ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބީއެމްއެލްގެ މުވައްޒަފުންތަކަކަށް ބިރު ދެއްކުމަށްފަހު ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށް، ހަތަރު މީހަކު ފުރުން މަނާކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދީފައިވާ ގޮތުގައި، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ހިންގި ފޭރުމުގެ އަމަލާ ގުޅިގެން އިތުރު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ؛
– އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، 27، ގއ. ވިލިނގިލި، ބިނާ
– އަހުމަދު މާހިދު، 44، ތ. ވިލުފުށި، އެހީވާގެ
– އަލީ އަފްޒަލް، 21، ސ. ހިތަދޫ، ވަށަގުލިމާގެ
އޭގެ ތެރެއިން އަބްދުލްއައްވަލް ހައްޔަރުކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. މާހިދު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އަފްޒަލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަފްޒަލްގެ ބަންދަށް ފުރަތަމަ ދިނީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މި ހާދިސާގައި ފޭރިގެންފައި ވަނީ ވީއައިއޭއިން ފުރާ ދިވެހިންނަށް ދޫކުރުމަށް ގެންދިޔަ 130،000 ޑޮލަރެވެ. އެއީ ދިވެހި ފައިސާއިން ބަލާއިރު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.
ޑޮލަރު ފޭރުގެންފައި ވަނީ ބީއެމްއެލްގެ މުވައްޒަފުންނަށް ބިރު ދެއްކުމަށް ފަހު، ޑޮމެސްޓިކް ޓާމިނަލްއިން އާ ޓާމިނަލްއަށް ދެވޭ ގޮތަށް ހަދާފައިވާ ވޯލްކްވޭއިންނެވެ. އެއަށް ފަހު އެ މީހުން އޭވިއޭޝަން ސެކިއުރިޓީންނަށް ވެސް ބިރު ދެއްކުމަށް ފަހު ގޮސް އެރީ އެ މީހުންނާއި އެކު ފުރަން ތައްޔާރުވެފައި އޮތް ލޯންޗަކަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ލ. މާވަށް/ ރޭޝަމް، މާޒިން މޫސާ (25 އ.) އާއި މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20 އ.)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި ޙުސައިން ޝަހުދު (30 އ.) އެވެ. މި އެންމެން ވެސް ޝަރީއަތް ނިމެންދެން މިއަދު ވަނީ ބަންދުކޮށްފަ އެވެ.
މި ހަތަރު މީހުން ވެސް ހައްޔަރު ކުރީ، މާލެއާއި ކައިރީގައި އޮންނަ ހުރާއިންނެވެ. އެއާޕޯޓުން ފުރި ލޯންޗު ދިޔައީ އެ ރަށަށްކަމަށް މައުލޫމާތު ލިބެ އެވެ.
މި މައްސަލައިގައި ފޭރިގަތް ޑޮލަރު ހޯދިފައިކަން ނުވަތަ ނޫންކަން ފުލުހުން ކަށަވަރުކޮށްދީފައި ނުވެއެވެ.


