ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވަނީ ސަތާރަ ހާސް އެއް ސަތޭކަ ތިރީސް އަށް ދިވެހި މުވައްޒަފުން ކަމަށާއި އަދި އެ ސިނާއަތުގައި ހަރަކާތްތެރިވާ ބިދޭސީ މުވައްޒަފުންގެ އަދަދަކީ އަށާރަ ހާސް ނުވަސްތޭކަ ސާޅީސް ހަތެއް ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ، ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ބުރާސްފަތި ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ގާލާ ނައިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
58 ރިސޯޓެއްގައި ދިވެހި މުވައްޒަފުންގެ އަދަދު ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑު ކަމަށްވާ 45 އިންސައްތައަށް ވުރެ ދައްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، 86 ރިސޯޓްގައި ސަރުކާރުން ކަނޑައަޅާފައިވާ އެ މިންގަނޑު ހިފަހައްޓާފައިވާ ކަމަށެވެ.
ރިސޯޓްތަކުގައި އާއްމުގޮތެއްގައި ސާރިވިސް ޗާޖްގެ ގޮތުގައި ދީފައި ހުރި 200 ޑޮލަރާއި 500 ޑޮލަރާއި ދެމެދުގައި ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ޓޫރިޒަމް ކުރިން ތަރައްގީ ނުވާ އަތޮޅުތަކަށް ޓޫރިޒަމް ތައާރަފު ކުރުމަށްޓަކައި 27 ރަށެއް ޓޫރިޒަމަށް ތަރައްގީކުރުމަށް ދިރާސާ ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ރަށްތަކުގެ ދިރާސާތައް ހަދަމުން އަންނަ، ސީޑީއީ ކޮންސަލްޓިންގެ ފަރާތުން ލިބިފައިވާ އިނީޝިއަލް އެސެސްމަންޓް ރިޕޯޓްގެ ދަށުން މާލެ އަތޮޅާއި ވ. އަތޮޅު އަދި ދ. އަތޮޅުން ޓޫރިޒަމަށް ރަށެއް ދޫ ނުކުރާނެ ކަމަށެވެ.
ނަމަވެސް ހއ. ހދ. ނ. އަތޮޅުން ރަށްތަކެއް އަދި ރ. އަތޮޅުގެ ރަށެއް ދޫކުރުމަށް ބަލަމުން އަންނައިރު، މ. އަތޮޅާއި ފ. އަތޮޅުން ރަށްތަކެއް ދޫކުރުމަށް ބަލަމުން އަންނަ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ، ރިސޯޓް ތަރައްގީ ކުރުމުގެ ރަށްތައް ދޫކުރުމުގައި އަބަދު އެއްބަޔަކަށް ރަށްތައް ލިބޭ ގޮތަށް އޮތް އޮތުން ދޫކޮށްލައި އަލަަށް ނުކުންނަ ވިޔަފާރިވެރިންނަށާއި ޓޫރިޒަމް ސިންދަފާތު ކުރަން އެކި ކޮންސެޕްޓުތަކަށް ބަލައިގެން ރަށްތައް ދޫކުރާނެ ކަމަށެވެ.
ސަރުކާރުގެ ފަސް އަހަރު ނިމޭއިރު 35000 އެނދު އިތުރުކުރަން ސަރުކާރުގެ ނޭޝަނަލް ސްޓްރެޓިކް ޕްލޭންގައި ހިމަނާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ ދުވެލި މިހާރު ހުރި ގޮތުން، 2023ގެ ކުރިން އެކަން ހާސިލް ކުރެވޭނެ ކަމަށެވެ.

