ބަންޑާރަނައިބުގެ އޮފީހުގެ ވަކި ޤާނޫނީ އޮނިގަނޑެއް އެކުލެވިގެން ދިއުމަކީ ނުހަނު ދުވަސްވީ ތަސައްވުރެއް ހަގީގަތަކަށް ވެގެންދިއުންކަމަށް އެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ޙަލީމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފާތިމަތު ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވުމަކީ އެ އޮފީހުގެ މަސައްކަތްތައް ބަލައިގަންނަވާ ކަމުގެ ހެއްކެއް ކަމަށެވެ.
ފާތިމަތު ވިދާޅުވީ، ޤާނޫނު ހެދުމުގެ ބާރުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތްތަކާއި، އަދުލުއިންސާފު ޤާއިމު ކުރުމުގެ ބާރުގެ ގޮތުގައި ކޯޓުތަކުން ކުރަމުންދާ މަސައްކަތްތަކުގައި އޭޖީ އޮފީހުންވެސް މުހިއްމު ރޯލެއް އަދާކުރާ ކަމަށާއި، އެއީ އޭޖީ އޮފީހުގެ މަސައްކަތްތަކާވެސް ގުޅި ލާމެހިފައިވާ ކަންކަން ކަމަށެވެ.
އެއީ މި އޮފީހުގެ މަސައްކަތްތަކާ ގުޅި ލާމެހިފައިވާ ކަންކަން
މީގެ އިތުރުން، 75 އަހަރުގެ މި ދިގު ތާރީޚުގައި އެތައް ބައެއްގެ މިންނެއް މަސައްކަތާއި ޚިދުމަތް އެކުލެވިގެންވާކަން ފާހަގަ ކުރައްވައި ފާތިމަތު ވިދާޅުވީ، އެ ހުރިހާ ފަރާތްތަކަށްވެސް ޝުކުރު ޙައްޤު ކަމަށެވެ. މި ރަސްމިއްޔާތުގައިވެސް ކުރީގެ ޚިދުމަތްތެރިން ބައިވެރިވެފައިވާތީ ފާތިމަތު ވަނީ މަރުޙަބާ ދަންނަވާފައެވެ.
ފާތިމަތު ވިދާޅުވީ، އޭޖީ އޮފީހުގެ މަސައްކަތްތަކަކީ ދިވެހި ރައްޔިތުންނާވެސް ގާތް، ޚާއްސަ މަސައްކަތެއް ކަމަށާއި، އޭޖީ އޮފީހުން އަބަދުވެސް މަސައްކަތް ކުރާނީ މުޅި ދިވެހި ދައުލަތާއި ރައްޔިތުންގެ ހެވާ ލާބައަށް ކަމަށެވެ. އަދި ވަކާލާތު ކުރާނީވެސް ދިވެހި ރައްޔިތުންގެ މަސްލަޙަތުގައިކަމަށް ވާންޖެހޭނެކަމަށް ފާތިމަތު ވިދާޅުވިއެވެ.
ކޯޓުތަކުގައި އަޅުގަނޑުމެން ވަކާލާތުކޮށް ވާހަކަދައްކާ ހިނދުވެސް، ޤާނޫނީ ކަމެއްގައި ލަފަޔާ އިރުޝާދު ދޭއިރުވެސް، އާ ޤާނޫނުތަކާއި ޤާނޫނުތަކުގެ އިސްލާޙުތައް އެކުލަވާލާއިރުވެސް، މި އޮފީހުގެ ނިންމުންތައް ބިނާވާން ވާނީ މި ދެންނެވި އަސާސްތަކުގެ މައްޗަށް
ހަމައެއާއެކު، އޭޖީ އޮފީހުގެ ޚާއްސަ ޤާނޫނީ އޮނިގަނޑެއް އެކުލެވިގެން ގޮސްފައިވާކަން ފާހަގަ ކުރައްވައި ފާތިމަތު ވިދާޅުވީ، މިއީ ޒަމާންވީ ތަސައްވުރަކަށް ހަގީގީ ކުލަ ޖެހިގެން ދިއުން ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުއާއި ކަމާ ގުޅުންހުރި ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، އޭޖީ އޮފީހުން އަދާކުރަނީ ނުހަނު މުހިއްމު ޒިންމާއެއްކަމަށްވެސް ފާތިމަތު ވިދާޅުވިއެވެ. މިހާރުވެސް ޝަރަފުވެރިކަމާއެކު އެ އޮފީހުގެ މުވައްޒަފުން އެ ޒިންމާ އަދާކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެޓާރނީ ޖެނެރަލް އޮފީސް، ސިވިލް ސާވިސް ކޮމިޝަނުން ވަކިކޮށް ވަކި ޚިދުމަތެއްގެ ގޮތުގައި ހެދުމަށްޓަކައި ސަރުކާރުން ހުށަހެޅި ”އެޓާރނީ ޖެނެރަލްގެ އޮފީހުގެ“ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަސްދީޤު ކުރައްވާފައެވެ.
ސިވިލް ސާވިސްގެ ދަށުން ހިންގަމުންދާ އޭޖީ އޮފީހަށް ފަންނީ މުވައްޒަފުން ހޯދުމަށާއި މުސާރައިގެ ކުރިއެރުން ލިބުން ދަތިވުމުގެ ޝަކުވާތައް ހައްލުކުރުމަށްޓަކައި ހުށަހެޅި މި ބިލާއެކު، އޭޖީ އޮފީސް ދެން ހިނގަމުންދާނީ ސިވިލް ސާވިސްގެ އޮނިގަނޑުން ބޭރުން ވަކި ޚިދުމަތެއްގެ ގޮތުގައެވެ. މިއީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ބައެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެކެވެ.

