ދިރާގުން ވަނީ 2026 ވަނަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިއީ ދިވެހި ޒުވާނުންނަށް ޢަމަލީ މަސައްކަތުގެ ހުނަރުތަކާއި ތަޖުރިބާ ހޯދައިދިނުމަށް ފަރުމާކުރެވިފައިވާ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ މައިގަނޑު އިސްނެގުމެކެވެ.
2009 ވަނަ އަހަރު ފުރަތަމަ ތަޢާރަފުކުރެވުނު މި ޕްރޮގްރާމަކީ މިހާރު ދިރާގުގެ ޒުވާނުން ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމުގައި ވެފައިވެއެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް އިދާރީ، މާކެޓިންގ، ވިއްކުން، ޕްރޮކިއުމަންޓް، ކޯޕަރޭޓް ޚިދުމަތްތައް، ފައިނޭންސް، ހިއުމަން ރިސޯސަސް އަދި ޓެކްނޮލޮޖީ ފަދަ އެކި ޑިޕާޓްމަންޓްތަކުގައި ޢަމަލީ ތަމްރީނުތައް ހޯދުމާއެކު އުޖޫރަ ލިބުމުގެ ފުރުޞަތު ލިބިގެންދެއެވެ.
މި އަހަރުގެ ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ އޭ ލެވެލް ނިންމާފައިވާ، 18 އާއި 30 އަހަރާ ދެމެދުގެ ފުލްޓައިމް ވަޒީފާއެއް އަދާނުކުރާ ދިވެހިންނަށެވެ. ހޮވޭ އެޕްރެންޓިސުންނަށް ދިރާގުގެ އިންހައުސް ސްޕެޝަލިސްޓުންގެ ފަރާތުން ޓެކްނިކަލް އަދި ވަގުތު ބެލެހެއްޓުން، އަމިއްލަ ތަރައްޤީ، މަޝްރޫޢުތައް ރޭވުން އަދި ޕްރެޒެންޓޭޝަން ފަދަ މުލައިން ހުނަރުތައް ހިމެނޭ ތަމްރީނުތައް ލިބިގެންދާނެއެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދެވޭނީ ދިރާގުގެ މާލޭގައި ހުންނަ ހެޑް އޮފީހާާއި އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ލ. އަތޮޅު އަދި ގއ. އަތޮޅުގައި ހުންނަ ސަރަޙައްދީ އޮޕަރޭޝަން ސެންޓަރުތަކުގައެވެ. މިއީ މުޅި ޤައުމަށް ފުރުޞަތުތައް ފުޅާކުރުމުގެ ގޮތުން އެޅޭ ފިޔަވަޅެކެވެ.
ވޭތުވެދިޔަ އަހަރުތަކުގައި 288 އެޕްރެންޓިސުން މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ. މީގެ ތެރެއިން ގިނަ ބައެއް ދިރާގުގައި އަދި ޤައުމުގެ އެހެނިހެން މުއައްސަސާތަކުގައި ކާމިޔާބު ކެރިއަރތައް ބިނާކޮށްފައިވެއެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު 30 ނޮވެންބަރު 2025 ގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، އެޕްލިކޭޝަންތައް ހުށަހެޅޭނީ ދިރާގުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
ދިރާގުގެ ކުންފުނި އުފެދިގެން އައީ، 1988 ވަނަ އަހަރުގައެވެ. އެގޮތުން، ދިރާގަކީ، ރާއްޖޭގެ މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތަކުގެ މާކެޓުގެ ލީޑިން، އެއް ކުންފުނިއެވެ.

