ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ނިމުމަކާއި ގާތްވެއްޖެ އެވެ.
އެފްޑީސީ ބުނި ގޮތުގައި މިހާތަނަށް ޖުމްލަ 3،131 ފަރާތަކާއި އެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އަދި އެއްބަސްވުންތަކުގައި ސޮއި ކުރުމަށްޓަކައި އެފްޑީސީން 3،119 ބައްދަލުވުމެއް ވެސް ތާވަލު ކުރި އެވެ.
އެފްޑީސީން ބުނެފައި ވަނީ، ސޮއި ކުރާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ހަވާލު ކުރުމަށް ތައްޔާރުވެފައިވާ ޔުނިޓުތަކަށް އިސްކަން ދީގެން ކަމަށެވެ. އަދި އެފްޑީސން ވަނީ ފިނިޝިންގެ މަސއްކަތް އެއްކޮށް ނިމިފައިވާ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.
އެފްޑީސީން ބުނީ ތަޅުދަނޑިއާއި ހަވާލުވުމަށް ދާން ގަޑި ތާވަލުކޮށް އެސްއެމްއެސް މެދުވެރިކޮށް އަންގަމުންދާނެ ކަމަށެވެ. އަދި ޕްރޮސެސް ހިނގަމުންދާ ގޮތް ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެކަމަށް ވަނީ ބުނެފަ އެވެ.
އެފްޑީސީ ހަމަޖައްސާފައި ވަނީ ފްލެޓު ލިބި އެއްބަސްވުމުގައި ސޮއިކޮށް ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ ފްލެޓު ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލު ކުރުމަށެވެ.
އެފްޑީސީން ބުނީ ޓަވަރުތައް ނިމި، ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ދައްކަމުންދާ ވަރަކަށް ފްލެޓުތައް ހަވާލު ކުރަމުން ގެންދާނެކަމަށެވެ.
މީގެއިތުރުން އެފްޑީސީން ބުނީ ފްލެޓަށް ވަނުމަށް ތަޅުދަނޑި ހަވާލު ކުރިނަމަވެސް މުދާ އެރުވޭނީ ވަކި އުސޫލެއްގެ ތެރެއިން ކަމަށެވެ. އަދި އެކަމަށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން، އެކަމަށް ހުއްދަދޭ ވަގުތެއްގައި މުދާ އެރުވޭނެކަމަށް ވަނީ ބުނެފަ އެވެ.
ފްލެޓުގެ މަސައްކަތްތަކުން ނުނިމި ހުރި ބައިތަކުގައި މިހާރު ކުރިޔަށް ދަނީ ބިލްޑިން ސައިނޭޖް، ސީސީޓީވީ ނެޓްވޯކް، ގާބޭޖް ޝޫޓް، ބޫމް ގޭޓް، ލޭންޑް-ސްކޭޕިން، ފީޑާ ކޭބަލް އެންޑް ޓްރާންސްފޯމާ ކަނެކްޝަން، އެމްޑަބްލިޔުއެސްސީ ސީވޭޖް ކަނެކްޝަން، އެމްޑަބްލިޔުއެސްސީ މެއިން-ލައިން ކަނެކްޝަން، ބޫސްޓާ ޕަމްޕް ފޯ ދޯދި ޕްރޮޖެކްޓް، ޝަފްޓް ޑޯ، އެކްސްޓާނަލް ގޭޓްސް، އަދި އިންޓަނެޓް އެންޑް މީޑިއާނެޓް ކަނެކްޝަން ގުޅުމެވެ.

