މި ސަރުކާރުން ގެންގުޅޭ ދެކޮޅު ނުޖެހޭ މާލީ ސިޔާސަތުތަކުގެ ސަބަބުން، މި ފަސް އަހަރުގެ ތެރޭގައި އެކަނި 100 ބިލިއަން ރުފިޔާގެ ދަރަނި އުފެދިގެން ދާނެކަން ތަފާސްހިސާބުތަކުން އެނގޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އއ. ބޮޑުފުޅަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ސޯލިހު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރިޔާސީ އިންތިހާބުގެ ދުވަސްވަރާއި، އިދިކޮޅުގައި އޮވެ އޭރު އެމްޑީޕީއަށް އެންމެ ބޮޑަށް އަމާޒު ކުރީ އިގްތިސާދީ ހާލަތު ގޯސްވެ ގައުމު މިސް މެނޭޖު ކުރުމުގެ ތުހުމަތުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ދަރަނީގެ ދޮގު ވާހަކަތަކެއް ދައްކައި، ވެރިކަމަށް އައުމަށް ފަހު ޕީއެންސީގެ ހާލަތު މާ ގޯސް ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ބަދަލުގައި މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ވިޔަފާރިވެރިންނަށް އިތުރު ގެއްލުންތައް ދިނުމަށް ކަމަށެވެ. ގައުމުގެ ދަރަނީގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުންނާއި އިންފްލޭޝަން އުފުލިފައިވާތީ ތަކެތީގެ އަގު އުފުލެމުންދާކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުން އަދިވެސް ބަލަނީ ވިޔަފާރިވެރިންނަށް އަދަބު ދެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.
ހާއްސަކޮށް ދަރަނި މައްޗަށް ދާ މިންވަރާއި، ޓެކްސްގެ ގާނޫނަށް ގެނައުމަށް އުޅޭ ބަދަލުތަކުގެ ސަބަބުން ވިޔަފާރިވެރިން ބަނގުރޫޓުވެފައިވާކަމަށް ވިދާޅުވި އެވެ. ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރު ގައުމު ދަރަނިކޮށްފައިވާކަމަށް މި ސަރުކާރުން ތަކުރާރުކޮށް ދައްކަމުން އަންނަ ވާހަކައަކީ ހަގީގަތާއި ވަރަށް ދުރު ކަމަށެވެ. އެގޮތުން، އެމްޑީޕީގެ ފަސް އަހަރުގެ ދައުރުގައި 60 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާކަމަށް ބުނާ އިރު، އޭގެ ތެރޭގައި ކޮވިޑް-19 އާ ގުޅިގެން ދެ އަހަރު ދުވަހު ހޭދަ ކުރެވުނު 17 – 18 ބިލިއަން ރުފިޔާ ހިމެނޭކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން 38 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
ދަރަނި އުފުލެނީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންކަމަށް ތުހުމަތު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ ރިޕޯޓުތަކުން މިހާރު ދައުލަތުގެ ދަރަނި 148 ބިލިއަން ރުފިޔާއަށް އަރާފައިވާކަން އެނގޭ ކަމަށެވެ. އެމްޑީޕީގެ ސަރުކާރު ނިމުނު އިރު، ދައުލަތުގެ ދަރަނި 124 ބިލިއަން ރުފިޔާގައި ހުރިއިރު، ގަރަންޓީ ނުހިމަނާ އެ އަދަދު ހުރީ 110 ބިލިއަން ރުފިޔާގައިކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ހަމަގައިވެސް ފައިނޭންޝަލް ރިޕޯޓުތަކުން ފިނޭންސްގެ ފައިނޭންޝަލް ރިޕޯޓުތަކުން ފެންނަ އެކައްޗަކީ މިއަދާ ހިސާބަށް ދައުލަތުގެ ދަރަނި 148 ބިލިއަން ރުފިޔަށް އަރައިފިކަމަށް.. އަޅުގަނޑުމެން ފޭބިއިރުގަ 124 ބިލިއަން ރުފިޔާ، އެއީ ގަރަންޓީއާ އެކު ގަރަންޓީއާ ނުލައި 110 ބިލިއަން ރުފިޔާ… މިދާ ގޮތަށް މި ބަޖެޓު މި އަހަރު އެކީގައި ހޭދަކޮށްފިއްޔާ ދައުލަތުގެ ދަރަނި 160 ބިލިއަން ރުފިޔާއަށް އަރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން.. އަޅުގަނޑުމެން ބަލަން ތިއްބޭނީ.. މިހެންދާ ކަމަށްވަންޏާ މި ފަސް އަހަރު ނިމޭއިރުގައި މި ގޮތަށް ދާ ކަމަށް ވަންޏާ މި ފަސް އަހަރު ނިމޭއިރުގައި މި ފަސް އަހަރު ދުވަހު ތެރޭގައި އެކަނި 100 ބިލިއަން ރުފިޔާގެ ދަރަނި ގުނަވެގެންދާނެ. މިއަށް އިތުރުވެގެންދާނެ… އެހެންވީމާ އަޅުގަނޑުމެން އޮކްޓޫބަރު ތިނެއްގައި މި ނިކުންނަނީ… މި ދައްކާ ވާހަކައަކާ މި ލިބޭ ފައިސާއަށް ކުރާ ކަމަކާއި ރައްޔިތުންނަށް ލިބޭ އޭގެން އެއްޗެއް ނެތް. ގާނޫނުތަކަށް ގެންނަމުން ގެންދާ ބަދަލުތަކަށް ވިސްނާއިރުގައި ދެކޮޅުޖެހޭ ކަމެއް ނުކުރޭ.
ރައީސް ސޯލިހު ވިދާޅުވީ، ބަޖެޓް އެކީގައި މި އަހަރު ހޭދަކޮށްފި ނަމަ، ދައުލަތުގެ ދަރަނި 160 ބިލިއަން ރުފިޔާއަށް އަރާނެކަމަށެވެ. އަދި މި ގޮތަށް ކަންކަން ދާނަމަ، މި ފަސް އަހަރުގެ ތެރޭގައި އެކަނި 100 ބިލިއަން ރުފިޔާގެ ދަރަނި އިތުރުވެގެންދާނެކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ސޯލިހު ވަނީ ޓެކްސްގެ ގާނޫނަށް ގެންނަން އުޅޭ ބަދަލުތަކާއި ގުޅޭގޮތުން ވެސް ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ޓެކްސް ނުދައްކައިފި ނަމަ ބޮޑެތި ޖޫރިމަނާތަކާއި ޖަލު ހުކުމް އަންނާނެކަމަށް އިސްލާހު ގެނައި އިރު، ވިޔަފާރިވެރިންނަށް ސަރުކާރުން ދައްކަންޖެހޭ 8 ބިލިއަން ރުފިޔާ އަދިވެސް ނުދައްކާ އެބައޮތް ކަމަށެވެ. އެކި ފަހަރުމަތީން ބައްދަލުވި ބައެއް ވިޔަފާރިވެރިންގެ މިސާލު ދައްކަވަމުން ވިދާޅުވީ، އެއް ވިޔަފާރިވެރިޔަކަށް 38 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށާއި، އަނެއް ވިޔަފާރިވެރިޔަކަށް 60 މިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ފައިސާ ނުދައްކައި، ވިޔަފާރިތައް ހުއްޓިފައި ވަނިކޮށް ޓެކްސް ނުދެއްކުމުން ޖަލަށްލާނެކަމަށް ބުނުމަކީ ދެކޮޅު ޖެހޭ ސިޔާސަތެއް ނޫންކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިއަދު ކަންމަތީ ފިހާރަތަކާއި، ހޯލްސޭލް ފިހާރަތަކުގެ އިތުރުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ބަނގުރޫޓުވެފައިވާކަމަށެވެ. އަދި ދިވެހި ރައްޔިތުން ތިބީ ނިކަމެތިވެ، ހަދާނެ ގޮތް ހުސްވެފައިކަމަށް ވިދާޅުވި އެވެ. އެހެންކަމުން، މި ކަންކަން ހަމަ މަގަށް އެޅުވުމަށް، އެކީއެކައްޗަކަށް މަގުމައްޗަށް ނިކުތުމަށް ވަނީ ގޮވާލައްވާފައެވެ.

