ރައްޔިތުންގެ އަގުބޮޑު މުދާތަކަށް ގެއްލުން ދީ އެ މުދާތަކުން ފޭރި ވައްކަން ކުރުމުގެ މައްސަލަތައް މިފަހަކަށް އައިސް ވެރިރަށް މާލޭގެ އިތުރުން އެހެން ރަށްތަކުގައި ވެސް ވަނީ އިންތިހާ ދަރަޖައަށް އިތުރުވެފައެވެ.
ފާއިތުވި ހަފްތާއެއްހާ ދުވަސްތެރޭގައި ރައްޔިތުންގެ ސަމާލުކަން ހުއްޓުނީ މާލޭގައި ހިނގާ ދިޔަ ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާތަކަށެވެ. ގިނަ ބަޔަކު ދައްކަމުންދިޔައީ އަލިފާނުގެ ހާދިސާގެ ވާހަކައެވެ.
ރައްޔިތުންނަށް އެކަމުގެ މައުލޫމާތު އެހާ ބޮޑަށް ނޭނގުނު ނަމަވެސް ފާއިތުވި ދުވަސްތަކުގައި މިގައުމުގައި އެހެން ކަންތައްތަކެއް ވެސް ހިނގަމުން ދިޔައެވެ. އެއީ ރައްޔިތުންގެ އަގުބޮޑު މުދަލުން ފޭރި ވައްކަން ކުރުމެވެ.
ވައްކަން މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ގެޔަކުން ފައިސާތަކެއް ފޭރިގަން މައުލޫމާތު ލިބިފައި، އޭގެ ދެތިން ގަޑިއިރު ފަހުން އަނެއްކާ ކޮންމެވެސް އޮފީހެއްގެ ތިޖޫރި ފަޅާލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިއެވެ.
އެއްކޮޅުން މަގުމަތިން ދާ މީހަކަށް ވަޅިން ބިރު ދައްކައިގެން ފައިސާތަކެއް ފޭރިގަންނަ އިރު، އެނެއްކޮޅުން ދަނީ މީހަކު ރަހީނު ކޮށްގެން އެމީހާގެ ފައިސާ ކޮޅު ފޭރިގަންނަމުންނެވެ.
ފުލުހުން ޖެހެނީ ވަގުން ފަހަތުން ދުވާށެވެ. އެއް ތަނުން ވައްކަން ކޮށްގެން، އެކަންކުރާ މީހާ ހައްޔަރުކުރާއިރު އޮންނަނީ ފިހާރައެއް ފަޅާލާފައެވެ.
އެހެންގޮތަަކަށް ބުނާނަމަ މިދުވަސްކޮޅަކީ ވަގުންނާއި ފޭރޭ މީހުންގެ އުނދަގޫ ރައްޔިތުންނަށް އިންތިހާއަށް ޖެހިފައިވާ ދުވަސްކޮޅެކެވެ. މިފަހުން މާލޭގައި އެކަނިވެސް ހިންގާފައި ހުރި ވައްކަމާއި ފޭރުމުގެ މައްސަލަތަކުން މި ދެންނެވި ވާހަކަތަކަށް އިތުރަށް ބާރުދެއެވެ.
ބައެއް ވައްކަމާއި ފޭރުމުގެ މައްސަލަތަކަށް ބަލައިލަމާ ހިނގާށެވެ. މާލެ ސިޓީ ކައުންިސިލް ވިލިމާލެ ސެކްޝަން އޮފީހުގެ ކުޑަ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ އޮފީސް ތިޖޫރީ ވަގަށް ގެންދިއުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މީގެއިތުރުން ކިނބިގަސް މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑު ތަޅާލައިގެން އެތެރެއަށް ވަދެ، ހަތަރު ސަތޭކަ ހަތްދިހަ ފަސް ރުފިޔާއި އަދި ރެޑް ބުލް ދަޅެއް ވަނީ އެ ފިހާރަ ތެެރެއިން ވަގަށް ނަގާފައެވެ.
ފުލުހުން ވަނީ އެ މައްސަލައިގައި ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާއާއި ތަކެތި ހޯދައި، އެކަން ކުރި ކަމަށް ޝައްކުކުރެވޭ މީހާ ހައްޔަރުކޮށްފައެވެ. އާބުރުޒު މަގުގައި ހުންނަ ބިދޭސީން ދިރިއުޅޭ ގެޔަކަށް ވަދެ، ފޯނެއް ވަގަށް ނަގާފަވާއިރު، މާފަންނުގައި ހުންނަ ބިދޭސީން ދިރިއުޅޭ ގެޔަކަށް ވެދެވެސް ވަނީ ވައްކަން ކުރަން މަސައްކަތް ކޮށްފައެވެ.
މީގެއިތުރުން ބޮޑުތަކުރުފާނު މަގު ކާނިވާ ޕެޓްރޯލް ޝެޑް ކައިރިން ވަނީ ބިދޭސީއެއްގެ ފޯނު ފޭރިގަނެގެން ފިލަން މަސައްކަތްކޮށްފައެވެ.

ނަމަވެސް ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފައެވެ. މާރުކޭޓް ކައިރި ފަޅުތެރޭގައި އޮތް ދޯނި ފަހަރުތަކަށް އަރައި ގޭސް ފުޅިއެއް ވަގަށް ނަގައި އެ ނުއަގުގައި ވިއްކަން އުޅުނު މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
މިއީ މި ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި މާލޭގައި ހިނގި ފޭރުމާއި ވައްކަމުގެ ބައެއް ކަންތައްތަކެވެ. ފާހަގަކޮށްލަން ޖެހެނީ ވަގުންނާއި ފޭރޭ މީހުންގެ ކިބައިން ރައްޔިތުންނާއި މުދާތައް ރައްކާތެރިކުރުމަށް ފުލުހުން ކެނޑި ނޭޅި މަސައްކަތް ކުރަމުންދާ ތަނެވެ.

