގެ މައްސލަަތައް ތަކުރާރުކޮށް ފުލުހަށް ހުށައަޅާފައިވާ ނަމަވެސް، މައްސަލަތަކުގެ ތަހުގީގު ލަސްކަމަށް ފިޒާނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މިފަދަ ސެޓިފިކެޓުތައް ގެންގުޅޭ މީހުންނަށް، އެކަންކަން ކުރުމަށް މަގުފަހިވާކަމަށާއި، ވަގު ސެޓްފިކެޓް ގެންގުޅޭ މީހުން އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުވާއިރު، އެ މައްސަލަ ތަކުރާރުކޮށް ދިމާވާ ކަމަށް ވެސް ފިޒާނާ ވިދާޅުވި އެވެ.
ޕޯޓަލް ސިސްޓަމެއް އައިސްގެން ނޫނީ މިއީ ހުއްޓުވޭނެކަމެއް ނޫންކަމަށާއި، މި ނިޒާމާއިއެކު މިކަހަލަ ކަންކަން ވަރަށް މަދުކުރެވޭނެކަމަށް ފިޒާނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ނިޒާމެއް އަންނަންދެން މަޑުކުރެވެން ނެތްކަމަށް ފާހަގަކޮށް ފިޒާނާ ވިދާޅުވީ، އެޓެސްޓޭޝަން ތައްގަނޑު ޖަހަން އުސޫލެއް ފަރުމާކުރީ މިހެންވެކަމަށެވެ.
މިއާއިއެކު، އެމްކިއުއޭއިން ހުއްދަ ދީގެން ރާއްޖޭގެ ޔުނިވާސިޓީތަކާއި، ކޮޖެލްތަކުން ހިންގާ ކޯސްތަކުގައި ދޫކޮށްފައިވާ ސެޓްފިކެޓްތައް އެޓެސްޓްކުރަން އެމްކިއުއޭއަށް ވަކިން ހުށަހަޅަން ނުޖެހޭނެއެވެ.

