ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް 2 އަހަރު: ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސްތަކުގައި ތައުރީފު ލިބޭ މިންވަރަށް ޒަކާތުގެ ދާއިރާ ފުޅާކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޒަކާތަކީ އިސްލާމްދީނުގެ ފަރުޟެކެވެ. ޒަމާނުއްސުރެ ޒަކާތަށް ބަލަމުން އައީ ހަމައެކަނި މުއްސަނދީންގެ އަތުން ނަގައި ފަގީރުންނަށް ވަގުތީ ހާޖަތްތައް ފުއްދައިލުމަށް ދެވޭ އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް ޒަކާތުގެ ހަގީގީ މަގުސަދަކީ މުޖުތަމަޢުން ފަގީރުކަން ނައްތަވައިލެއްވުމެވެ.

ރައީސް ޑރ. މުޙަންމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މި މަގުޞަދު ޙާޞިލުކުރުމަށްޓަކައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. ސަރުކާރުގެ މި ދެ އަހަރުގެ ތެރޭގައި ޒަކާތުގެ ދާއިރާ ވަނީ ފުޅާކުރެވި، ބައިނަލްއަޤުވާމީ ފެންވަރުގައި ތައުރީފު ލިބޭ މިންވަރަށް ތަރައްޤީވެފައެވެ.

ޒަކާތު ހައުސް އުފެއްދުމާއި މަޤްޞަދު ބަދަލުވުން

ޒަކާތުގެ ހަގީގީ މަޤްޞަދު ކަމުގައިވާ ފަގީރުކަން ނައްތައިލުމުގެ ވިސްނުމުގައި، ސަރުކާރުން ވަނީ ޒަކާތު ހައުސްގެ ނަމުގައި ޒަކާތާ ބެހޭ ވަކި މުއައްސަސާއެއް އުފައްދަވައިފައެވެ. މި މުއައްސަސާގެ މައިގަނޑު މަސައްކަތަކީ ޒަކާތު ފަންޑު ތަރައްގީކޮށް، އެ ފައިސާގެ ބޭނުން ހިފޭނެ ދާއިރާތައް ފުޅާކުރުމެވެ.

އިސްލާމިކް މިނިސްޓްރީއިން ފާހަގަކުރައްވާ ގޮތުގައި، މި ބަދަލާއެކު ޒަކާތަކީ ހަމައެކަނި ވަގުތީ އެހީއެއްގެ ބަދަލުގައި، ދިގު މުއްދަތަށް މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމަށް ބޭނުންކުރެވޭ ވަސީލަތަކަށް ވަނީ ބަދަލުވެފައެވެ.

ފަގީރުންނަށް ލިބޭ މިންވަރު އިތުރުކުރުމާއި ސިއްޙީ އެހީ

ސަރުކާރުގެ މި ދައުރުގައި ޒަކާތުގެ ބެހެނިވެރީންނަށް ޒަކާތުން ލިބޭ މިންވަރު ވަނީ އިތުރުކޮށްދެއްވައިފައެވެ. މީގެ އިތުރުން، ޒަކާތު ފަންޑުގެ އެހީތެރިކަން މިއަދު ވަނީ ސިއްޙީ ދާއިރާއަށް ވެސް ފުޅާކުރެވިފައެވެ.

އެގޮތުން ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޚާއްޞަކޮށް ތެލެސީމިއާ ކުދިންގެ ތެރެއިން ހާލަތަށް ބަލައި ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ބޯންމެރޯ ހެދުމުގެ ޚަރަދު ވެސް ޒަކާތު ފަންޑުން ކުރައްވައެވެ. މިއީ ދާއިމީ ސިއްޙީ ހައްލެއް ހޯދައިދިނުމަށް ޒަކާތުގެ ފައިސާ ބޭނުންކުރާ މުހިންމު މިސާލެކެވެ.

