ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢުގެ ދަށުން، ލ. ގަމުގައި ގަސް އިންދުމަށް ޚާއްސަ ދެ ނާސަރީ ތަރައްޤީކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، ގައުމުގެ ފެހިކަން އިތުރުކޮށް، މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް ޑރ. މުޢިއްޒު އިޢުލާންކުރައްވާފައިވާ ހަރަކާތެކެވެ. މި ޕްރޮގުރާމް ރަސްމީކޮށް ފެށިފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން 5 ޖޫން 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހު އެވެ.
ލ. ގަމުގައި ތަރައްޤީ ކުރެވޭ މި ދެ ނާސަރީއަކީ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިތުރަށް ފުޅާކޮށް، ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށްޓަކައި ހިންގާ މަސައްކަތެކެވެ. މި ނާސަރީތަކުގެ ތެރޭގައި 20,000 އަކަފޫޓުގެ ނާސަރީއަކާއި 100,000 އަކަފޫޓުގެ ނާސަރީއެއް ހިމެނެއެވެ.
މި ޕްރޮގުރާމް ހިންގުމާ ޙަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ އަތީފް ވަނީ، 20,000 އަކަފޫޓުގެ ނާސަރީ މި އަހަރު ނިމުމުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެކަމަށް ލަފާކުރައްވަަފައެވެ. އަތީފް ވިދާޅުވި ގޮތުގައި 100,000 އަކަފޫޓުގެ ނާސަރީ އަންނަ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެއެވެ.
ޑެޕިއުޓީ މިނިސްޓަރ އަތީފް ވިދާޅުވީ، މި ދެ ނާސަރީ ތަރައްޤީކޮށް ބޭނުން ކުރެވެން ފެށުމުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޮޑު އިންޤިލާބެއް އަންނާނެ ކަމަށެވެ. އަތީފް ވިދާޅުވީ މި ޕްރޮގްރާމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއިން ގަސް ހޯދުން ކަމަށާއި، މި ނާސަރީތަކުގެ ސަބަބުން އެކަމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.
މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 55,000 އަކަފޫޓުގެ ނާސަރީއެއް އެޅުމަށް ވެސް ޗައިނާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް، މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް އެންވައިރޮމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ނާސަރީ އެޅުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. މި ތަނުގައި މީޓިންގ ރޫމަކާއި، ލެބޯޓަރީއަކާއި، އޮފީސް އަދި ލޭބަރ އެކޮމޮޑޭޝަން ހުންނާނެކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.
މިނިސްޓްރީގެ ފަސް މިލިއަން ޑިޕާޓްމަންޓުން ވަނީ މި އަހަރު ޗައިނާއަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގެ ބޭނުމަކީ ޗައިނާ ސަރުކާރުން ފަސް މިލިޔަން ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި އަޅާ އެންމެ ފަހުގެ މޮޑަރން ނާސަރީގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. އެގޮތުން، ރާއްޖޭގައި ގަސް ހެއްދުމުގެ މަސައްކަތް ހަލުވިކޮށް، ފުޅާ ކުރުމަށްޓަކައި ނާސަރީއެއް ތަރައްޤީ ކުރުމުގެ މުހިންމުކަމާ މެދު މަޝްވަރާކޮށް، ނާސަރީގެ ޑިޒައިން އަދި އިންދާނެ ގަސްތަކުގެ އިތުރުން، ސަރުކާރުން ފަށާފައިވާ ފަސް މިލިޔަން ޕްރޮގްރާމަށް އެންމެ ބޭނުންތެރި ގަސް ހައްދަންކުރަން ޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
ހުޅުމާލޭގައި ތަރައްޤީކުރާ ނާސަރީއަކީ އާންމުންނަށް ފަސޭހައިން ބަލާލެވޭނެ ގޮތަށް ހިތްގައިމު ޖާގައިގެ ގޮތުން ބޮޑު ނާސަރީއަކަށް ވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ނާސަރީއަކީ މުސްތަޤުބަލުގައި ސުކޫލު ކުދިން ގެނެސްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގޭނެ ގޮތަށް ޑިޒައިން ކުރެވޭނެ ތަނެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި ނާސަރީތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ލަނޑުދަނޑި ފަސޭހަކަމާއިއެކު ޙާސިލުވެގެން ދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

