ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި ދޫކުރުމުގެ އުސޫލު އާންމުކޮށްފި: ޖެނުއަރީ މަހު ފޯމް ހުށަހަޅަންވީ!

"ރަސްމާލެ" ގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކަން ފެށުުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. އެގޮތުން، ސަރުކާރުން ވަނީ “ބޯހިޔާވަހިކަން އެންމެނަށް” މި ސިޔާސަތުގެ ދަށުން، ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިން ބިން ދޫކުރުމުގެ ބޮޑު މަޝްރޫޢެއް ފަށާފައެވެ.

މި މަޝްރޫޢުގެ ދަށުން ގޯތި ދޫކުރުމުގެ އުސޫލު އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިހާރު ވަނީ ގެޒެޓުކޮށް އާންމުކޮށްފައެވެ.

މި އުސޫލު އާންމުކުރުމާއެކު، ޖެނުއަރީ 4، 2026 އިން ފެށިގެން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިއީ އެތައް ހާސް ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ އުންމީދު އާވެގެންދާނެ ކަމެކެވެ.

ބިން ދޫކުރުމުގެ ސްކީމާއި ކެޓަގަރީތައް

މި ސްކީމުގެ ދަށުން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، މި އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ ގޯތިތަކެވެ. މި ގޯތިތައް ވަނީ ތަފާތު ކެޓަގަރީތަކަށް ބަހާލާފައެވެ. އެގޮތުން އެންމެ ބޮޑު ބައި ކަނޑައަޅާފައިވަނީ މާލޭ ރަށްވެހިންނަށެވެ.

މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީތައް

މާލޭ ރަށްވެހިންނަށް ޖުމްލަ 10,000 ގޯތި ކަނޑައަޅާފައިވެއެވެ. މިއީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ދެވޭ ވަރަށް ބޮޑު އިސްކަމެކެވެ. މި 10,000 ގޯތި ބަހާލާފައިވާ ގޮތް ތިރީގައި މިވަނީއެވެ:

  • އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 7,000 ގޯތި.
  • މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 1,000 ގޯތި.
  • ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 2,000 ގޯތި.

އެހެން ރަށްރަށުގެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ޚާއްސަކޮށް 3,000 ގޯތި ވަނީ ކަނޑައަޅާފައެވެ. މާލޭގެ އާބާދީގެ ބޮޑު ބައެއް އެކުލެވިގެންވަނީ އެހެން ރަށްރަށުން އައިސް މާލޭގައި ދިރިއުޅޭ ފަރާތްތަކުން ކަމަށްވާއިރު، މި ކެޓަގަރީއަކީ އެ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.

ޚާއްސަ ކެޓަގަރީތައް

މީގެ އިތުރުން، ދެ ޚާއްސަ ކެޓަގަރީއެއްގެ ދަށުން 2,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

  • މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތައް: 500 ގޯތި.
  • މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް: 1,500 ގޯތި.

އެޕްލިކޭޝަން ހުށަހެޅުމުގެ އުސޫލު

ގޯއްޗަށް އެދި ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި ޕޮއިންޓްދޭނެ އުސޫލުތަކުގެ ޤަވައިދު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 04 ޖަނަވަރީ 2026 އިން ފެށިގެން 03 މާރިޗު 2026 ގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް، ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދާ ޕޯޓަލް www.hiyaavehi.gov.mv މެދުވެރިކޮށެވެ.

މި އުޞޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ “މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލު” ނުވަތަ “މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު” ގެ ތެރެއިން ކޮންމެވެސް އެއް އުޞޫލެއްގެ ދަށުންކަން ފާހަގަކޮށްލަން ޖެހެއެވެ. މިއީ ބޯހިޔާވަހިކަމުގެ އެހީ ދެވޭ ފަރާތްތަކުގެ އަދަދު އިތުރުކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.

ސަރުކާރުގެ މި ބޮޑު މަޝްރޫޢަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެޅުނު އެންމެ ބޮޑު އެއް ފިޔަވަޅެވެ. 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މާލޭގެ އަސްލު ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް މި ފުރުޞަތު ހުޅުވާލާފައިވާކަން ފާހަގަކޮށްލެވެއެވެ. ގޯތި ދޫކުރުމުގެ އުސޫލު ގެޒެޓުކޮށް، ފޯމު ހުށަހެޅުމުގެ ތާރީޚުތައް އާންމުކުރުމަކީ، އެތައް ބަޔަކު އިންތިޒާރުކުރަމުން ދިޔަ އުންމީދެއް ޙަޤީޤަތަކަށް ވުމުގެ ފެށުމެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: