އައްޑޫ ހުޅުދޫއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށް ފެނޭތޯ ބެލުމަށް އާންމު ރައްޔިތުންގެ ވޯޓު ނެގުން ފަށައިފިއެވެ.
ވޯޓުލުން ފެށުން ހަމަޖެހިފައި އޮތީ 8 ޖަހާއިރަށެވެ، ނަމަވެސް ގަނޑިއަށް ވޯޓުލުމެއް ނުފެށެއެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދުގެ ހަވީރު ހަތަރެއް ޖަހަންދެންނެވެ. މި ވޯޓުގައި 9,576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. އެއީ، ފޭދޫން 4,355 މީހަކަށް، ހުޅުދޫން 2،874 މީހަކަށް އަދި މީދޫން 2,347 މީހަކަށެވެ. މާލެ އާއި މީދު އާއި ހުޅުދޫ އަދި ފޭދޫގައި 18 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ ކަލާފާނު ސްކޫލްގައެވެ.
ވޯޓު ނެގުމުގެ ވަގުތު ހަމަވުމާއިއެކު ކޮންމެ ފޮއްޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެނައުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް އިއުލާނު ކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
މި ނިންމުމުގެ ދަށުން އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކިވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ވަނީ ނިންމަވާފައެވެ. އަދި ކުރިން އިއުލާނު ކުރި ގޮތަށް ”ހުޅުމީދޫ“ ކައުންސިލް އުފެއްދުމުގެ ސުވާލު، ދެން ވޯޓު ކަރުދާހުގައި ނޯންނާނެ އެވެ.
މި ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ވޯޓު ފޮށި ބަހައްޓާނީ ފޭދޫ، ހުޅުދޫ އަދި މީދޫގައެވެ. އަދި މި ރަށްތަކުގެ ރައްޔިތުންނަށް ހާއްސަކޮށް މާލޭގައި ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެގޮތުން ފޭދޫގައި 05 ވޯޓު ފޮށި، ހުޅުދޫއާއި މީދޫގައި 03 ވޯޓު ފޮށި ބަހައްޓާނެ އެވެ.
މާލޭގެ ސަރަހައްދުގައި ދިރިއުޅޭ މި ރަށްތަކަށް ނިސްބަތްވާ މީހުން ވޯޓުލުމަށް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ 7 ފޮށި އެވެ. އެއީ ފޭދޫ ރައްޔިތުންނަށް 3 ފޮށި، ހުޅުދޫއަށް 3 ފޮށި އަދި މީދޫއަށް 1 ފޮށްޓެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި އިންތިހާބަށް މިހާރު ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކޮމިޝަނުން ދަނީ ވަމުންނެވެ.
އެގޮތުން ވޯޓާސް ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
މި ވޯޓުގައި ސަރުކާރުން ވަކި ސްޓޭންޑެއް ނުގެންގުޅޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

