ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ދޫކޮށްފައިވާ ތަންތަން، އެއްބަސްވުންތަކާ ހިލާފަށް ކުއްޔަށް ދީފައިވާނަމަ ނުވަތަ އެތަންތަން ދެވުނު ފަރާތް ނޫން އެހެން ފަރާތްތަކުން އެތަންތަން ބޭނުން ކުރަމުންދާނަމަ، އެއްބަސްވުން ބާތިލުކޮށް، ދައުލަތަށް ނެގުމަށް ނިންމައިފި އެވެ.
ސޯޝަލް ހައުސިންގެ ދަށުން ލިބިފައި ހުންނަ ފްލެޓުތައް ކުއްޔަށް ދިނުމަކީ ވަރަށް އާންމުކަމެއް ނަމަވެސް، މިކަމަށް މީގެ ކުރިން އެއްވެސް ފިޔަވަޅެއް އެޅިފައި ނެތެވެ.
ބޮޑު އަގުގައި ފްލެޓުތައް ކުއްޔަށް ދޫކޮށްފައި ހުންނައިރު، ގިނަ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ނުދައްކާ ހުންނަ ކަމުގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ސަރުކާރަކުން މިހާތަނަށް ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުކަމަށްވާ ހިޔާ ފްލެޓުގެ މަޝްރޫއުގައި ހިމެނުނު ގިނަ އަދަދެއްގެ ފްލެޓުތައް ވެސް މިގޮތަށް ކުއްޔަށް ދޫކޮށްފައި އެބަހުއްޓެވެ.
ސޯޝަލް ހައުސިންގެ ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ އަނެއްކާވެސް ފެންމަތިވެގެން އައީ، ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ ތިން ކޮޓަރީގެ ފްލެޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރަން ޖަހާފައިވާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެ ޕޯސްޓުގައިވާ އަގަކީ ފްލެޓުގެ ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ކުއްޔަށް ވުރެ 13،000 ރުފިޔާ ބޮޑު އަގެކެވެ. އަދި މިހާތަނަށް ފްލެޓު ހަވާލު ކުރެވުނު މީހުންގެ އަދަދު 100 އަށް ވެސް ނާރައެވެ.
މިކަމާ ގުޅޭގޮތުން މިއަދު މިނިސްޓަރ މުއްތަލިބު ވެސް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. މުއްތަލިބު ވިދާޅުވީ ސަރުކާރުގެ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒް ކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށެވެ. އަދި މި ފްލެޓުތައް ބޮޑު އަގުތަކުގައި ކުއްޔަށްދީ، އެ ތަންތަން ލިބުނު ފަރާތް ނޫން އެހެން ބަޔަކު ދިރިއުޅުމަށް ވެސް އަދި އެހެން ބޭނުމަކަށް ވެސް ބޭނުން ކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއްނޫންކަމަށް ވިދާޅުވި އެވެ.
އެހެންކަމުން އެއްބަސްވުންތަކާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް މިމިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންކަމަށް ހާމަކުރެއްވި އެވެ.
މި މައްސަލައިގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ޝަކީލް ވެސް ވަނީ ފްލެޓުތައް ކުއްޔަށް ދޭނަމަ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ މައްސަލަތައް ފާހަގަކުރެވުމުން އެއްބަސްވުން ބާތިލުކޮށް، ފްލެޓު އަތުލާނެކަމަށް ޝަކީލް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން، ޝަރުތު ހަމަވެ ފްލެޓް ލިބޭ ފަރާތްތަކާއި އެފްޑީސީ ދެމެދު ވެވޭ ޔުނިޓު ކުއްޔަށްދިނުމާއި މިލްކު ކުރުމުގެ އެއްބަސްވުން ބުނާ ގޮތުގައި ތިން ވަނަ ފަރާތަކަށް ތަން ކުއްޔަށް ދިނުމަކީ މަނާކަމެކެވެ.
އެގޮތުން އެއްބަސްވުމުގެ 13 ވަނަ މާއްދާ (ކުއްޔަށްހިފާ ފަރާތުން ދޭ ޔަގީންކަން) ގެ 13.1.4 ވަނަ ނަންބަރުގައި ”ކުއްޔަށްދޭ ޔުނިޓު އެހެން ފަރާތަކަށް ކުއްޔަށް ނުދޭނެ ކަމަށާއި ބައިލޯސް އާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރާނެކަމުގެ ޔަގީންކަން“ މިފަދައިން ބަޔާންކޮށްފައިވެއެވެ. އަދި އެއްބަސްވުމުގެ 14 ވަނަ މާއްދާ (ޔުނިޓު ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލު) ގެ 14.8 ވަނަ ނަންބަރުގައި ”މި އެއްބަސްވުމުގެ 13.1.4 ވަނަ މާއްދާއާ ޚިލާފަށް ކުއްޔަށްދޭ ޔުނިޓު އެހެން ފަރާތަކަށް ކުއްޔަށް ދިންކަމަށް ބުނެ ޝަކުވާއެއް ކުއްޔަށްދޭ ފަރާތަށް ލިބިއްޖެނަމަ އެ ޝަކުވާ ބެލުމާއި، އެކަމަށް ފިޔަވަޅުއެޅުމުގެ އިޚްތިޔާރު ކުއްޔަށްދޭ ފަރާތަށް ލިބިގެންވެއެވެ.“ މިފަދައިން ބަޔާންކޮށްފައިވެ އެވެ.

