މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން މިއަދު ނިންމަވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ށ) އާއި، 115 ވަނަ މާއްދާގެ (ޓ) އާއި، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 9 ވަނަ މާއްދާއިން ލިބިދޭ ބާރާއި އިޚުތިޔާރުގެ ދަށުންނެވެ.
އެގޮތުން ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އެ އެއަރ ސްޓޭޝަނުގެ ޚިދުމަތް ފެށުމަށް މި ޤަރާރުން ވަނީ ދިވެހި ސިފައިންގެ މައްޗަށް އަންގައި އަމުރުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ 15 މާރިޗު 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 5/2024 އިންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގޮތުން، ތުރުކީވިލާތާ ދެމެދު އެކުލަވާލި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ގެނައި ޑްރޯންތައް ވަނީ ބޭނުން ކުރަން ފެށީ މިދިޔަ އަހަރުގެ މާރޗް މަހުއެވެ.
އެއާކޯ ގާއިމު ކުރުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ބޭރުގެ ސިފައިންތައް ރާއްޖޭގައި އުޅެން ޖެހޭ ގޮތަށް އެއްވެސް ސިޔާސަތެއް ދިވެހި ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ޑްރޯންތައް ދުއްވުމުގައި، ބޭރުގެ ސިފައިންގެ އެއްވެސް އެހީތެރިކަމެއް ނުހޯދާނެކަމަށެވެ.
ބޭރުގެ އެއްވެސް އަސްކަރީ ސިފައިންނެއް ތިބެން ޖެހޭ ގޮތަށް އަޅުގަނޑުމެން އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން.. މި ތައާރަފު ކުރި ސިފައިންގެ އެއާކޯ ސާވިސްގަ ވެސް.. އަދި އޭގެ ދަށުން ދުއްވަން ފެށި ޔޫއޭވީ.. ޑްރޯންތައް ދުއްވުމުގައި ވެސް ނުތިބޭނެ ސިފައިނެއް، ބޭރުގެ އެއްވެސް ސިފައިނެއް އެހީވާކަށް ވެސް ނުތިބޭނެ.. ތުރުކީން ތަމްރީނުވެގެން އައިސް ދިވެހިން ހަމަ އެ އޮޕަރޭޓު ކުރަމުން ދަނީ.. އަދި ކުރިޔަށް އޮތްތަނުގައި ވެސް ޓްރެއިންވާނެ.. މިހާރު ވެސް އެބައުޅޭ ޓްރެއިނިންގަ.. އެހެންވީމަ ދިވެހި ސިފައިން ހަމަ އެ ހުރިހާކަމެއް ވެސް ކުރާނީ..
ޑްރޯން އޮޕަރޭޓު ކުރުމަށް ތުރުކީން ދިވެހި ސިފައިން ތަމްރީނުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު ވެސް އެއް ބެޗު ވީ އެ ގައުމުގައި ކަމަށެވެ. އިތުރު ސިފައިންތައްވެސް ތަމްރީނު ހޯދަން ތުރުކީއަށް ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

