އަރޓިފިޝަލް އިންޓެލިޖެންސް، (އޭއައި) ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް އަންނަ އަހަރު ބޮޑު ކެމްޕެއިނެއް ފަށްޓަވާނެކަން އިއުލާންކޮށްފިއެވެ.
މިކަން އިއުލާކޮށްދެއްވީ ޕްރިންސިޕަލުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއުއެވެ.
ޝަފީއު ވިދާޅުވީ މުދައްރިސުންގެ ދުޅަހެޔޮކަމާއި މުދައްރިސުންގެ ތައުލީމީ ފެންވަރު މަތިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، މުދައްރިސުންނަށް ތަފާތު އެކި ތަމްރީނުތައް ދިނުމާއި މަސައްކަތްތައް ލުއިފަސޭހަކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
ވަޒީރު ވަނީ މުދައްރިސުން އިތުރަށް ތަމްރީނުކޮށް، ގާބިލްކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އަންނަ އަހަރު އަރޓިފިޝަލް އިންޓެލިޖެންސް، އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް ބޮޑު ކެމްޕޭނެއް ފަށްޓަވާނެކަމަށާއި، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި ފަންނީ ޤާބިލުކަން މަތިކުރުމަށް ދޭންޖެހޭ ތަމްރީންތައް ލިބޭނެކަމަށް ވިދާޅުވިއެވެ.
އުނގެނުމުގެ މަތީގައި ދެމިތިބޭ ޤައުމަކަށް ވެވޭނީ ވިސްނާ ފިކުރުކުރާ ޒުވާނުންތަކެއް ބިނާކުރެވިގެންކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެނޫނީ މަދަރުސާ ނިންމާފައި ނުކުންނަށް ޒުވާނުން މާ އުފެންދުންތެރި އޮއްޓަރު ހުރި ކަމެއްގައި ނޫޅެވިދާ މަންޒަރު ފެންނަން ފަށާނެކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދިރިއުޅުމާއި ދޭތެރޭ ވިސްނާ ދުނިޔޭގައި ހިނގާ ކަންކަމާމެދު ވިސްނާ އުފެންދުންތެރި ކުދިންތަކެއް ބިނާ ކުރެވޭނީ ފަންނީ ގޮތުން މުދައްރިސުންގެ ޤާބިލްކަން އިތުރުކުރެވޭ މިންވަރަކުންކަމަށެވެ. އެގޮތުން ކަންކަން ކުރުމަށްޓަކައި ކަރިކިއުލަމަށް ބަދަލު ގެންނަން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ. އޭގެ މެޕިންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، ކޮންޓެންޓު ރިވިޝަންގެ ބޮޑު މަސައްކަތްތަކެއް އަންނަ އަހަރު ކުރިއަށް ގެންދަވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަދަރުސާތަކުގައި ތައުލީމު ފޯރުކޮށްދެނީ އިސްލާމްދީން ދެކެ ލޯބިވާ ޤައުމުދެކެ ލޯބިވާ ދަރިވަރުންތަކެއް ބިނާކުރުމަށްކަމަށް ފާހަގަކުރެއްވިއެވެ. މި ސަރުކާރުންވެސް އެންމެ އިސްކަމެއް ދެނީ ސިކުނޑިތައް ތަރައްޤީކޮށް ވިސްނާ ޤައުމުދެކެ ލޯބިވާ ރައްޔިތެއް އުފެއްދުންކަން ފާހަގަކުރެއްވިއެވެ.

