ސަރުކާރުން ނަގަމުންދަނީ އެތައް ސަރުކާރެއްގެ ދަރަނީގެ ޒިންމާކަމަށާއި، ބަޖެޓު ފޮތުން މިކަންކަން ސާފުވާނެކަމަށް ޕީއެންސީގެ ޕީޖީ ލިޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ބަހުސް ކުރިއަށް ގެންދިޔައިރު، ދެއްކެވި ވާހަކައިގައި ފަލާހު ވިދާޅުވީ ކޮންމެ ގައުމެއްގެ ބަޖެޓު ތައްޔާރުކުރާއިރު، ދުނިޔޭގެ އިގްތިސާދީ ހާލަތަށް ބަލާކަމަށާއި، އެ ގައުމެއްގެ އިގްތިސާދީ ހާލަތަށްވެސް ބަލާކަމަށެވެ.
ރާއްޖޭގެ ބަޖެޓަކީ ވަރަށް ބޮޑަށް ދުނިޔޭގެ ދުނިޔޭގެ އިގްތިސާދީ ހާލަތަށް ބިނާވާ ބަޖެޓެއްކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، އެއީ ރާއްޖޭގެ އިގްތިސާދަކީ ވަރަށް ބޮޑަށް ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވާ ބަޖެޓަކަށްވާތީކަމަށެވެ. ފަތުރުވެރިން ކުރާ ޒިޔާރާތުގެ އަދަދަށް މިކަންކަމާއި ގުޅިގެން ވަރަށް ބޮޑަށް ބަދަލު އަންނަނާނެކަމަށް ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ބަޖެޓުގެ ބޮޑު ވާހަކައާއި، 2025 ވަނަ އަހަރަށް އެކުލަވާލި ބަޖެޓަށްވީ ގޮތް ނޭގޭކަމަށް ފާހަގަކޮށް މެންބަރުން ވާހަކަދައްކަވާކަމަށް އިޝާރާތް ކުރައްވާ ފަލާހު ވިދާޅުވީ، ބަޖެޓު ފޮތް ރަނގަޅަށް ބެލުމުން މިކަންކަން ސާފުވާނެކަމަށެވެ. ރާއްޖޭޣެ ބަޖެޓު 60 އިންސައްތައިން މަތި ހަރަދު ކުރަނީ ރިކަރެންޓު ހަރަދަށްކަމަށާއި، މިއީ ވަރަށް މަތީ އިންސައްތައެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ބާކީ އޮންނަ 40 އިންސައްތައިގެ ފައިސާއިން ވަރަށް ގިނަ ކަންތައްތައް ކުރަން ޖެހޭނެކަމަށެވެ. އެގޮތުން ދަރަނި ދެއްކުމާއި މިފަދަ ކަންކަން ފަލާހު ފާހަގަކުރެއްވިއެވެ.
އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި 64 ބިލިއަން ރުފިޔާގެ ބަޖެޓެއް 2026 ވަނަ އަހަރަށް ލަފާކޮށްފަ މިއޮތީ، ކީއްވެގެންކަން މި ފޮތް ވަރަށް ރީއްޗަށް ބަލާލީމަ ސާފު. މީގެ ކުރީގައި އެތައް ސަރުކާރަކުން ނަގާފައި އޮތް ދަރަނި، ރޯލްވަމުން އައިސް އޭގެ އެންމެ ބޮޑު އަދަދެއް ދައްކަން ދައުލަތަށް ޖެހިފައި މިވަނީ މި އަންނަ އަހަރު.
ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެކިއެކި ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހިފައިވަނީ މި ސަރުކާރަށްކަމަށެވެ. އެގޮތުން 2026 ވަނަ އަހަރަށް އެކުލަވާލާފައިވާ ބަޖެޓުގައި ގިނަ އަދަދަކަށް ދަރަނި ދެއްކުމަށް ފައިސާ ހާއްސަކޮށްފައިވާނެކަމަށް ވިދާޅުވިއެވެ. ދައުލަތުގެ ދަރަނި ދެއްކުމަށް އެކަނި 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓުން ހާއްސަކުރަން ޖެހުމަކީ ބަޖެޓު އެހާ ބޮޑުވާން މެދުވެރިވީ ސަބަބުކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓުން ބޮޑު ބައެއް ހޭދަކުރީ، އަސާސީ ކަންކަމަށްކަމަށެވެ. މިއީ ވަރަށް ސާފުކޮށް ފެންނަ އޮތް ހަގީގަތްކަމަށް ވިދާޅުވިއެވެ. 2018 އިން 2023 ވަނަ އަހަރާއި ކަން ކޮށްފައިވާ ގޮތް ވަރަށް ސާފުކަމަށާއި، އެމްޑީޕީއިން ހުރިހާ މަސައްކަތްތަކަކާއި، މަޝްރޫއުތަކެއްވެސް ހިންގީ ދަރަންޏަށްކަމަށް ފަލާހު ވިދާޅުވިއެވެ.