ގެދޮރުވެރިކުރުމުގެ ބޮޑު މަޝްރޫޢު

ޒަކާތުގެ ފައިސާ ބޭނުންކުރެވޭ އެންމެ އާދަޔާޚިލާފު އަދި މުހިންމު ދާއިރާއަކީ ގެދޮރުވެރިކުރުމެވެ. ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ތިބި މީހުންނަށް ލިބިފައިވާ އެޕާޓުމެންޓުތަކަށް ފުރަތަމަ ދައްކާން ޖެހޭ ޑައުންޕޭމެންޓް ނުދެއްކިގެން އެ އެޕާޓުމެންޓް ނުލިބިގެން އުޅޭ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ވަނީ ފިޔަވަޅު އަޅުއްވައިފައެވެ. އެގޮތުން، ގެދޮރު ނެތް މީހުން ގެދޮރުވެރިކުރުމަށްޓަކައި، ފުލެޓު ލިބޭ ގޮތަށް ހަމަޖެހި ޑައުންޕޭމަންޓު ދެއްކޭނެ މިންވަރު ނެތް ފަގީރުންނާއި މިސްކީނުން ކުރެ ކޮންމެ މީހަކަށް ޑައުންޕޭމަންޓަށް ދައްކާންޖެހޭ 340،000 (ތިންލައްކަ ސާޅީސްހާސް) ރުފިޔާ ދެއްކުމަށް ޒަކާތު ފަންޑުން ޚަރަދުކުރާނެކަމަށް ވަނީ ނިންމަވައިފައެވެ. މިއީ ޒަކާތުގެ ފައިސާއިން މުޖުތަމަޢުގެ އެންމެ ބޮޑު އެއް މައްސަލަ ޙައްލުކުރުމަށް އެޅުއްވި ތާރީޚީ ފިޔަވަޅެކެވެ.

ތަޢުލީމާއި ޙައްޖުގެ ފުރުޞަތު

ޒަކާތު ފަންޑުގެ ބޭނުން ހިފޭ އަނެއް މުހިންމު ދާއިރާއަކީ ތަޢުލީމެވެ. މަތީ ތަޢުލީމު ޙާޞިލުކުރުމުގެ މާލީ ޤާބިލުކަން ނެތް ޒުވާނުންނަށް އިސްލާމީ ތަޢުލީމުގެ ދާއިރާއިންނާއި ޤައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކުން ތަޢުލީމު ޙާޞިލުކުރުމަށް ޓަކައި ޒަކާތު ފަންޑުން ކޮންމެ އަހަރަކު ވެސް ސްކޮލާރޝިޕްގެ ފުރުޞަތުތައް ސަރުކާރުން ދަނީ ހޯއްދަވައިދެއްވަމުންނެވެ.

މީގެ އިތުރުން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ތިބި މީހުންގެ ތެރެއިން ކޮންމެ އަހަރަކު ވަކި ޢަދަދެއްގެ ބަޔަކު ދައުލަތުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ.

ބައިނަލްއަޤުވާމީ ތަޢުރީފު ލިބުން

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު މިއަދު ވަނީ ދުނިޔޭގެ ޤައުމުތަކުގައި މަޤުބޫލުކަން ހޯދައިފައެވެ. އިސްލާމިކް މިނިސްޓްރީއިން ފާހަގަކުރައްވާ ގޮތުގައި، މިކަން އެނގެނީ ދިވެހިރާއްޖޭގައި ބޭއްވޭ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސްތަކުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޢިލްމުވެރީން ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަށް ތަޢުރީފުކުރައްވައި، މި ނިޒާމުގެ ކާމިޔާބީ ފާހަގަކުރައްވާތީއެވެ. ޒަކާތުގެ ފައިސާގެ ބޭނުން ހިފުމުގައި ގެނެވުނު އިންޤިލާބީ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ ޒަކާތުގެ ނިޒާމު ވަނީ ދުނިޔޭގެ ފެންވަރުގައި ނަމޫނާއަކަށް ވެފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ޒަކާތުގެ ދާއިރާއަށް އައި ބަދަލުތަކަކީ ތާރީޚީ ބަދަލުތަކެކެވެ. ޒަކާތު ހައުސް އުފައްދައި، ފަގީރުކަން ނައްތައިލުމުގެ މަޤްޞަދުގައި ގެދޮރުވެރިކުރުމާއި، ސިއްޙަތާއި ތަޢުލީމުގެ ދާއިރާއިން ދާއިމީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޒަކާތުގެ ބޭނުން ހިފޭނެ އެންމެ ފުރިހަމަ ގޮތްކަން މިވަނީ ސާބިތުކޮށްދީފައެވެ. މި ކާމިޔާބީތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ވަނީ ދުނިޔޭގެ ފެންވަރުގައި ނަމޫނާއަކަށް ވެ، ބައިނަލްއަގުވާމީ ތަޢުރީފު ހޯދައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: