ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަދި އެހެނިހެން ބޭނުންތަކުގައި ދިރިއުޅޭ ބިދޭސީންނަށް ރާއްޖޭގައި އުޅުމުގެ ހުއްދަ ނުވަތަ ވިސާ ދޫކުރުމަކީ ޒަމާނުއްސުރެ މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދެމުންދާ މުހިންމު ޚިދުމަތެކެވެ.
މި ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމަށް ޒަމާނާއެކު ގިނަގުނަ ބަދަލުތަކެއް އައިސްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަޑައަޅުއްވާފައިވާ ހާއްސަ ތަސައްވުރު ކަމުގައިވާ ”ދިވެހިރާއްޖެ 2.0“ ގެ ދަށުން، ވަނީ އީ-ވީޒާ ތަޢާރަފްކުރެވިފައެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި އިންގިލާބީ ބަދަލަކީ އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
ޒަމާނީ ނިޒާމުގެ ކުރިން ދިމާވި ދަތިތައް
މި ޒަމާނީ ނިޒާމު ތައާރަފުކުރުމުގެ ކުރިން، ވިސާއަށް އެދި ހުށަހަޅަންޖެހެނީ ކަރުދާހުގައި ޕްރިންޓްކޮށްފައިވާ ފޯމުތައް މެދުވެރިކޮށެވެ. ފަހުން މި ނިޒާމު އޮންލައިން ޕްލެޓްފޯމަކަށް ބަދަލުކުރެވުނު ނަމަވެސް، ވިސާ ޖެހުމަށްޓަކައި އެޕޮއިންޓްމަންޓް ހަދައި، އިމިގްރޭޝަނަށް ހާޒިރުވެ، ޕާސްޕޯޓު ހުށަހެޅުން އޮތީ ލާޒިމްވެފައެވެ.
މިއީ އެންމެހާ ވީޒާއާ ގުޅުންހުރި ހިދުމަތްތަކަށް އެދޭ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންނަށް ދަތިތަކާ ކުރިމަތިވަމުން އައި ކަމެކެވެ. ޚާއްސަކޮށް މާލެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މިކަމުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. ޕާސްޕޯޓު އިމިގްރޭޝަނަށް ގެނެސް ވިސާ ޖެހުމުގައި ގިނަފަރާތްތަކަކުން އުފުލި ތަކުލީފަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
”ދިވެހިރާއްޖެ 2.0“ ގެ ތަސައްވުރު
ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށާއި، ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ޚިދުމަތްތައް ހަލުވިކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ޚިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރުމަށް ”ދިވެހިރާއްޖެ 2.0“ ގެ ދަށުން، ބާރުއަޅައެވެ.
އީ-ވީޒާ އާއި މޯލްޑިވްސް އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަނަކީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ފަރުމާކޮށް ތައްޔާރުކޮށްފައިވާ ވަރަށް ހާއްސަ ޑިޖިޓަލް ނިޒާމެކެވެ. އަދި މިއީ އިމިގްރޭޝަންގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ މުހިންމު ބަދަލެކެވެ. މި ތަސައްވުރުގެ އެންމެ ބޮޑު މަޤްޞަދަކީ ސަރުކާރުގެ ޚިދުމަތްތައް ލާމަރުކަޒީކޮށް، ޑިޖިޓަލްކޮށް، ރައްޔިތުންނާ ގާތްކުރުމެވެ.
އީ-ވީޒާގެ ލުއިފަސޭހަތައް
އީ-ވީޒާގެ ޚިދުމަތް ތައާރަފުކުރުމާއެކު، މީގެކުރިން ވީޒާގެ ޚިދުމަތް ހޯދުމަށްޓަކައި ވަކިވަކި ސިސްޓަމްތައް ބޭނުންކުރަންޖެހުމުގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވަމުންދިޔަ ގޮންޖެހުންތަކަށް ހައްލު ލިބި، ލުއިފަސޭހަކަމާއެކު ވިސާއަށް އެދި ހުށަހެޅޭނެއެވެ.
މިހާރު ކޮންމެ ތަނެއްގައި ހުރެ ކޮންމެ ވަގުތެއްގައިވެސް ވިސާއަށް އެދި ހުށަހަޅައި، އީ-ވިސާ ލިބިގަތުމުގެ ފުރުޞަތު މިވަނީ ތަނަވަސްވެފައެވެ. ވިސާ ދޫކުރުމާއެކު އީ-ވިސާ އޮންލައިންކޮށް ޑައުންލޯޑްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އީ-ވިސާގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ކިއު.އާރް ކޯޑެއް ހިމެނިފައިވާނެއެވެ. މި ޚިދުމަތްތައް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އާންމުންނަށް ލިބިގެންދާނެއެވެ.
މޯބައިލް އެޕްލިކޭޝަންގެ ބޭނުން
މީގެ އިތުރުން، ވީޒާ ދޫކުރެވިފައިވާ ބިދޭސީ ފަރާތަށް، މޯލްޑިވްސް އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެ ފަރާތަކަށް ދޫކުރެވިފައިވާ އީ-ވީޒާ ގެ މަޢުލޫމާތު ފެނިގެންދާނެއެވެ.
މިއީ ވިސާގެ މަޢުލޫމާތު ފަސޭހަކަމާއެކު ބެލެހެއްޓުމަށް ލިބިގެންދާ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. އަދި ކުރިމަގުގައި އީ-ވީޒާ ބޭނުންކޮށްގެން އެކިއެކި ޚިދުމަތްތައް ހޯދުމުގެ މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން ދޭ ޚިދުމަތްތަކަށްވެސް ޑިޖިޓަލްކޮށް ލިބިގަތުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
އީ-ވީޒާ ތައާރަފްކުރުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތަކަށް އައި އިންގިލާބީ ބަދަލެކެވެ. މިއީ ”ދިވެހިރާއްޖެ 2.0“ ގެ ތަސައްވުރުގެ ދަށުން، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޕާސްޕޯޓު އިމިގްރޭޝަނަށް ގެނެސް ވިސާ ޖެހުމުގައި ގިނަފަރާތްތަކަކުން އުފުލި ތަކުލީފަށް މިއަދު މިވަނީ ފުރިހަމަ ހައްލެއް ލިބިގެން ގޮސްފައެވެ. މި ބަދަލުގެ ސަބަބުން ޚިދުމަތްތައް ހޯދުމަށް ހޭދާވާ ވަގުތާއި ހަރަދު ކުޑަވެ، އިދާރީ މަސައްކަތްތައް އަވަސްވެ، އިޤްތިޞާދީ ގޮތުންވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

