ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން“ ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން“ ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އިސީ) އިން ހުޅުވާލައިފިއެވެ.

މި އޮފީސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވަނީ، ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

މިއީ މި މަހުގެ 18 ވަނަ ދުވަހު ތަސްދީގުކޮށްފައިވާ ގާނޫނެކެވެ.

މި ޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި، ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމެވެ.

ޤާނޫނުގައިވާ ގޮތުގެ މަތީން ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 (ފަހެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ތިން މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާއިރު، ބާކީ ހަތަރު މެންބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓެއް ނަގައިގެންނެވެ. އިސީން މިހާރު ހުޅުވާލާފައި ވަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާ ދެ މެމްބަރުން ހޯދުމަށެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން އީސީން ވަނީ އަންގާފައެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 9:00 އިން މެންދުރު 2:00 އަށް އަދި ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރު ފަހު 3:00 އިން 5:00 އަށެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމުގެ ފޯމު ހުށަހަޅަން ޖެހެނީ އީސީގެ ޕޯޓް ކޮމްޕްލެކްސްގެ ފަސް ވަނަ ފްލޯއަށެވެ.

ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ނަގާ ވޯޓު، ނެގުން އޮންނާނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ވޯޓުލެވޭނީ މުއްދަތު ހަމަނުވާ އައިޑީކާޑު، ލައިސަންސް ނުވަތަ ޕާސްޕޯޓު ބޭނުންކޮށްގެންކަމަށްވާއިރު، ވޯޓު ފޮށި ބަހައްޓާނީ ހަމައެކަނި މާލޭގައެވެ. ވޯޓު ނެގުން ނިމޭތާ 30 މިނިޓަށް ފަހު ވޯޓު ގުނައި ރަސްމީ ނަތީޖާ އިއުލާނު ކުރާނެކަމަށް އީސީއިން މައުލޫމާތުދެއެވެ.

ދާދި ފަހުން އެކުލަވާލި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) އުވުނީއެވެ. އަދި ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ ”މޯލްޑިވްސް މީޑިއާ ކައުންސިލު“ އާއި ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ”މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން“ ވެސް އުވުނީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: