ފަލަސްތީނުގެ ހައްގުގައި އދގެ އާންމު މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އދގެ އާންމު މަޖިލީހުގައި މަސައްކަތްތައް ކުރަމުންދާއިރު ރައީސް ޑރ މުއިއްޒުވަނީ ސޯޝަލްމީޑިއާގައި އެކަމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ރާއްޖެއިން އެ މަސައްކަތްތަކަށް ތާއީދުކުރާކަމަށާއި އެއީ ބައިނަލްއަގުވާމީ މައިދާނުން ސުލްހައަށާއި އިންސާފަށް ގޮވާލާފައިވުންކަމަށް ފާހަގަކުރެއްވިއެވެ.
މިފަދަ މަސައްކަތްތަކަކީ ބައިނަލްއަގުވާމީ މުޖުތަމައު އެއްގަލަކަށް އެރުވުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްވެސް އެޅިފައިވާ މުހިންމު ފިޔަވަޅެއްކަން ހިއްސާކުރެއްވިއެވެ. ރައީސް ވިދާލުވީ، ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގެ މަސައްކަތްތަކުގައި ސާބިތުވެ ތިބޭނެކަމަށެވެ.

