މީޑިއާ ބިލަކީ ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ހެޔޮ ނިޔަތުގައި އެކުލަވާލާފައިވާ ބިލެއްކަމަށާއި، މި ބިލަކީ މިނިވަން ނޫސްވެރިކަން މަރާލަން އުޅޭ ބިލެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މިއީ އިންތަކެއް ކަނޑައަޅައި، މިނިވަންކަމާއި މުސްތައްގިލުކަމާއި އެކު ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ގާއިމުވެގެންދާނެ ބިލެކެވެ.
ނާޒިމް ވިދާޅުވީ، މީޑިއާ ކައުންސިލުން ކުރިން ފޮނުވި ޑްރާފްޓެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްއަށް ބައެއް ކަންކަން ސިފަކުރެވޭނެ ކަމަށް އޮތް ނަމަވެސް، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި އެފަދަ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ދާއިރާގެ ހައްގުގައި ކުރާ މަސައްކަތްތަކުން ވެސް ބުނެދެނީ، މުޅިން އެހެން ވާހަކައެއް ކަމަށެވެ.
އެގޮތުން ނާޒިމް ވިދާޅުވީ، މީޑިއާ ވިލެޖެއް ގާއިމުކުރުމަށްޓަކައި ތަނެއް ހަމަޖައްސައި، ވަކި މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް ނިންމާ ހަވާލުކުރުމަށް ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ރަޖިސްޓާޑް މީޑިއާތަކަށް ފައިސާ ދޫކުރުމުގެ އުސޫލެއް ކަނޑައަޅައި، އެ ފައިސާއަށް އެދި ހުށަހެޅުމަށްވެސް މިހާރު ވަނީ ހުޅުވާލާފައިކަމަށް ވިދާޅުވިއެވެ. މިއީ މީޑިއާ މަރާލަން އުޅޭ ސަރުކާރަކުން ކުރާނެ ކަންތައްތަކެއް ނޫންކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، މީޑިއާތައް އަމިއްލައަށް ރެގިއުލޭޓް ވެ، އަމިއްލައަށް ގަވާއިދު ހަދައިގެން ކުރިއަށް ދިއުމަށް ބޭނުންވާކަމަށް ބުނަމުންދާ ކަމަށެވެ. ނަމަވެސް ގާނޫނު ހަދަން މަޖިލީހަށް ފޮނުވާފައި ތިބި މެމްބަރުންގެ ޒިންމާއަކީ އެކަން ރަނގަޅު ގޮތުގައިކޮށް، އުސޫލުތައް ގެނައުންކަމަށް ވިދާޅުވި އެވެ.
ނާޒިމް ވަނީ، 2008 ވަނަ އަހަރު އައު ޤާނޫނުއަސާސީ ވުޖޫދަށް ގެނައުމުގެ މަސައްކަތުގައި އެންމެ އިސްކޮށް މަސައްކަތް އެކަކަކީ އޭނާކަމަށެވެ. އޭގެފަހުން އިންތިގާލީ މަރުހަލާގެ ތެރޭގައި، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ގާނޫނާއި މީޑިއާ ކައުންސިލްގެ ގާނޫނުގެ މަސައްކަތުގައި ވެސް ބައިވެރިވެރިވެފައިވާނެކަމަށް ވިދާޅުވި އެވެ. އެގޮތުން، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ގާނޫނު ފާސްވީ 2010 ވަނަ އަހަރުގެ ނޮވެންބަރު މަހުގައިކަމަށާއި، މީޑިއާ ކައުންސިލްގެ ގާނޫނު ފާސްވީ 2008 ވަނަ އަހަރުގެ ނޮވެންބަރު މަސްތެރޭގައިކަމަށް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ މި ގާނޫނުތަކަށް މިހާރު 16 އަހަރު ފުރި، އުމުރުގެ ގޮތުން ބަލާއިރު ވެސް ދުވަސްވެފައިވާކަމަށެވެ.
މި ގާނޫނުތަކުގެ ސަބަބުން މީޑިއާއަށް ލިބުނު މިނިވަންކަމުގެ ”ފޮނި މީރުކަން“ ލިބިފައިވޭތޯ ސުވާލު އުފައްދައި ނާޒިމް ވިދާޅުވީ، މީޑިއާއަށް މިނިވަންކަން ވަރަށް ބޮޑަށް ލިބިފައިވާކަމަށާއި، އެއްވެސް ހައްދެއް ހުދޫދެއް ނެތް ގޮތުގައި ބޭނުންހާ އެއްޗެއް ލިޔެ، މަންޒަރުގެ ގޮތުގައި ގެނެސް ދިނުމުގެ ކަންތައްތައް އޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފައި ކަމަށެވެ. އަދި ވޭތުވެދިޔަ 16 އަހަރު ދުވަހުގެ ތެރޭގައި މީޑިއާއަށް އަންނަންޖެހޭ ކުރިއެރުމާއި، މަސައްކަތް ކުރާ ނޫސްވެރިންނަށް ފަރުދީ ގޮތުން ލިބެންޖެހޭ ކުރިއެރުންތައް ލިބިފައިނުވާކަމަށް ނާޒިމް ވިދާޅުވި އެވެ.
