ދިވެހިރާއްޖޭގެ ކުރިއަށް އޮތް 20 އަހަރުގެ ތަރައްޤީގެ މަގުސޫދުތަކާއި، ޤައުމު ބައްޓަންވާންޖެހޭ ގޮތުގެ ތަޞައްވުރު ކަނޑައެޅުމަށް އެކުލަވައިލާ ދުރުރާސްތާ ޤައުމީ ޕްލޭން، ”ވިލުންތެރި ރާއްޖެ 2045“ އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދިޔަ ”ކުރިމަގު ސައްލާ“ ގެ ބައްދަލުވުންތައް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބާއްވައި ނިންމާލައިފި އެވެ.
މި މަސައްކަތަކީ، ޤައުމީ ތަރައްޤީގެ އެންމެ މުހިންމު އެއް ޕްލޭން އެކުލަވައިލުމުގެ ތެރޭގައި، ރައްޔިތުންގެ ބައިވެރިވުމާއި ޚިޔާލުތަކަށް އިސްކަންދީ، ހުރިހާ ދިވެހިންގެ ހިއްސާ އޮތް ޕްލޭނެއް އުފެއްދުމަށް ސަރުކާރުން ކުރާ ބުރަ މަސައްކަތެކެވެ. މި ސައްލާތަކުގެ ނަތީޖާއަކީ، ކުރިއަށް އޮތް ދެ ދިހައަހަރު ދިވެހިރާއްޖެ އޮންނަން ރައްޔިތުން ބޭނުންވާގޮތުގެ ތަޞައްވުރު ކަނޑައެޅުމަށް ލިބޭނެ އަގުހުރި މައުލޫމާތުތަކެކެވެ.
ކުރިމަގު ސައްލާގެ ބޮޑު މަޤްޞަދު
”ވިލުންތެރި ރާއްޖެ 2045“ އަކީ، ހަމައެކަނި ސަރުކާރުގެ އިދާރާތަކުން އެކުލަވާލާ ޕްލޭނަކަށް ވުމުގެ ބަދަލުގައި، ރައްޔިތުންގެ އަޑު އެންމެ ފުރިހަމައަށް އަހާފައިވާ ޕްލޭނަކަށް ހެދުމަށްޓަކައި، ”ކުރިމަގު ސައްލާ“ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ކ. ގުރައިދޫން ފެށި މި ބައްދަލުވުންތައް، މާލޭ ސަރަހައްދުގެ ހުޅުމާލެ، ހިންމަފުށި އަދި ހުރާ ހިމެނޭހެން، މީހުން ދިރިއުޅޭ 189 ރަށުގައި ވަނީ ނިންމާލާފައެވެ. މި މަސައްކަތް ޙަވާލުކޮށްފައިވާ ”ނެކްސިޔާ މޯލްޑިވްސް“ އިން ހާމަކުރައްވާ ގޮތުގައި، މިހާތަނަށް 9048 މީހުންގެ ބައިވެރިވުން އެކިގޮތްގޮތުން ހޯދިފައިވެއެވެ.
މި ބައިވެރިވުމުގެ ތެރޭގައި ހުރިހާ ސިޓީތަކާއި ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރުގެ އިދާރާތައް ތަމްސީލްކުރައްވާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންވެސް ހިމެނެއެވެ. މިއީ ޤައުމީ ޕްލޭނެއް އެކުލަވައިލުމުގައި ރައްޔިތުންގެ ބައިވެރިވުން ހޯދުމަށް ކުރެވުނު އެންމެ ބޮޑު އެއް މަސައްކަތެވެ.
ވަށްމޭޒު ސައްލާތަކާއި، ޚާއްޞަ ދާއިރާތަކުގެ މަޝްވަރާ
ރަށްރަށުގައި ބޭއްވުނު އާންމު ސައްލާތައް ނިންމާލެވިފައިވީ ނަމަވެސް، ޤައުމީ ތަރައްޤީގެ ޕްލޭނަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ދަނީ އެހެން ގޮތްގޮތުންވެސް ކުރިއަށެވެ. މިގޮތުން، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ޤާއިމްކޮށްފައިވާ ވިލުންތެރި ރާއްޖެ އޮފީހުގައި، ޚާއްޞަ ”ވަށްމޭޒު ސައްލާ“ ތައް ބާއްވަމުން އަންނަނީ އެވެ.
