ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދުސްތޫރެވެ. އެއީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި އަޅުގަނޑުމެން ހިފަހައްޓަންޖެހޭ އަސާސީ މަންހަޖެވެ. ކީރިތި ޤުރުއާން އުނގެނި އުނގަންނައިދޭ މީހަކީ މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ މީހާކަމަށް ކައު ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވަނީ އުންމަތަށް ބަޔާންކޮށްދެއްވައިފައެވެ.
ދިވެހިރާއްޖެއަކީ 100 އިންސައްތަ މުސްލިމް ޤައުމަކަށް ވާއިރު، ކީރިތި ޤުރުއާނުގެ ޢިލްމާއި ފަންނު ދިރުވައި އާލާކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް އެންމެ އިސް އެއް ވާޖިބެވެ. މިގޮތުން، މިހާރު ވެރިކަމުގައި އޮތް ސަރުކާރުން ވަނީ، ކީރިތި ޤުރުއާނަށް އިސްކަންދެއްވައި، ޤައުމީ ފެންވަރުގައި ޤުރުއާނާ ގުޅޭ ޙަރަކާތްތަކަށް އާ ދިރުމެއް ގެނެސްދެއްވައިފައެވެ. ޚާއްޞަކޮށް ޤައުމީ ޤުރުއާން މުބާރާތުގެ ދަރަޖަ މަތިކުރެއްވުމާއި، ޙާފިޒުން އިތުރުކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.
ޤައުމީ ޤުރުއާން މުބާރާތުގެ ކުރީގެ ޙާލަތު
ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ތަޢާރަފުވެގެން އައި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ފަހަކަށް އައިސް ސަމާލުކަން ކުޑަވެފައިވާ މުބާރާތެއްކަމަށް ވެއެވެ. ދައުލަތުގެ ބަޖެޓުން މާ ބޮޑު ޚަރަދެއް ނުކުރައްވައި، ކޮންމެވެސް ފަންޑެއްގެ ތެރެއިން ހިންގަމުން ގެންދިޔަ މި މުބާރާތުގެ އިނާމުތަކަކީ ވެސް ނިސްބަތުން ވަރަށް ކުދިކުދި އިނާމުތަކެކެވެ.
ރާއްޖޭގައި ބޭއްވިފައިވާ ބޮޑެތި މުބާރާތްތަކަށް ބަލާއިރު، އެންމެ ބޮޑެތި އިނާމުތައް ދެވިފައިވަނީ ލަވައާއި މިޔުޒިކުގެ މުބާރާތްތަކަށެވެ. މިއީ ޤުރުއާނުގެ ޢިލްމަށް ދެވޭ އަހަންމިއްޔަތުކަން ކުޑަވެފައިވާކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ. އަހަރަކަށް ވުރެ އަހަރެއް އައިއިރު، މުޖުތަމަޢުގެ ސަމާލުކަން ވެސް މި މުބާރާތަށް ދެމުން އައީ މަދުވަމުންނެވެ.
ޤުރުއާން މުބާރާތް އެންމެ ޝަރަފުވެރި މުބާރާތަށް ބަދަލުކުރެއްވުން
މިއަދުގެ ސަރުކާރުން ވަނީ ކީރިތި ޤުރުއާނުގެ ޢިލްމާއި ފަންނު ދިރުވައި އާލާކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިފައެވެ. އިސްލާމިކް މިނިސްޓްރީއިން ފާހަގަކުރައްވާ ގޮތުގައި، މި ސަމާލުކަމުގެ ސަބަބުން މިއަދު ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު، އެންމެ އިނާމު ބޮޑު، އަދި އެންމެ ޝަރަފުވެރި މުބާރާތްކަމުގައި ވަނީ ހައްދަވައިފައެވެ. މިއީ ކުރިއާ ޚިލާފަށް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ހިންގަވާ މުބާރާތަކަށް ވެފައިވުމުން، ދައުލަތުގެ ފަރާތުން މިކަމަށް ދެއްވާ އަހަންމިއްޔަތުކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ.
