ރާއްޖޭގެ ހާލަތު މިއަދު ގޮސްފައިވާ ހިސާބަކީ، ދައުލަތް ލޫޓުވައި ވައްކަންކޮށް ހޯދާ ފައިސާ ހޯދަން އަނެކާ ފަސް ނުޖެހުންކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރ ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ފެނަކަ ކޮރަޕްޝަނުގެ ހިޔާނާތް ހާމަވެގެން އައި އޮޑިޓު ރިޕޯޓާއި އެކު، މަޖިލީހުގައި އެ މައްސަލައިގެ ބަހުސްތައް ދަނީ ކުރިޔަށެވެ. ސަރުކާރުގެ މެމްބަރުން އެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އިދިކޮޅުން ތުހުމަތު ކުރަނީ މި ސަރުކާރުގެ އެތެރޭގައި ވެސް ހިޔާނާތް ހިނގާކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، މިނިވަން މުވައްސަސާތަކުގެ ވެރިން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ.
މި މައްސަލައިގެ ބަހުސްގައި ޝަމްހީދު ވިދާޅުވީ މާލީ ބަޔާން، ނުވަތަ އެސެޓް ޑިކްލަރޭޝަންއަކީ ކޮރަޕްޝަނުގެ ހައްލެއް ނޫންކަމަށެވެ. ނުވަތަ ވަކި މީހަކީ ކޮރަޕްޝަން ހިންގާ މީހެއްކަން އެނގޭނެ މަގެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮރަޕްޝަންގެ އެތައް މައްސަލައެއް އޮތް އިރު އަދުލު އިންސާފު ގާއިމު ކުރެވޭތަން ދުވަހަކު ވެސް ފެނިގެން ނުދާކަމަށް ޝަމްހީދު ވިދާޅުވި އެވެ. ޝަމްހީދު ވިދަޅުވީ މިއަދު ގައުމުގެ ހާލަތަކީ، ދައުލަތް ލޫޓުވައިގެން ފައިސާ ނަގަން އެންމެނަށް ވެސް ކެރޭއިރު، އެއީ ހިޔާނާތުގެ ފައިސާކަން އެނގިތިބެ އެ ހޯދަން އެހެން މީހުން ވެސް މަސައްކަތް ކުރުމެވެ.
ޝަމްހީދު ވިދާޅުވީ މީގެއިން އެއްވެސް މައްސަލައެއް ހުއްޓުވޭނީ، ބައެއްގެ ހިތުތެރޭގައި ބިރުވެރިކަމެއް އޮވެގެން ކަމަށެވެ.
ޝަމްހީދު ވިދާޅުވި ގޮތުގައި އެސެޓް ޑިކްލެރޭޝަން ފަދަ ނިޒާމުތަކަކީ މިހާރު ރާއްޖޭގައި އޮތް ކޮރަޕްޝަންގެ ވަބާއަށް އޮތް ހައްލެއް ނޫނެވެ. އޭގެ ސަބަބަކީ ކޮރަޕްޓުވެ ހިޔާނާތް ހިންގާ މީހުންނަކީ އެއްވެސް ލަދެއް ނެތި އެކަން ކުރާ ބަޔަކަށްވާތީކަމަށާއި، އެފަދަ ބައެއްގެ މާލީ ބަޔާނުން ފެންނާނެ މާބޮޑު އެއްޗެއް ނެތްކަމަށް ޝަމްހީދު ވިދަޅުވި އެވެ.
