ދިވެހިރާއްޖޭގެ މަސް ޔޫރަޕަށް އެތެރެކުރުމުގައި ނަގާ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް ކުރުމަށް ފިޝަރީޒް މިނިސްޓްރީ އިން ޔޫރަޕިއަން ޔޫނިއަން އާއި މަޝްވަރާ ކޮށްފިއެވެ.
ޤާނޫނާއި ޤަވާއިދާ ޚިލާފަށްކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކާއިގުޅޭ ގޮތުން މަޝްވަރާކުރުމަށާއި ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓްކުރާ ޤައުމުތަކުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަވަމުންދާ މިންވަރާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޔޫރަޕިއަން ޔޫނިއަންއިން ބޭއްވި ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވަނީ ކަމާއިގުޅޭ ފަރާތްތަކާއި އެކު މަސްވެރިކަމުގެ ދާއިރާއާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
އެގޮތުން ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓްކުރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖޭގައި، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ގުޅޭގޮތުން އަދުގެ ސަރުކާރުގެ ސިޔާސަތާއި އަދި ކުރިއަށް އޮތް ތަނުގައި ކުރާނެ މަސައްކަތްތަކާއި ގުޅޭގޮތުން ޔުރަޕިއަން ކޮމިޝަންގެ ކަމާގުޅޭ ފަރާތްތަކަށް މަޢުލޫމާތު ދެއްވިއެވެ.
ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓްކުރާ ޤައުމުތަކުން ޔޫރަޕުގެ ޤައުމުތަކަށް އިމްޕޯޓްކުރާ މަހަކީ، ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ބާނާފައިވާ މަސްވެރިކަމުގެ އުފެއްދުންތައް ކަމުގައި ޔަޤީންކުރުމަށް ޔޫރަޕިއަން ކޮމިޝަންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމް ކުރެއެވެ.
އެހެންކަމުން، ކޮމިޝަންގެ ކަމާއިގުޅޭ ފަރާތްތަކުން ވަނީ 2017 ވަނަ އަހަރުން ފެށިގެން 3 ފަހަރެއްގެ މަތިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް މިނިސްޓްރީއާއެކު ބައްދަލުވުންތައް ބާއްވާ، ދިވެހިރާއްޖެގައި މަސްވެރިކަމުގެ ނިޒާމު ބެލެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުން ގިނަ ކަންތައްތަކެއް ބަލާފައެވެ.

