އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރިވަރުގެ 66 އިންސައްތައަށްވުރެ އިތުރު އަދަދެއް ލިބިފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީންވަނީ ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ކޮށްފައިވާ ބޭނުންތަކުގެ ތަފްސީލު އާންމުކޮށްފައެވެ. މިނިސްޓްރީން ހިއްސާކުރިގޮތުން މި އަހަރުގެ ތެރޭގައި ލިބޭނެކަމަށް އަންދާޒާކުރަނީ 39.79 ބިލިއަން ރުފިޔާއެވެ. އަދި މިހާތަނަށް ލިބިފައިވަނީ 26.31 ބިލިއަންކަން ފާހަގަކޮށްފައިވެއެވެ.
ބަޖެޓުކުރެވިފައިވާ އަދަދުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއް ބޭނުންކުރެވިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. މި ދުވަހުގެ ނިޔަލަށް ބޭނުންކޮށްފައިވަނީ 25.44 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ ތެރެއިން ރިކަރެންޓު މަސައްކަތްތަކަށް ބޭނުންކޮށްފައިވަނީ 22.17 ބިލިއަން ރުފިޔާއެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި މިންވަރަށްވުރެ ކުޑަ އަދަދެކެވެ. މިގޮތުން ކުރި ހަރަދު ކުޑަވުމަށް ދިމާވި މައިގަނޑު ސަބަބަކީ އިދާރީ މަސައްކަތްތަކަށް ކޮށްފައިވާ ހަރަދު ކުޑަވެގެންދިއުމެވެ. ނަމަވެސް މި މުއްދަތުގައި މުސާރައާއި އިނާޔަތްތައް ދިނުމަށްޓަކައި ކުރި ހޭދަ ނިމިދިޔަ އަހަރަށްވުރެ އިތުރެވެ.
ނިމިދިޔަ އަހަރަށްވުރެ ކެޕިޓަލް ހަރަދުތައް ފާހަގަކުރެވޭ މިންވަރަކަށް ދަށެވެ. މިގޮތުން ނިމިދިޔަ އަހަރުގެ މި މުއްދަތުގައި 7.80 ބިލިއަން ހަރަދުކުރި މި އަހަރުގައި ކޮށްފައިވަނީ 3.28 ބިލިއަން ރުފިޔާއެވެ. ލޯނު ދެއްކުމަށްޓަކައި މިދިޔަ އަހަރަށްވުރެ އިތުރެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއާއި ޓެކްސް ނޫން އާމްދަނީވެސް މި މުއްދަތުގައި އިތުރުވެފައިވެއެވެ.
ޕީއެސްއައިޕީގެ ގޮތުގައި ހަރަދުކޮށްފައިވަނީ 4.12 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 2.6 ބިލިއަން ހަރަދުކޮށްފައިވަނި ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތަކަށެވެ. މި މުއްދަތުގައި ބިން ހިއްކުމާއި މަގުހެދުމަށް 461.2 މިލިއަން ހަރަދުކޮށްފައިވެއެވެ. ހައުސިންގް މަސައްކަތްތަކަށް 131.6 މިލިއަން ހަރަދުކޮށްފައިވެއެވެ.