ކޮރަޕްޝަން ހުއްޓުވުމަށް އެޅެން ހުރި ހަމައެކަނި ފިޔަވަޅަކީ އިންސާފުވެރި ޝަރީއަތްތަކެއް ގާއިމުކޮށް، ހުރިހާ ރައްޔިތުންނަށް އެއްހަމައެއްގައި އިންސާފު ލިބުންކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ތާރީހުން ފެންނަނީ ވެރިކަން ބަދަލުވާއިރަށް، އޭގެ ކުރީ ވެރިކަމެއްގައި ކޮށްފައިވާ ހުކުމްތައް ވެސް ބަދަލުވެގެންދާތަން ފެންނަކަމަށް ޝަމްހީދު ވިދާޅުވި އެވެ. އަދި މައްސަލައެއް ބަލާނަމަ، އެކަން ކުރަނީ ބަދަލު ހިފުމުގެ ރޫހެއްގައި، ސިޔާސީ ވިސްނުމެއްގެ ތެރެއިންކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް އެބަ އެނގޭ މިއީ ދައުލަތް ލޫޓުވައިގެން ހުރި ފައިސާކަން، އެކަމަކު މި ރާއްޖޭގައި ކޮންމެ މީހަކަށް ވެސް އެބަ ކެރޭ އެ މީހާ ކައިރީގައި ފައިސާ ހޯދަން ދާން… އެ ކޮރަޕްޓު ފައިސާ ތިމާގެ އަމިއްލަ ބޭނުމަށް ހޯދަން ބުނަން ކެރޭ… އެހެންވީމާ، އަޅުގަނޑުމެން މި ތިބީ ކޮރަޕްޓު ފައިސާއިން މުއްސަނދިވެގެން ތިބި ބަޔަކަށް ވެފައި… އަޅުގަނޑުމެންނަށް މި ތިބެވެނީ.. އެހެންވީމާ، ރައްޔިތުންގެ ތެރޭގައި އަޅުގަނޑުމެން އެންމެން ވެސް އެބަޖެހޭ ކޮންމެވެސް ވަރެއްގެ ބިރުވެތިކަމެއް ހުންނަން… ތިމާމެން މި ހޯދާ ފައިސާއާއި މި އަޅުގަނޑުމެން ކޮންމެ، އަޅުގަނޑުމެން ކޮންމެވެސް ވަރެއްގެ، ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ ކޮންމެވެސް ވަރެއްގެ ބިރުވެތިކަމެއް ހުރެގެން މިކަހަލަ ކަންތައް ހުއްޓުވޭނީ. ފައިސާއަކީ ހަމަ ތިމާމެން ހަމަ ކޮންމެ ތަނަކުން ހޯދައިގެން އައިއްސަ ތިމާމެން އަނބިދަރިންނަށް ކާންދޭ އެއްޗަކަށް ވެއްޖެއްޔާ ދެން މި ކަމެއް އަޅުގަނޑުމެންނަކަށް ނުއެއް ހުއްޓުވޭނެ…
ޝަމްހީދު ވަނީ ފެނަކައިގެ އޮޑިޓު ރިޕޯޓާއި، މީގެ ކުރިން ނުކުތް އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުން ހުރި ރިޕޯޓުތަކުން ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ބޮޑެތި ބޭފުޅުންގެ ނަށް ފެންނަން ހުރި ނަމަވެސް، އެފަދަ އެއްވެސް މައްސަލައެއްގައި ޝަރީޢަތެއް ހިނގާފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި 2013-2015 ވަނަ އަހަރު ހިނގާފައިވާ ކަންކަމުގެ އެއްވެސް ތަހުގީގެއް ނުހިންގޭކަމަށް ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ، ވަކި ބަޔަކު ދައުލަތް ލޫޓުވައިގެން ހޯދާފައިވާއިން އުޅެމުންދާކަން ފެންނަކަމަށާއި، އަދި އެފަދަ ކޮރަޕްޓު މީހުންގެ އަތުން ބައެއް މީހުން ފައިސާ ވެސް ނަގާކަމީ ހަގީގަތް ކަމަށެވެ.
ކޮރަޕްޓު ފައިސާއިން މުއްސަނދިވެފައި އޮތް މުޖްތަމައުއެއް ރާއްޖޭގައި އޮތް އިރު، މިފަދަ ކަންކަން ހުއްޓުވޭނީ ފައިސާ ހޯދުމުގައި އެއްވެސް ވަރެއްގެ ބިރުވެތިކަމެއް އޮވެގެން ކަމަށް ޝަމްހީދު ތަކުރާރު ކުރެއްވި އެވެވެ. އޭނާ ވިދާޅުވީ ގާނޫނާ ހިލާފަށް ހޯދާ ފައިސާއަކީ އަމިއްލަ ބޭނުމަށް، އާއިލާ ބަޑުފުރާނަ މުއްތިކުރަން ބޭނުންކުރެވޭ އެއްޗެއް ކަމަށް ވެއްޖެނަމަ ކޮރަޕްޝަން ނުހުއްޓުވޭނެ ކަމަށެވެ.

