ލ. މާވަށުގައި މި އަހަރުގެ ޖުލައި މަހު ޒުވާނަކު މަރާލި މައްސަލާގައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.
މި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުޙައްމަދު އިބްރާހީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދަޢުވާ ކުރަނީ ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް މަރާލި މައްސަލައިގައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ ހުށައެޅުމުގައި ބުނެފައިވާ ގޮތުގައި، މުޙައްމަދު އިބްރާހީމްގެ މައްޗަށް ދަޢުވާ ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ. މީގެ ތެރޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، މަޤްބޫލު ސަބަބެއް ނެތި ޢާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ.
ޕީޖީ އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި މިއީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތަޙްޤީޤާއި ޕްރޮސެކިއުޓް ކުރުމުގެ މަރުޙަލާ އަވަސްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނު މައްސަލައެކެވެ. މި މައްސަލައިގެ ތަޙްޤީޤުގެ ފުރަތަމަ މަރުޙަލާއިން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި ތަޙްޤީޤު ކުރިއަށް ގެންދެވިފައިވެއެވެ.
މި މައްސަލައިގައި މޫސާ އިބްރާހީމް މަރުވެފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. މި މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ކުރިއަށްދާނެ ދުވަހެއް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.

