އަތޮޅުތަކުގައި ސިއްހީ ހިދުމަތް ފުޅާކޮށް، ހިދުމަތް ހޯދުމަށް ދާ ބަލި މީހުންނަށް ގިނަ ވަގުތު މަޑު ކުރަން ނުޖެހޭ ގޮތަށް ނިޒާމު ބައްޓަން ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާކަމަށް ހެލްތް މިނިސްޓަރ އަބްދުއްﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
އެގޮތުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސިއްޙީ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ސަންގުޓީވީން ގެނެސްދިން ހާއްސަ ކަވަރޭޖުގައި، މާލޭ ސަރަޙައްދުގައި ސަރުކާރުގެ ބޮޑެތި ހޮސްޕިޓަލްތައް ގާއިމްވެފައިހުރިއިރު، އެ ހޮސްޕިޓަލްތަކުގައި ތައާރަފުކުރެވިފައިވާ އައު ހިދުމަތްތަކުގެ ފެންވަރަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ދެންނެވުމުން، މިނިސްޓަރ ވިދާޅުވީ ގްރޭޓަރ މާލެ ސަރަޙައްދުގެ އާބާދީ ބޮޑުވުމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް އެންމެ ބޮޑު ގޮންޖެހުމަކީ އެނދު ކެޕޭސިޓީ މަދުވުން ކަމަށެވެ.
ނަމަވެސް، ފާއިތުވި ދެ އަހަރުގެ ތެރޭގައި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް 190 އަށްވުރެ ގިނަ އެނދު އިތުރުކުރެވިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި އަދަދަކީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހޮސްޕިޓަލްތަކަށް އެއްފަހަރާ އެނދު އިތުރުކުރެވިފައި ނުވާ މިންވަރަށް އިތުރު ކުރެވުނުކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށްވެސް އެނދު އިތުރުކުރެވިފައިވާ ކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޖާގައިގެ ގޮތުން އައިސީޔޫ އަދި އިމަރޖެންސީ ރޫމް ބޮޑުކުރެވިފައިވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ތުއްތުކުދިންނަށް ހާއްސަ އީއާރު އެއް މިހާރު ގާއިމްކުރެވިފައިވާނެ ކަމަށެވެ. މިގޮތަށް އެނދު ކެޕޭސިޓީ އިތުރުކުރެވުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމަށް ކިޔޫގައި ތިބެންޖެހޭ މީހުންގެ އަދަދު މަދުވެ، ހިދުމަތް ހޯދަން އަންނަ ބަލިމީހުންނަށް އަވަހަށް ހިދުމަތް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އަތޮޅުތެރޭގައިވެސް އިންފްރާސްޓްރަކްޗަރގެ މަސައްކަތްތަކެއް ކުރިއަށްދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މި މިނިސްޓްރީއިން 170 އަށްވުރެ ގިނަ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓް ކުރިއަށްގެންދާ ކަމަށެވެ.
މި ޕްރޮޖެކްޓްތައް ނިމޭއިރު، މުޅި ރާއްޖެއަށް އެތައް ސަތޭކަ އެނދު އިތުރުވެ، އެ ހެލްތް ފެސިލިޓީތަކުގައި ތިބޭ ޑޮކްޓަރުންނާއި ނަރުހުންގެ ސަބަބުން މުޅި ސިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

