ރައީސުލްޖުމްހޫރިއްޔާ އައްޑޫއަށް ކުރެއްވި ދަތުުރުފުޅުގައި ރައްޔިތުންނަށްވީ ވައުދުތަކުގައި ހަގީގީ ކުލަ ޖެހިދާނެކަމާއި މެދު ރައްޔިތުން ސުވާލު އުފައްދާކަމަށް މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ކުރިޔަށް ދަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ މަސައްކަތެވެ.
ބަޖެޓު ބަހުސްގައި އަބްދުއްރަހްމާން ވިދާޅުވީ، ކޮންމެ ސަރުކާރަކުން ވެސް އެންމެ ފޮނި ހުވަފެން ދައްކާ އެއް ބަޔަކީ އައްޑޫގެ ރައްޔިތުން ކަމަށެވެ. އެގޮތުން މި ސަރުކާރުން ވެސް އައްޑޫއަށް ބޮޑެތި އެތައް ވައުދުތައްވީ އިރު އޭގެ ތެރޭގައި، ހިމެނޭ ބްރިޖުގެ މަސައްކަތް ކުރިޔަށް ދާނެތޯ ނުވަތަ އެއީ ހަމައެކަނި ހުސް ވާހަކަތަކެއްތޯ ރައްޔިތުން ސުވާލު ކުރާކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުދޫ – މީދޫ ބްރިޖަކުން ގުޅުވާލުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި އެ މަސައްކަތާއި ގުޅޭ ސާވޭތަކާއި، ބްރިޖުގެ ކޮންސެޕްޓާއި ގުޅޭ ސާވޭއެއް ކުރުމަށް ބަޔަކާއި މިހާރު ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
އައްޑޫ ބްރިޖުގެ މައްސަލައިގައި އަބްދުއްރަހްމާން ވިދާޅުވީ، މިދިޔަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ 30 މިލިއަން ރުފިޔާއަށް އައްޑޫ ބްރިޖް ސާވޭ ކުރަން އައްޑޫ މާކަނޑަށް ފޭބި ބައެއްގެ އެއްވެސް މައުލޫމާތެއް ސަރުކާރަށް ވެސް ނޭނގޭކަމަށެވެ. އަދި މަސައްކަތް ކުރިޔަށް ނުދާނެކަމަށް ބެލެވޭތީ، ސާވޭ ކުރުމަށް ޗައިނާގެ ކުންފުންޏަކަށް އަނެއްކާވެސް ހަވާލުކޮށްފައިވާކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހްމާން ވަނީ ޗައިނާގެ ކުންފުންޏަށް ވީނުވީއެއް ނޭނގިގެން ދެން އައްޑޫގެ މާކަނޑަށް ނިކުންނަން ޖެހޭނީ އެމްޓީސީސީތޯ ވެސް ސުވާލު ކުރައްވާފަ އެވެ.
އޭނާ ފާހަގަކުރެއްވި އަނެއް މައްސަލއަކީ، އައްޑޫގެ މަގު ހެދުމުގެ ޕްރޮޖެކްޓް އާރްޑީސީއަށް 829 މިލިއަން ރުފިޔާއަށް ހަވާލުވެފައިވީ ނަމަވެސް، އެ މަސައްކަތުގައި އެއްވެސް ވަސީލަތެއް ނެތި ވަރަށް މަދު މުވައްޒަފުން ތިބުމެވެ.