ވަނަވެރީންނަށް ޚާއްޞަ ބޮޑެތި އިނާމުތައް
މިދިޔަ އަހަރު ބޭއްވި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން، މުބާރާތުގެ ވަނަވެރީންނަށް ބޮޑެތި އިނާމުތައް ސަރުކާރުން ކަނޑައަޅުއްވައި ދެއްވާން ފައްޓަވައިފިއެވެ. މިހާރު މި މުބާރާތުގެ އިނާމުތަކަކީ ރާއްޖޭގެ އެންމެ އަގުބޮޑު އިނާމުތަކެވެ. މުޅި މުބާރާތުން ކޮންމެ ގޮތްޕަކުން އެއް ވަނަ ހޯދާ ވަނަވެރިއަކަށް، އެ ވަނަވެރިއަކު ބޭނުން ދާއިރާއަކުން، ބޭނުން ޤައުމަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ. މިފަދަ ބޮޑު އިނާމެއް ޤުރުއާން މުބާރާތަކަށް ދެއްވުމަކީ، ޤުރުއާނުގެ ޢިލްމު އުނގެނުމަށް ޒުވާނުންނާއި ކުދިންގެ ހިތްތަކުގައި ޝައުޤުވެރިކަން އާލާކުރާނެ ކަމެކެވެ.
500 ޙާފިޒުން އުފެއްދެވުމުގެ މަޝްރޫޢު
ޤުރުއާނުގެ ޢިލްމަށް އިސްކަންދެއްވުމުގެ ގޮތުން ސަރުކާރުން ވަނީ 500 ޙާފިޒުން އުފެއްދެވުމުގެ ބޮޑު މަޝްރޫޢެއް ފައްޓަވައިފައެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ވެސް އެތައް ޙާފިޒުންނެއް ވަނީ އުފެދިފައެވެ. މީގެ އިތުރުން، ޙާފިޒުންނަށް ދައުލަތުން ދެއްވާ ފައިސާގެ ޢިނާޔަތް ދެގުނަ ބޮޑުކުރައްވައިފިއެވެ. މިފަދަ ޢިނާޔަތްތަކަކީ ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރުދީ، އެ މަސައްކަތުގައި ދެމިތިބޭ ފަރާތްތަކަށް އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ލުއިކަމެއް ހޯދައިދޭނެ ކަންކަމެވެ.
ޙާފިޒުންނަށް ދައުލަތުގެ ޝަރަފު
ޙާފިޒުންނަށް ދައުލަތުގެ ފަރާތުން ޚާއްޞަ ޝަރަފެއް ދެއްވުމުގެ ގޮތުން، ޙާފިޒުންނަށް ދަރަޖަ ދެއްވުމަށް ޓަކައި ޚާއްޞަ ވަކި ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިއީ ޙާފިޒުންނަކީ މުޖުތަމަޢުގައި ޝަރަފުވެރި ބަޔެއްކަމަށް ދައުލަތުން ބަލައިގަންނަ ކަމުގެ ހެއްކެކެވެ. މިފަދަ ރަސްމިއްޔާތުތަކުން ޙާފިޒުންނަށް ލިބޭ އިޙްތިރާމާއި ޤަދަރު އިތުރުވެ، ޤުރުއާން ހިތުދަސްކުރުމުގެ މުހިންމުކަން ޤައުމީ ފެންވަރުގައި އިތުރަށް ހާމަވެގެންދެއެވެ. މިކަންކަމުން އެނގި ސާބިތުވަނީ އިސްލާމްދީނުގެ މައިގަނޑު އަސާސްކަމަށްވާ ކީރިތި ޤުރުއާނުގެ ޢިލްމާއި ފަންނު ދިރުވައި އާލާކުރެއްވުމަށް ޓަކައި މިއަދުގެ ސަރުކާރުން ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަންކަމެވެ.
ކީރިތި ޤުރުއާނަށް އިސްކަންދެއްވައި، ޤައުމީ ޤުރުއާން މުބާރާތުގެ ދަރަޖަ މަތިކުރެއްވުމާއި، ޙާފިޒުން އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ދީނީ ރޮނގުން ޤައުމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ. މުބާރާތް ދައުލަތުގެ ބަޖެޓުން ހިންގަވައި، ވަނަވެރީންނަށް ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ދެއްވުމާއި، ޙާފިޒުންގެ ޢިނާޔަތް ބޮޑުކުރައްވައި، އެބޭފުޅުންނަށް ޝަރަފު ދެއްވުމަކީ، ޤައުމުގެ ދީނީ އަސާސްތައް ވަރުގަދަކުރެއްވުމަށް ކުރައްވާ މުހިންމު މަސައްކަތްތަކެކެވެ. މިކަމަށްޓަކައި ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާއަށާއި، އެންމެހައި މަޞްލަޙަތުވެރީންނަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ޝުކުރާއި ތަހުނިޔާ އަދާކޮށްފައެވެ.

