އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ޖުމްލަ 18 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެނައުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް އިއުލާނު ކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
މި ނިންމުމުގެ ދަށުން ވަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކިވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ނިންމަވާފައެވެ. އަދި، އައްޑޫ ހުޅުދޫއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް ވޯޓުގައި ހިމެނުއްވުމަށް ވަނީ ނިންމަވާފައެވެ.
މި މަހުގެ 25 ގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭނެ މުހިންމު ވޯޓެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މިކަމާ ގުޅޭ ވޯޓު ފޮށި ބަހައްޓާނީ ފޭދޫ، ހުޅުދޫ އަދި މީދޫގައެވެ. އަދި މި ރަށްތަކުގެ ރައްޔިތުންނަށް ހާއްސަކޮށް މާލޭގައި ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެގޮތުން ފޭދޫގައި 05 ވޯޓު ފޮށި، ހުޅުދޫއާއި މީދޫގައި 03 ވޯޓު ފޮށި ބަހައްޓާނެ އެވެ.
މާލޭގެ ސަރަހައްދުގައި ދިރިއުޅޭ މި ރަށްތަކަށް ނިސްބަތްވާ މީހުން ވޯޓުލުމަށް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ 7 ފޮށި އެވެ. އެއީ ފޭދޫ ރައްޔިތުންނަށް 3 ފޮށި، ހުޅުދޫއަށް 3 ފޮށި އަދި މީދޫއަށް 1 ފޮށްޓެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި އިންތިހާބަށް މިހާރު ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކޮމިޝަނުން ދަނީ ވަމުންނެވެ.
އެގޮތުން ވޯޓާސް ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. މި ވޯޓުގައި ސަރުކާރުން ވަކި ސްޓޭންޑެއް ނުގެންގުޅޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