މީޑިއާ ރެގިއުލޭޓު ކުރުމާއި ގުޅޭގޮތުން މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލަކީ، އަމިއްލަ މެންބަރެއް ހުށަހެޅުއްވި ބިލެއްކަމަށް ނާޒިމް ވިދާޅުވި އެވެ. މިއީ މި ބިލު ހުށަހެޅުނު ދެވަނަ ފަހަރުކަމަށާއި، އެންމެ ފުރަތަމަ މި ބިލު 2024، ނޮވެންބަރު 13 ގައި ހުށަހެޅުމަށް ފަހު، އޭގެ އެއް ހަފުތާ ފަހުން އެ ބިލު އަނބުރާ ގެންދިޔަކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ދެވަނަ ފަހަރަށް ހަމަ އެ މެންބަރު ބިލު ހުށަހެޅުއްވީ މި އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުކަމަށްވާއިރު، މި ދެ ބިލު ހުށަހެޅުނު މުއްދަތާއި ދެމެދު މީޑިއާއަށް 8-9 މަސް ދުވަހުގެ ފުރުސަތު ލިބުނުކަމަށް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ އެ މުއްދަތުގައި މީޑިއާގެ ކަންތައްތައް އިސްލާހު ކުރުމަށް ރަނގަޅު ހުށަހެޅުމެއް ޒިންމާދާރު ފަރާތްތަކުން ހުށަހަޅާފައިނުވާކަމަށެވެ.
ނާޒިމް ވިދާޅުވީ ކޮމިޓީ މަރުހަލާގައި ބިލު އިސްލާހު ކުރުމަށް އުފެއްދުންތެރި ހިޔާލު ދިނުމުގެ ބަދަލުގައި، މީޑިއާގެ ފަރާތްތަކުން 4 މަސް ދުވަހުގެ އިތުރު މުއްދަތެއް ދިނުމަށް އެދުނުކަމަށެވެ. ނަމަވެސް، ކުރިން ލިބުނު މުއްދަތުގައި ނުކުރެވުނު މަސައްކަތް، ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި ކުރެވޭނެކަމަށް ގަބޫލު ނުކުރާކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ 16 އަހަރުން ނުކުރެވުނު މަސައްކަތެއް ވެސް ކުރެވޭނެކަމަށް ގަބޫލު ނުކުރާކަމަށެވެ.
ނާޒިމް ވިދާޅުވީ، މިއީ އަމިއްލަ މެމްބަރަކު ހުށަހެޅި ބިލެއްކަމަށާއި، ބިލެއް ހުށަހެޅުމުން ގޮތެއް ނިމެނީ ކޮމިޓީގެ މަސައްކަތަށް ފަހު ކަމަށެވެ. އެހެންކަމުން އެ މަރުހަލާގައި ބިލަށް އިސްލާހު ގެނެސް އުނިކަންތައްތައް ފުރިހަމަކުރުމުގެ ފުރުސަތު އޮންނާނެކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ވެސް ބަންޑާރަ ނައިބު ބިލު އިސްލާހު ކުރުމަށް 14 ހުށަހެޅުން ހުށަހަޅުއްވާފައިކަމަށެވެ. ނަމަވެސް، މީޑިއާގެ ފަރާތްތަކުން ކޮމިޓީ މަރުހަލާގައި އެއްވެސް ކޮންޓްރިބިއުޝަނެއް ނުދީ، ”މި ބިލަކީ ރަނގަޅު ކުރެވޭނެ ބިލެއް ނޫން“ ކަމަށް ބުނެ ބިލު ބޭރުކޮށްލަން މަސައްކަތް ކުރަނީ އިހުލާސްތެރިކަމެއް ނެތިކަމަށް ނާޒިމް ތުހުމަތުކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ މި ބިލުގައި އިސްލާހު ނުކުރެވޭނެ ވާހަކައެއް ނެތް ކަމަށެވެ. އަދި ބިލު ކޮމިޓީގައި ރަނގަޅު ބަދަލު އަންނާނެކަމަށް ވިދާޅުވެ ވަނީ، އެ ނޫން ހާލަތެއްގައި މަޖިލީހުން ބިލު ފާސްވެ ނުވެވެސް ގޮސްދާނެކަމަށް ވިދާޅުވެފަ އެވެ.