އަބްދުއްރަހްމާން ވިދާޅުވީ، ރައީސް ރާއްޖޭގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކަކީ ސީދާ ކައުންސިލް އިންތިހާބަށް ކެމްޕޭނަށް ކަޑަ ޖެހުމަށް ކުރެއްވި ދަތުރުތަކެއް ކަމަށް އައްޑޫ ގިނަ ރައްޔިތުން ސިފަކުރާ ކަމަށެވެ. އަދި ރައްޔިތުންގެ އަޑުއެހުމުގެ ބަދަލުގައި ސަރުކާރުން ދޭން ބޭނުންވާ މެސެޖު ރައްޔިތުންނަށް ދީ، މިއީ ރައްޔިތުންގެ ފައިސާއިން ހެޑްލައިން އުފެއްދުމަށް ކުރެއްވި އިސްރާފު ކަމަށާއި، ޖެއްސެވީ ޕީއާރު ސްޓަންޓެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ވެރިންނަށް އައްޑޫ ރައްޔިތުން ފެންނަނީ ހަމައެކަނި ވޯޓެއް ޖެހުމުންކަމަށް ދެކެވޭ ވާހަކަތައް ތަކުރާރު ކުރައްވައި އަބްދުއްރަހްމާން ވިދާޅުވީ ގައުމުގެ ތަރައްގީގެ ވާހަކައާއި އެކު ވެސް ވެރިންނަށް އައްޑޫ ފެންނަ ކަމަށެވެ. މީގެ އަހަރުތަކެއް ކުރިން އައްޑޫގައި ސާކް ސަމިޓް ބާއްވައި، ބިލިއަން ޑޮލަރަށް އައްޑޫ ތަރައްގީކުރި ވާހަކަ ދައްކާއިރު، އޭރު ފެނުނީ ލިބުނު އެހީއާއި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށް އިސްރާފު ކުރި މަންޒަރުކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން 400 މިލިއަން ޑޮލަރު ލޯނުކޮށް އިންވެސްޓްކޮށް އައްޑޫގެ އެތައް ތަނެއް ހިއްކާ، އައްޑޫގެ ޗާޓުވެސް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ހިއްކި ރަށްތަކުން އަދި އެއްވެސް އާމްދަނީއެއް ނުލިބޭއިރު، މިިއީ އަނބުރާ ދައްކަން ޖެހޭ ލޯނުތައްކަން ފާހަގަކުރެއްވި އެވެ. އަދި މިހާރު ހިއްކި ރަށްތަކުގައި ދޫނި ބިސްއަޅައި އާލާވަމުން އަންނައިރު، ދެން ފެންނާނީ ބަޔަކު ނިކުމެ ދޫނި ހިމާޔަތް ކުރަން އެތަން ބަޔޮސްފިއަރ ރިޒާވެއްކަން ހެދި ތަންކަމަށް އަބްދުއްރަހްމާން ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ބަޖެޓުގެ ހިމަނާ 30 މިލިއަނަށް އައްޑޫ ބްރިޖް ސާވޭ ކުރަން އައްޑޫ މާކަނޑަށް ފޭބި މިސްރު ބައެއްގެ ހަބަރު ނުވެގެން ޗައިނާ ބަޔަކަށް މިލިއަން ޑޮލަރަށް ހަވާލުވެއްޖެ. ދެން ފެންނާނީ ޗައިނާ މީހުން ހޯދަން އެމްޓީސީސީން އައްޑޫ މާކަނޑަށް ފޭބި ތަންކަމަށް އައްޑޫ ރައްޔިތުން އެބަ ކިޔާ.
އަބްދުއްރަހްމާން ވިދާޅުވީ، ރާއްޖެ ތަރައްގީވުމަށް ރަސްމާލެ މަޝްރޫއު ކުރިޔަށް ގޮސް، ތިލަމާލެ ބްރިޖާއި އައްޑޫ ބްރިޖާއި ބިއްލޫރި ޓަނަލް ފަދަ މަޝްރޫއުތައް ވެސް ބޭނުންކަމަށެވެ. ނަމަވެސް، ”ނުކައި ނުބޮއި ލިބޭ އެއްޗަކުން ހަމަ ނުޖެހި މިކަންކޮށްގެން ދަރަނިވެރިވެގެން ތިބެންވީ ތޯ“ އޭނާ ސުވާލު އުފެއްދި އެވެ.
މާލޭގެ ހަތަރު ރަށްވަރު ރަށެއްގައި ބޮޑު ރަސްމާލެއެއް އާބާދުކޮށް، ބިއްލޫރި ޓަނަލް ހަދައި، 15,000 ގޯއްޗާއި 60,000 ހައުސިން ޔުނިޓް އެޅުމުގެ ތަނަވަސްކަން ހުރިކަމަށް ސަރުކާރުން ބުނާއިރު، އަތޮޅުތެރޭގައިކަމެއް ކުރަން ޖެހުމުން ކުރީ ސަރުކާރުގެ ދަރަންޏާއި، ހަރަދު ދެކޮޅު ނުޖެހޭ ވާހަކަ ދައްކަނީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ.
