ރަށުގެ ތަރައްގީއަށް މަސައްކަތެއް ނުކުރެވޭ ތަނުގައި، ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް މި ސަރުކާރު ފެއިލްވެފައިވާކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.
ބިގޭ މިފަދައިން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އއ. ބޮޑުފުޅަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގަ އެވެ.
ބިގޭ ވިދާޅުވީ، މާޒީގެ ތަޖުރިބާތަކުން އެނގޭ ގޮތުގައި އެމްޑީޕީގެ ވެރިކަމެއް ނޯންނަ ކޮންމެ ފަހަރަކު ރާއްޖެ އެތައް އަހަރަކަށް ފަހަތަށް ދާ ކަމަށާއި، މި ހާލަތު ބަދަލުކުރުމަށް އަވަސް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
މި ޖަލްސާގައި ބިގޭ ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ކުރި މަސައްކަތުން ހޯދި ކާމިޔާބީތައް މިހާރު ދަނީ ވިހި ތިރީސް އަހަރު ފަހަތަށް ޖެހެމުންނެވެ. އެފަދަ ގޮތަކަށް ރާއްޖެ ފަހަތަށް ދިއުމުން ދިވެހި ރައްޔިތުންނާއި، ގައުމުގެ ދަރީންގެ ހައްގުގައި މިއަށްވުރެ އުފާވެރި ރާއްޖެއެއް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އިންތިހާއަށް ގިނަކަން ހާމަވާ ސަބަބެއްކަމަށް ބިގޭ ވިދާޅުވި އެވެ. އަދި ވިދާޅުވީ މި މަސައްކަތް މިއަދު ނުކޮށްފިނަމަ މާދަމާ ކުރިމަތިލާން ޖެހޭނީ މާ ހިތްދަތި ދުވަސްތަކަކާއި ކަމަށެވެ.
މީގެއިތުރުން މި ސަރުކާރަށް ދެ އަހަރުވުމާއި ގާތްވި އިރު ރައްޔިތުންގެ ހައްގުގައި އެއްވެސް ކަމެއް ކުރެއްވި ތަނެއް ނުފެންނަ ކަމަށް ބިގޭ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ފެންނަނީ ބާރުތައް އެއްކުރި ތަންކަމަށް ވިދާޅުވެ މަޖިލީހުން އެންމެ ފުރަތަމަ ވެސް މެންބަރުންގެ އަނގައިގައި ތަޅު އެޅުވިކަމަށް ތުހުމަތުކުރެއްވިއެވެ.
ބަޖެޓާއި ގުޅޭގޮތުން ބިގޭ ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ހިސާބުކޮށް، އެކަން ސާފުކޮށް ބަޔާންކޮށް ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް މިހާރު އޮތީ ރަށެއްގެ ތަރައްގީގެ ޕްރޮޖެކްޓުތައް ބަޖެޓު ފޮތުގައި ނުހިމަނައި، ޖުމުލަ އަދަދެއް ހިމަނައިގެން ރައީސް ބޭނުންވާ ރަށަކަށް ގޮސް ބޭނުން ކަމެއް ކުރެވޭ ގޮތަށް އޮތް ބަޖެޓެއްކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުތައް ވެސް މުށުތެރެއަށް ލައްވައިގެން، ބޭނުން އެއްޗެއް ހައްދަވަނީ… ރައްޔިތުންނަށް އެއްވެސް ވަރަކަށް އެ ބޭފުޅުންގެ ހައްގުތަކަށް ވައުދުވެގެން ވަޑައިގެންނެވި ގޮތަށް އެއްވެސް ކަމެއް ކޮށްދެއްވަނީއެއް ނޫން… ރަށުގެ ތަރައްގީއެއް ކަމެއް ވަނީއެއް ނޫން، ބޭސްފަރުވާ ކުރެވެނީކީއެއް ނޫން…
ބިގޭ ވިދާޅުވި ގޮތުގައި ތަކެތީގެ އަގު އުފުލި، އަތް ނުފޯރާފަށަށް ދިޔައިރު ވެސް ސަރުކާރުން އެކަން ހައްލު ކުރުމަށް ކުރި އެއްވެސް މަސައްކަތެއް ނެތެވެ. އަދި ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި، ރައްޔިތުންނަށް ޑޮލަރެއް މާކެޓުގައި ނުލިބޭ ކަމަށެވެ.
ބިގޭ ވިދާޅުވީ، މިގޮތަށް ރާއްޖެ ދޫކޮށް ރައްޔިތުން ހާލުގައި ޖެހިފައި ތިބެން އެމްޑީޕީ ބޭނުން ނުވާކަމަށާއި، މިކަމުގައި ހަރުއަޑުން ނުކުމެ، ބާރަށް ގޮވައި، ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ކާމިޔާބު ހޯދެން ނެތްކަމަށް ވިދާޅުވެ ގޮވާލީ އަންނަ މަހުގެ 3 ގައި އެމްޑީޕީ ބާއްވާ އެއްވުމުގައި ބައިވެރިވުމަށެވެ.

