މާލޭ ސަރަހައްދުން ވަގަށް ނެގި ނުވަތަ ގެއްލުނު 90 ސައިކަލަކާއި 19 ފޯނެއް ހޯދައިދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިކަން ހާމަވެފައި ވަނީ އެކްސް މެދުވެރިކޮށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާންމުކުރުމުންނެވެ.
އެގޮތުން އޮގަސްޓް މަހުގެ ތެރޭގައި މާލެ ޕޮލިސް ކޮމާންޑްގެ ޑިޕާޓްމެންޓްތަކުން ކުރި މަސައްކަތްތަކުގެ ތެރެއިން 90 ސައިކަލަކާއި 19 ފޯނު ވަނީ ހޯދާފައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ބައެއް އިލެކްޓްރޯނިކްސް ސަމާނާއި، 328،350 ރުފިޔާވެސް ފުލުހުން ހޯދާފައިވެއެވެ. އެގޮތުން ޖުމްލަ ހޯދާފައިވާ ތަކެތީގެ އަގު 80،848 ރުފިޔާއަށް އަރައެވެ.
މީގެ އިތުރުން، އޮގަސްޓް މަހުގެ ތެރޭގައި 5،581 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 5373 މީހުންނަކީ ކުށުގެ ރިކޯޑް އޮތް މީހުން ކަަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އަވައްޓެރި ފުލުހުން ކޮށްފައިވާ މަސައްކަތަށް ބަލާއިރު، 900 ކޮމިއުނިޓީ އިންޓަރެކްޝަން ދީފައިވެއެވެ. ހައްލު ކުރި މައްސަލަތަކުގެ އަދަދު 102 އަކަށް އަރައެވެ.
ބިދޭސީއިންނާއި ގުޅުންހުރި 4 މައްސަލައެއް ބަލާ، އެ ފަރާތްތައް ފުލުހުން ވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ.