އަޅުގަނޑުމެން މާލޭގައި ތިބެނި ލިބޭ އެއްޗެއް މާލެ ހަތަރު ފާރަށް، ދައްކައިގެން އޮށޯވެ ސީލިންގަށް ބަލަން ރަށްރަށުން ފޮނުވި ކުދިގުޅަޔާއި ތެލި ބަންކެއު ކާން. ވެރިކަމަށް ދެއަހަރު މިވީ، މި ސަރުކާރަށް އަޑުއަތޮޅަށް އަދި އެއްވެސް ކަމެއްކޮށް ނުދެވޭ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަޑުއަށް ދަތުރުފުޅު ކުރައްވާ އަނެއްކާވެސް އުއްމީދު ދެއްވައިފި… އެ އުއްމީދުގެ، ކުލަޖެހުމުގެ އުއްމީދެއް ނެތް. އެމަނިކުފާނު އިތުރުފުޅު ހައްދަވާ ވާހަކަ ބަޔަކު ދެއްކިޔަސް އަޅުގަނޑު އެކަން ގަބޫލެއް ނުކުރަން. ސަބަބަކީ އެމަނިކުފާނު ކޮށްދެއްވަން ވައުދުވާ ކޮންމެ ކަމެއް ވައުދުވަނީ އިރާދަފުޅާލައިގެން ކަމަށް ވެފައި، ސަރުކާރަށް ތާއީދުކުރާ އިލްމުވެރިންވެސް ވިދާޅުވަނީ އިރާދަ ނުކުރެއްވުން އެއީ މުޅިން އެހެން ކަމެއްކަމަށް.
އަބްދުއްރަހްމާން ވިދާޅުވީ، މި ތަނަވަސްކަން ހުރެގެން މާލެ ސަރަހައްދު ތޮއްޖައްސައިގެން މިކަން ނުކޮށް، ރާއްޖެތެރޭ ރައްޔިތުންނަށް އެމީހުންގެ ރަށްރަށުގައި ވަޒަންވެރިވެ އުޅުމުގެ މަގު ފަހިކޮށްދޭން ޖެހޭ ކަމަށެވެ. އަތޮޅުތެރޭ ރައްޔިތުންނަށް 60,000 ހައުސިން ޔުނިޓަށް އަންނަން ތިބެން ނުޖެހޭނެ ކަމަށާއި، މިތަންތަން ހަދަނީ ހަމަ އަތޮޅުތެރޭ ރައްޔިތުންގެވެސް ފައިސާއިންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުގެ ހައުސިން މައްސަލަ ހައްލުވާނީ އަތޮޅުތެރޭ ރައްޔިތުންނަށް ރާއްޖެތެރޭގައި ވަޒަންވެރިވެ އުޅުމުގެ ފުރުސަތު ތަނަވަސްކޮށްދީގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހްމާން ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ވެފައިވާއިރުވެސް، އައްޑޫއަށް ގެނެސްދެވުނު އެއްވެސް ބަދަލެއް، ތަރައްގީއެއް ނެތްކަމަށެވެ. އަދި ވިދާޅުވީ ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުންނަށް އެތައް ވައުދެއްވީ ނަމަވެސް އެ އުންމީދުތަކުގައި ކުލަ ޖެހޭ މަންޒަރު ނުފެންނަ ކަމަށެވެ.
މަޒާޖީ ގޮތެއްގައި އަބްދުއްރަހްމާން ވިދާޅުވީ ރައީސް އިތުރުފުޅު ހައްދަވާ ވާހަކަ ބަޔަކު ދެއްކިޔަސް އޭނާ އެކަން ގަބޫލުނުކުރައްވާ ކަމަށާއި، ސަބަބަކީ ރައީސް ކޮށްދެއްވަން ވައުދުވާ ކޮންމެ ކަމެއް ވައުދުވަނީ އިރާދަފުޅާއެކުގައި ކަމަށް ވާތީ ކަމަށެވެ. އަދި ސަރުކާރަށް ތާއީދުކުރާ އިލްމުވެރިންވެސް ވިދާޅުވަނީ އިރާދަ ނުކުރެއްވުން އެއީ މުޅިން އެހެން ކަމެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.

