ފަތުރުވެރިކަން އެންމެ ދަށް ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، ފަތުރުވެރިކަމުގެ އެނދުތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވި، ރައްޔިތުންނަށް އޭގެ މުއްސަނދިކަން ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ކުރިއަށްދިޔަ ”ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 104 ރަސްމިއްޔާތު“ ގައި ވާހަކަފުޅުދައްކަވަމުންނެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ފަތުރުވެރިކަން ފުޅާކުރުމަށް މިހާތަނަށް ޖުމްލަ 6223 އެނދު ރަޖިސްޓްރީ ކުރެވިފައިވާކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ފަތުރުވެރިކަން ނެތް އަތޮޅުތަކަށް ފަތުރުވެރިކަން ގެންދިއުމުގެ ސިޔާސަތުގެ ތެރޭގައި ހިނެނިގެން ހދ. ނާގޯށި ތަރައްޤީކުރުމަށްޓަކައި ސަރުކާރުން އެހީތެރިކަން ދެއްވައިގެން މަސައްކަތް ފައްޓަވާފައިވާކަމުގައި ވިދާޅުވިއެވެ. އަދި ހަމަ އެގޮތަށް، އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓު މިއަހަރު ނިމޭއިރު ހުޅުވާނެކަމުގެ ޔަގީންކަން އެތަނުގެ އޯނަރުން ދެއްވާފައިވާކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމްގެ މަޝްރޫޢެއްގައިވެސް ސޮއިކުރެވިފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް ހަންކެޑޭގެ މަޝްރޫޢަށްވެސް އިންވެސްޓްކުރާ ފަރާތުން ލީޒް އެކުއިޒިޝަން ކޮސްޓް ދައްކައި އެއްބަސްވުމުގައި ސޮއިކުރައްވާނެކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ދެއްވާފައިވާ ލުއިތަކުގެ ތެރެއިން އެތައް ފަރާތަކުން ބިޑް ހުށައަޅައިގެން އެކި މަރުހަލާތަކުގައި ކުރިއަށްދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާއަތަށްބަލާއިރު، މި ސަރުކާރު އައިއިރު މަސްވެރިން ތިބީ ބިކަވެ ދޫކޮށްލާފައި ކަމަށާއި މި ސަރުކާރުން މަސްވެރިންނަށް އިސްކަންދީގެން މަސައްކަތް ކުރައްވާފައިވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން އެތައް އައިސްޕްލާންޓެއް މަރާމާތުކޮށް އަލަށް 4 ރަށެއްގައި އައިސްޕްލާންޓް ހުޅުވި، 6 ރަށެއްގައި މަސައްކަތް ހިނގަމުންދާކަމަށާއި އާރް.އެސް.ޑަބްލިއު ލޯނު ދީގެންވެސް އެތައް ދޯންޏެއްގައި މި ނިޒާމު ގާއިމުކުރެވިފައިވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން މިހާރުވެސް އާރް.އެސް.ޑަބްލިއު ގާއިމުކުރުމަށް އައު ފުރުސަތެއް ހުޅުވާލައިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ދައުރު ފެށުނުއިރު 9500 ޓަނުގައި ހުރި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މި ފަސް އަހަރު ނިމޭއިރު 24500 އަށް އިތުރުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ކޫއްޑޫ އިތުރަށް ތަރައްޤީ ކުރައްވަމުން ގެންދަވާކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިސަރުކާރު ވެރިކަމާ ޙަވާލުވިއިރު މަސްވެރިންނަށް ނުދީހުރި ދުއިސައްތަ އެތައް މިލިއަނެއްގެ ފައިސާ ޚަލާސްކޮށް، މިދިޔަ ޑިސެންބަރު 10 އިން ފެށިގެން އެންމެ ދުވަހެއްވެސް ނުވެއްޓި ބަރާބަރަށް ފައިސާ ދެމުންދާކަމުގައި ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ސަރުކާރުން އިޢުލާނުކުރި ހުރިހާ ރަށެއްގައި އަންނަ މާޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑް ގާއިމުކުރެވޭނެކަމުގެ ޔަޤީންކަން ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ދެއްވާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.