މި ސައްލާތަކުގައި، ޕްލޭނަށް މައުލޫމާތު އެއްކުރުމަށް މުހިންމު 60 މަޢުޟޫޢަކަށް އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވެ، ޚިޔާލާއި މަޝްވަރާތައް ދަނީ ހުށަހަޅަމުންނެވެ. ނެކްސިއާ އިން ބުނާގޮތުގައި މިހާތަނަށް ވަށްމޭޒު ސައްލާގެ 19 ބައްދަލުވުން ވަނީ ބާއްވާފައެވެ. މި ސައްލާތަކުގެ މަޤްޞަދަކީ، ޤައުމީ ތަރައްޤީގެ ކޮންމެ ދާއިރާއަކަށްވެސް ފުންކޮށް ބަލައި، އެންމެ ފުރިހަމަ އަދި ޢިލްމީ ގޮތުން އެކަށީގެންވާ ޕްލޭނެއް އެކުލަވައިލުމެވެ.
ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ކަށަވަރުކުރުން
”ވިލުންތެރި ރާއްޖެ 2045“ އެކުލަވައިލުމުގެ މަސައްކަތުގައި، ހުރިހާ އެންމެން ޝާމިލްކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ރަށްރަށުގެ ބައްދަލުވުންތައް ނިމުނު ނަމަވެސް، ރައްޔިތުންނަށް އަދިވެސް ޚިޔާލާއި މަޝްވަރާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން، ނެކްސިއާގެ ޕޯޓަލްއިން، Resilient Maldives | ވިލުންތެރި ދިވެހިރާއްޖެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ސަރވޭގައި ބައިވެރިވެ، ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ.
މީގެ އިތުރުން، ޤައުމުގެ މުސްތަޤްބަލު ބިނާކުރާނެ ކުޑަކުދިންގެ ޚިޔާލު ހޯދުމަށްވެސް ވަނީ ޚާއްޞަ މަސައްކަތެއް ފަށާފައެވެ. ނޮވެމްބަރު 4 ވަނަ ދުވަހު ފެށި ކުޑަކުދިންގެ އާޓް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ކުޑަކުދިންނަށް އެކުދިން ކުރިމަގުގައި ރާއްޖެ ދެކެން ބޭނުންވާގޮތް، ޕެއިންޓްގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދެއެވެ. މިއީ ޕްލޭނުގެ މުސްތަޤްބަލުގެ ވެރިންގެ ޚިޔާލު ހިމެނުމަށް ކުރާ މުހިންމު މަސައްކަތެކެވެ.
”ކުރިމަގު ސައްލާ“ ގެ ބައްދަލުވުންތައް ހުރިހާ ރަށެއްގައި ނިންމާލެވުމަކީ، ”ވިލުންތެރި ރާއްޖެ 2045“ ގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތުގައި މުހިންމު މަރުޙަލާއެއް ނިމުމުގެ ހެއްކެކެވެ. ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި އެކު އެކުލަވާލާ މި ޤައުމީ ޕްލޭންގެ މަޤްޞަދަކީ، ކުރިއަށް އޮތް 20 އަހަރު ރާއްޖެ އޮންނަން ރައްޔިތުން ބޭނުންވާގޮތުގެ ތަސައްވުރު އެކުލަވައިލައި، އެއަށް ޤާނޫނީ ބާރުވެރިކަން ލިއްބައިދިނުމެވެ. މިފަދަ ދުރުރާސްތާ ޕްލޭނެއްގައި ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރުމަކީ، ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ހުރިހާ ދިވެހިންގެ ހިއްސާ އޮތްކަން ކަށަވަރުކޮށްދޭ ކަމެކެވެ. އަދި މި ޕްލޭންގެ ކާމިޔާބީއަކީ، ހުރިހާ ރައްޔިތުންގެ ބައިވެރިވުމުގެ ނަތީޖާއެއް ކަމުގައި ވެގެންދާނެއެވެ.

